މޫނު ބުރުގާގެ މައްސަލައިގާ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިއީ އެ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން، މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން ހުށަހެޅި މައްސަލައެކެވެ.
އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ރެހެންދި ޗޭމްބާސް ލޯފާމުގެ ފަރާތުންނެވެ.
ރެހެންދި ޗެމްބާސް ލޯފާމުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ޤާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެ، ބަލައިގަނެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވެފައި ވާތީ ކަމަށެވެ.
ކޯޓުން ވަކި ގޮތެއް ނިންމަން ދެކަށް، މޫނު ބުރުގާ އަޅައިގެން ކުދިންނަށް ސްކޫލަށް ނުދެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށް އެ މައްސަލައިގާ ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް އެދިފައެވެ.
އެހެންނަމަވެސް މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން، މޫނު ބުރުގާ އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނަމުންދާއިރު، އެ ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން، ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށް ބެލެނިވެރިން ވަނީ ތުހުމަތުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!