އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ. މިރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑަށް އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު މިރޭ ގިނަ ބަދަލުތަކަކާއިއެކު ނިކުމެ ހޯދި މޮޅަކީ މި ހަފްތާގައި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ސެވިއްޔާ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކަށް ވާނެއެވެ. މިވަގުތު ޔުނައިޓެޑްގެ ރަޝްފޯޑް، ވަރާން، މާޓިނޭޒްގެ އިތުރުން ލުކާ ޝޯ ވެސް ހުރީ އަނިޔާގައެވެ.

Ad
rt

މިރޭ ލިބުނު މޮޅާއިއެކު ޔުނައިޓެޑް ވަނީ ތިންވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ކުޅުނު 30 މެޗުން ލިބުނު 59 ޕޮއިންޓާއިއެކު ޔުނައިޓެޑް ތިންވަނާގައި އޮތްއިރު ހަތަރުވަނާގައި އޮތް ނިއުކާސަލަށް ލިބިފައި ވަނީ 30 މެޗުން 56 ޕޮއިންޓެވެ.

މިރޭ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެ ޓީމްގެ ބްރޫނޯ ފެނާންޑޭޒް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮރެސްޓްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމައި ފޮރެސްޓްގެ ކީޕަރު ނަވާސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ 32 ވަނަ މިނެޓުގައެވެ. ފޮރެސްޓްގެ އޭރިއާތެރެއިން މާޝިއަލް އަށް ލިބުނު ބޯޅަ އޭނާ ގޯލުގެ ދުރުކަނަށް ފޮނުވާލި ނަމަވެސް ފޮރެސްޓްގެ ކީޕަރ ނަވާސް ވަނީ މަތަކޮށްފައެވެ. ނަވާސް އަތުގައި ބޯޅަ ޖެހިފައި ނުކުތްވަގުތު އެންތަނީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހިގެ ފަހުން އެންތަނީ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި އެންތަނީ ކުޅުނު ޕާހަކުން ތަނަވަސް ވީ ފުރުޞަތުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ޑިއެގޯ ޑަލޯއެވެ.

މި މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން ބޭރުވުމުގެ ފުރުޞަތު ފޮރެސްޓައް އޮތެވެ. ނަމަވެސް ބަލިވުމާއިއެކު އެ ޓީމް މިވަގުތު އޮތީ 31 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު ތާވަލުގެ 18 ވަނާގައެވެ.