ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން 13 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ މި ސީޒަންގައި އަމިއްލަ ދަނޑުގައި ބާސާ އަތުން ޕޮއިންޓް ގެއްލުނު ތިންވަނަ މެޗެވެ.

Ad
rt

ރޭގެ މެޗު ބާސާއިން ކޮންޓްރޯލް ކުރި ނަމަވެސް ޖިރޯނާއިން ވަނީ ބާސާއާއި ދެކޮޅަށް ރަނގަޅު ޑިފެންސެއްކޮށް އެ ޓީމް ހުއްޓުވާފައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖިރޯނާގެ އޭރިއާތެރެއިން ލެވަންޑޯސްކީ ފޮނުވާލި ބާރު ހަމަލާ ގޯލު މަތީ ދާގަނޑުގައި ކޭއްތިލާފައި ދިޔައިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން ރަފީނިއާއަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއް ޖެހުމާއި ދާދި ގާތަށް ގޮސްފައެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ޖިރޯނާގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބާސާގެ ޑިފެންޑަރ އަރައުހޯ ފޮނުވާލިއިރި އެ ބޯޅަ ޖިރޯނާގެ ކީޕަރު މަތަކުރީ ބޯޅައިގެ ބޮޑުބައި ގޯލުތެރޭ އޮއްވައެވެ.

ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭ ޖިރޯނާއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އެ ޓީމްގެ ކަސްޓެލާނޮސްއަށް އަށް ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި ނަތީޖާއާއިއެކު ބާސާ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 72 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 28 މެޗުން 59 ޕޮއިންޓެވެ. މި ދެ ޓީމްގެ މެދުގައި 13 ޕޮއިންޓްގެ ފަރަގެއް މިހާރު އޮތްއިރު ލީގުގައި މި ކޮންމެ ޓީމަކަށް ބާކީ އޮތީ 11 މެޗެވެ. ވުމާއިއެކު ލީގު ކާމިޔާބު ކުރުމުގައި ހުރިހާ ގޮތަކުން ވެސް މިވަގުތު ބޮޑުތަނުން އެޑްވާންޓޭޖް އޮތީ ބާސާއަށެވެ.