އުރީދޫ މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ބޭއްވި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މި މުބާރާތުގެ ފައިނަލް ކުޅެފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދާފައިވަނީ ޓީމް ބްރޯލާޒްއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްދެއްވީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުﷲ މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.
މި މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ޝަވިޔަނިއަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް ބްރޯލާޒްއަށް 10،000 ރުފިޔާ ވަނީ ލިބިފައެވެ. އަދި ތިން ވަނަ އަށް ހޮވުނު ޓީމު ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000 ރުފިޔާ ވަނީ ލިބިފައެވެ.
ބޮކި ބޯޅަ މުބާރާތް 2023ގެ ފައިނަލް މެޗުގެ ތެރެއިން، ފޮޓޯ: އޫރިދޫ
މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި ޓީމްތަކުން ވާދަވެރި ކުޅުމެއް ދެއްކުމުގެ އިތުރުން، މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!