މީގެ ހަތްމަހެއްހާ ދުވަސް ކުރިން އޭރު ޗެލްސީގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޗެލް ވަކިކުރުމަށް ފަހު އެ ޓީމްގެ ކޯޗްގެ މަގާމަށް ހަމަޖެއްސި ގްރަހަމް ޕޯޓާއާއިއެކު ނަތީޖާ ނުނެރެވި އެންމެ ފަހުން އޭނާ އެ މަގާމުން ވަކިކުރަން ޗެލްސީން ނިންމައިފިއެވެ.

މި ސީޒަން ޗެލްސީ ފަށާފައި ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ ވަނީ އޭނާ އެ ކުލަބް ގަތްތާ ތިން މަސްދުވަސް ފަހުން ޓުޗެލް އެ ޓީމްގެ ކޯޗްކަމުން ވަކިކޮށްފައެވެ. އައު ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ބްރައިޓަންގެ ކޯޗް ގްރަހަމް ޕޮޓާއެވެ. ޕޮޓާއާއި ޗެލްސީ ހަވާލުކޮށްފައި ވަނީ އޭނާ ބްރައިޓަންއާއި އެކު ނެރުނު ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ.

Ad
rt

ބްރައިޓަންގައި ޕޮޓާގެ ނަތީޖާތައް ރަނގަޅު ނަމަވެސް ޗެލްސީގައި އޭނާގެ ނަތީޖާތައް ފެނުނީ ވަރަށް ދައްކޮށެވެ. ނަތީޖާތައް ދައްވެ ޕޮއިންޓް ތާވަލުގެ ދިހަވަނާގައި އޮންނަތާ ދުވަސްގަނޑެއް ފަހުން، އެ ޓީމް ވަނީ އެންމެ ފަހުން ހޮނިހިރު ދުވަހުގެ ރޭ އެސްޓަންވިލާ އަތުން ބަލިވެ ތާވަލުގެ އެގާރަ ވަނައަށް ވެއްޓިފައެވެ.

ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ޗެލްސީ މިވަގުތު އެގާރަވަނާގައި އޮތީ 28 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ. ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައި އޮތް ޔުނައިޓެޑަށް 27 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީއާއި ހަތަރުވަނައާއި ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ފާއިތުވި ހަތް މަސްދުވަހު ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ ލީގުގައި 22 މެޗު ކުޅުނުއިރު އެ ޓީމް މޮޅުވެފައި ވަނީ 7 މެޗުންނެވެ. ޖުމްލަ 31 މެޗުގައި ޕޮޓާ ޗެލްސީއަށް އިރުޝާދު ދިންއިރު އޭގެތެރެއިން ކާމިޔާބު ކުރެވިފައި ވަނީ 12 މެޗެވެ. އަށް މެޗު އެއްވަރުވެގެން ނިމުނުއިރު 11 މެޗުން ވަނީ ބަލިވެފައެވެ.

ޕޮޓާ އަކީ މި ސީޒަނުގައި ޗެލްސީން ވަކިކުރި ދެ ވަނަ ކޯޗެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީގެ ދާއިމީ ކޯޗަކަށް ދެން ގެންނާނީ، ބަޔާން މިއުނިކުން ދާދި ފަހުން ވަކިކުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަންއެވެ.