ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރު މުބާރާތުގައި ދެ ޖިންސްގެ ޓީމްތަކަށް ވެސް ބައިވެރިވެވޭނެއެވެ. ކަނބަލުންގެ މަސްރޭސް ޢީދު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ފިރިހެނުންގެ މަސް ރޭސް އޮންނާނީ ވަޅު އީދު ދުވަހުއެވެ.

Ad
d

މި މުބާރާތުގައި ޒަމާނީ އާލާތްތައް ނުވަތަ ސްޕޯޓްސް ފިޝިންގެ އާލާތްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރުން ވަނީ މަނާކޮށްފައެވެ. މިގޮތުން ޖިގް ކުރުމާއި ޓްރޮލިންގއާއި ޕޮޕް ކުރުން ފަދަ ކަންކަން މި މުބާރާތުގައި މަނާވާނެއެވެ. މީގެ އިތުރުން ދިރޭ އެންޖަހައިގެންނާއި ދިއްލައިގެން އެން އަރުވައިގެން މަސްވެރިކަން ކުރުމަކީ ވެސް މަނާކަމެކެވެ.

ކޯމަހާއި މިޔަރުފަދަ ރާއްޖޭގައި ބޭނުން ނުވަތަ ހިފުން މަނާކޮށްފައިވާ އެއްވެސް ވައްތަރެއްގެ މަހެއް މި މުބާރާތުގައި ނުގުނާނެއެވެ. އެފަދަ މެހެއް ބޭނިއްޖެނަމަ ވަގުތުން ދޫކޮށްލުމަށް އެ ކުލަބުން އިލްތިމާސް ކުރެއެވެ. ރީނދޫމަހާއި ހިކަފަދަ މަހަކަށްނުވާ ކަހަލަ މަސްމަސް ވެސް މި މުބާރާތުގައި ނުގުނާނެއެވެ.

މުބާރާތުގެ އެއްވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ބާނާ މަހުގެ ޖުމްލަ ބަރުދަނަށް ބަލައިގެންނެވެ. އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، ދެ ޓީމަކުން ބާނާ މަހުގެ ބަރުދަން އެއްވަރު ވެއްޖެނަމަ، ބެލުމަށް ހަމަޖެހިފައި ވަނީ އެ ދެ ޓީމްގެ ތެރެއިން މަސްބާނައިގެން މަސްކިރާ މާލަމަށް އެންމެ އަވަހަށް ހާޟިރުވީ ޓީމެކެވެ.

މި މުބާރާތުގައި އެންމެ ބޮޑު މަސްބާނާ ފަރާތާއި އެންމެ ގިނަ މަސްބާނާ ފަރާތް ހޮވުމުގެ އިތުރުން ސަޕްރައިޒިން ވަނައެއް ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމާއިއެކު 500 ރުފިޔާ ދައްކަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 15 ވަނަ ދުވަހުގެ 15:15 ގެ ކުރިން ތިރީގައި ހިމަނާފައިވާ ނަމްބަރަށް ޓީމްގެ ނަމާއި ބައިވެރިންގެ ނަމާއި އައިޑީކާޑް ނަމްބަރު އެސްއެމްއެސް ކޮށްގެން ނުވަތަ ވައިބާ ކޮށްގެން ބައިވެރިވެވޭނެއެވެ. މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ކެތިއަރާ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.

Ad
df

ޓީމް ލިސްޓް ފޮނުވުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް: 9977908