ދަރުމައާއި ސަވާބަށް އެދި ރޯދަ ހިފަމުން އަންނަ ލޮބުވެތި މުސްލިމުންނޭވެ! ކުރިޔަށް އޮތީ ފަހުދިހައިގެ ރޭތަކެވެ. އަޅުކަމުގައި ހީވާގިވެ ފޫގަޅާލާށެވެ! ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސް ތަކާއި ރޭތަތަކީ މަދު ވަގުތު ކޮޅެކެވެ. އެހެނަސްއެއީ އަޖުރުގެ ޚަޒާނާ ފުރާލަން ލިބޭ ވަރަށް ފުރިހަމަ ފުރުޞަތެކެވެ.

މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕެވުމަށް އިތުރު މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވެސް އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް އައްސަވައި ލައްވައެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَر رواه البخاري (2024)، ومسلم (1174)ރަމަޟާން މަހުގެ ފަހުދިހަޔާ ބައްދަލުވާ ހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަށް ދިރުއްވައި ރޭއަޅުކަމުގައި އިތުރަށް ހީވާގި ވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައި އަޅުކަމުގައި މަޝްޣޫލުކުރައްވައެވެ. އަދި އެކަލޭގެފާނުގެ އިޒާރުކޮޅު އުނަގަނޑުގައި ގަދައަށްއައްސަވައިލައްވައެވެ."

Ad
rt

މި ޙަދީޘްފުޅާ މެދު ابن باز -رحمه الله- ވިދާޅުވެފައި ވެއެވެ. "ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަކުގައި، އޭގެ ކުރީ 20 ދުވަހަށްވުރެބޮޑަށް އަޅުކަމުގެ ކަންކަމައިގެން އުޅުއްވައެވެ. އެކަލޭގެފާނުގެ ޞަޙާބީންގެއަމަލުފުޅުތައް ވެސް ހަމަ އެފަދައެވެ. އަދި މި އުއްމަތުގެ ސަލަފުއް ޞާލިޙުންގެކިބައިން ވެސް ފަންނަން އޮތީ އެ ނަމޫނާއެވެ. އެ 10 ދުވަހު އެކިއެކި އަޅުކަމުގައިމުރާލިކަމާ އެކު މަސައްކަތްޕުޅު ކުރައްވައެވެ."

ދެން އޮތީ އަޅުގަނޑުމެންގެ ވާހަކައެވެ. އަނެއްކާ ވެސް ރަމަޟާންމަހެއްގެ ފަހުދިހައަކާ ބައްދަލުވާއިރު ވާންޖެހޭ ނަފްސުގެ ތައްޔާރީގެ ވާހަކައެވެ. މީގެ ކުރީއަހަރުތަކުގައި މި ދުވަސްތައް ހޭދަކުރެވުނީ ކިހިނެތްތޯ ބަލައި، މި އަހަރުގެ މިފުރުޞަތު، ފުރިހަމައަށް ޣަނީމާ ކުރެވޭނެ ގޮތްތައް ހޯދުމެވެ. މަތީގައި ބަޔާންވެގެންއެދިޔަ ފަދައިން އެ ދިހަ ދުވަހު އަޅުކަމުގައި ހީވާގިވާން އެދޭ ނަމަ، ކަމަރުބަންނަންވީ މިއަދުއެވެ. ފަރުޟު ނަމާދުތަކާ އެކު، ސުންނަތް ނަމާދުތަކަށް ވަގުތުހުސްކުރާށެވެ. ޤުރްއާން ކިޔެވުމުގައި ހީވާގިވާށެވެ! ﷲ ދެއްވި މުދަލުން އެ އިލާހު ރުހިވޮޑިގެންވާ ގޮތަށް އެކަލާނގެ ހޭދަކުރުމަކީ އާދައެއްކަމުގައި ހަދާށެވެ.

ފަހު ދިހައިގެ ރޭތަކުގެ އެންމެ މުހިއްމު އެއް ކަމަކީ ރޭއަޅުކަމެވެ. ތަހައްޖުދުނަމާދެވެ. ނުވަތަ ޤިޔާމުއްލައިލިއެވެ. ރަމަޞާންމަހުގެ ރޭތަކުގައި ދަރުމަޔާއި ޘަވާބަށްއެދި ރޭއަޅުކަން ކުރާނަމަ އެ މީހެއްގެ ފާފަ ފުއްސަވާނެކަމަށް ހަދީޘްފުޅުގައި ވެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" [رواه البخاري (37)، ومسلم (759).] މާނައީ: އަބޫ ހުރައިރަތުގެފާނުގެ ކިބައިންރިވާވެގެންވިއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އީމާންކަމާ އެކު ސަވާބާއި ދަރުމައަށް އެދި ރަމަޟާންމަހުގައި ރޭއަޅުކަން ކޮށްފިމީހާގެއިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެތެވެ."

ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ކަމުގައިވާ ލައިތުލްޤަދްރި ވެސް ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ. އެރޭގެ ހެޔޮކަމަކީ އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ އިތުރު ވެގެންވާ ހެޔޮކަމެކެވެ. މުޅި އެރޭ ފަޖްރު ވެއްޖައުމަށް ދާންދެން ބަރަކާތް ލިބިގެން ވެއެވެ. އެ ރެއަކީ ކޮން ރެއެއް ކަން މީސްތަކުންނަށް ވަނީ ވަންހަނާވެގެންނެވެ. އެނގޭ މިންވަރަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރިރޭތަކުގެ ތެރޭގައި އެރޭ އޮންނާނެކަމެވެ.

ލައިލަތުލްޤަދްރި ހޯދުމަށް ފަހުދިހައިގެ ރޭތައް އަޅުކަމުގައި ހޭދަކުރާއިރު ދޫތަކުންތަކުރާރުކޮށް ކުރަންވީ ދުޢާއަކީ ”اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ، فَاعْفُ عَنِّيْ“ މި ދުޢާއެވެ. އޭގެ މާނައީ: "ޔާ ﷲއެވެ، އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރަށްވާ އިލާހެވެ. މި އަޅާގެ ފާފަތަށް ޢަފޫކުރަށްވާނދޭވެ!" މިއެވެ.

ފަހުދިހައިގެ ރޭތަށް އިޙްޔާކުރުމަށް ޓަކައި ކަމަރު ބަންނަމާ ހިނގާށެވެ! ދުނިގެވީކަންކަން މި ދުވަސްކޮޅު މަދުކުރަމާ ހިނގާށެވެ. އަޅުކަމުގެ ފޯރި ތިމާއާއި ތިމާގެވަށައިގެންވާ މީހުންގެ ހިތްތަކުގައި އަށަގަންނަވަމާ ހިނގާށެވެ. ރޭތައް އިޙްޔާކޮށްދިރުވަމާ ހިނގާށެވެ. ލައިލަތުލްޤަދްރި އެދިގެން މަސައްކަތް ކުރަމާ ހިނގާށެވެ. އުއްމީދާ އެކު މަސައްކަތްކުރާ އަޅުންނަށް ކާމިޔާބުވާނެއެވެ.