ހުޅުމާލެ ފޭސް 2 ގައި ދެ އެކްސިޑެންޓެއް، އެކަކު ނިޔާވެ، އަނެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ފްލެޓު ކައިރީ ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:56 ހާއިރު ލިބިފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި 59 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ، ޖޭއެމްސީ ސައިޓު ކައިރިން ދެ ސައިކަލް ޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 01:20 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، މިހާރު ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މި ދެ ހާދިސާ ވެސް އިތުރަށް ތަހުގީގކުރަމުންނެވެ.