މިއަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށްގެން: އީސީ

Election Commission - EC

މިއަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކުރީ ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިގޮތަށް ނިންމީ ބައެއް ނޫސްތަކުގެ ފަރާތުން އިންތިހާބުތައް ކަވަކުރަން ފޮނުވި ފަރާތްތަކުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގުން ފަދަ ކަންތައްތައް ކޮށްފައިވާތީ ކަމަށެވެ.

ރިޕޯޓަރެއްގެ ހައިސިއްޔަތުން، ވޯޓުލާ މަރުކަޒަށް ވެދެވަޑައިގަންނަވާ ފަރާތްތަކުން ނޫސްވެރިއެއްގެ ހައިސިއްޔަތުން މިނިވަންކަމާއެކު ހަރަކާތްތެރިވާން ޖެހޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށާއި އެހެން ނަަމަވެސް ބައެއް ނޫސްތަކުން އެ ނޫސްތަކުގެ ނަމުގައި ސިޔާސީ ހަރަކާތްތެރިން ވެސް ފޮނުވާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަހަލަ ކަންތައްތައް ހިނގާފައި ހުރީ ބައި-އިލެކްޝަންތަކުގަ. މިހެން ދިމާވަނީ ނޫސްވެރިންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކަށް ވެދެވަޑައިގަންނަވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ދައުރު ކިޔައިދެވިފައި ނެތީމާ ކަމަށް އަޅުގަނޑުމެން ދެކެނީ. އެހެންވެ، ނޫސްތަކުން ފޮނުވާ ފަރާތްތަކަށް ދެގަޑިއެއްހާ އިރުގެ ތަމްރީނެއް ދޭން މިހާރުވަނީ ނިންމާފަ." ހަބީބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަތޮޅުތަކުގައި ތިބި ނޫސްވެރިންނަށް މި ތަމްރީނު އޮންލައިންކޮށް ވެސް ހެދޭނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އަދި މި އިންތިޚާބު ކަވަރު ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ނޫސްވެރިންނަށްވެސް މި ތަމްރީނު ދޭނެ ކަމަށް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ ކަމަށާއި އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ގައި ހުޅުވައިލައްވާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *