ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (16)

Mihithah libey veyn Kalaa ah engey hey?

ކުރީގެ ޢަދަދާއިގުޅޭ،

" އޭނަ ދެން ނުވެސް އަންނާނެ! "

ދުރަށް ބަލަހައްޓައިގެން އިނދެ ނަދާ އެހެން ބުނުމުން ނަޒީރު ހައިރާންވިއެވެ. އެހެން އިނދެ ސާމިޔާގެ މޫނަށް ނަޒީރަށް ބަލާލެވުނެވެ.

" ތަންކޮޅެއް ސާފުކޮށް ބުނެބަލަ! އޭނަ ކީއްވެ ނާންނަންވީ؟ "

އަވަސް ހިތަކައިގެން ސާމިޔާ ސުވާލުކުރުމުން ނަދާ އިސްޖަހާލިއެވެ.

" އެއީ... ރައްޓެއްސަކާއެކީ ވިޔަފާރިއެއް ފަށައިގެން އުޅެނީ! ބުނި އަހަރެން ބަލާ އަންނާށޯ ބުނީމަ އަންނާނަމޯ ބަލާ! "

ނަދާ ވާހަކަ ދެއްކި ރާގުން އޭނާ ހުރީ އެހާ އުފަލުން ނޫންކަން ސާމިޔާއަށް ދެނެގަނެވުނެވެ.

" އޯހް! ތީ ރަނގަޅު ކަމެކޭ! ފައިސާ ހޯދަންޏާ ރަނގަޅުވާނެ ކޮންމެ ކަމެއްވެސް."

ގަޑި ބަލާލަމުން ނަޒީރު ތެދުވިއެވެ. ނަޒީރު ކޮޓަރިއަށް ދިޔުމާއެކު ސާމިޔާ އައިސް ނަދާއާ ދާދި ގާތުގައި އިށީނެވެ.

" ސިއްރު ކުރަން އުޅުނަސް މަންމައަކަށް ސިއްރެއް ނުކުރެވޭނެ އިނގޭ! މަންމައަށް ހާދަ ހީވެޔޭ މައްސަލައެއް ޖެހިގެން އުޅޭހެން.. "

ސާމިޔާ ވާހަކަ ދައްކާ ނިމުމާއެކު ނަދާއަށް ބަލާލެވުނީ މަންމަގެ މޫނަށެވެ. އޭރު ނަދާ އިނީ އެއްކޮށް ފިނިވެފައެވެ. މަންމަގާތު އޭނާ ދުވަހަކުވެސް އަމިއްލަ ދިރިއުޅުމުގެ ވާހަކަ މީގެ ކުރިން ދައްކާފައެއް ނުވާނެއެވެ. އެހެންކަމުން އޭނާ އިނީ ނުހަނު ޖެހިލުންވެފައެވެ.

" މައްސަލައެއް ނުޖެހޭ! އެކަމަކު.. މާލެ ދިޔުމާއެކު ޒައިން ވަރަށް ބޮޑަށް ބަދަލްވެއްޖެ މަންމާ! ކުރިން އޭނަ ހުންނާނީ އަހަންނާހެދި ހޭބަލި ވެފައެއްނު! އެކަމަކު މިހާރު ވަރަށް ތަފާތު.. އެހާވަރަކުން ނޫޅޭ އަހަންނާހެދިއެއް!"

ލަސްލަހުން ނަދާ ވާހަކަ ދެއްކިއެވެ. އެވާހަކަތަކާމެދު ފުންކޮށް ވިސްނާލަމުން ސާމިޔާ ނަދާއަށް ބަލާލިއެވެ.

" އަނެއްކާ ޒައިން އެހެން ކަމެއް ކުރަނީތަ؟ "

މަންމަގެ ސުވާލުން ނަދާ ދިޔައީ ސިހިގެންނެވެ. އޭނާ ވަގުތުން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

" ނޫން! އެކަހަލަ އެއްޗެއް ހިއެއް ނުވޭ! އޭނަ ވަރަށް ބޭރަށް ނުދާނެ! އޭނަ އެހާ އަންހެންކުދިންނާހެދިއެއް ނޫޅޭނެ!"

" އުޝާވެސް އެއީ ހުތުރު ކުއްޖެއް ނޫނޭ! "

ސާމިޔާ އެހެން ބުނުމާއެކު ނަދާ އެއްމިޔަކަނުން ހީލިއެވެ.

" އުޝާ؟ ކިތަންމެ މައުސޫމް މޫނަކަސް އޭނަ އެއީ ދުނިޔެއަށްވެސް ބޭޒާރުވެފައި އިން އަންހެނެއް! އެކަހަލަ އަންހެނަކަށް ޒައިން ވައިވެސް ނޭޅޭނެ! "

އިތުބާރާއެކު ނަދާ އެހެން ބުނުމުން އޭނާގެ މަންމަ ހިނިތުންވެލިއެވެ.

***

މެންދުރުގެ ވަގުތެވެ. ޒައިން ގެއަށް އައީ މާނިޙް ގޮވައިގެންނެވެ. އެގެއަށް އާދެވުނީތީ މާނިޙް ހުރީ ނުހަނު އުފަލުންނެވެ.

" ފެންވަރާލައިގެން ކާން އަންނަންވީނު! " އެތެރެއަށް ވަނުމާއެކު އަމީރާ ލޯތްބާއެކު ބުނެލިއެވެ. ހިނިތުންވެލަމުން މާނިޙް އާނއެކޭ ބުނެ ޒައިންގެ ފަހަތުން ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ސިޑިން އެރުމާއެކު ، ދެމީހުންގެ ލޯ އަމާޒުވީ ކޮޓަރިން ނިކުތް އުޝާއަށެވެ. އުޝާފެނި، މާނިޙްއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މާނިޙްއަށް ބަލާލެވުނީ ބޮޑުވަމުން އަންނަ އުޝާގެ ބަނޑަށެވެ. ޒައިންއަށް ބަލާލުމަށްފަހު އުޝާ އިސްޖަހާލިއެވެ. އަދި ސިޑިއާ ދިމާލަށް ހިނގައިގަތުމުން މާނިޙް އޭނާއަށް ތަންދެއްކިއެވެ. އެއަށްފަހު މާނިޙްއަށް ހައިރާންކަމާއެކު ބަލާލެވުނީ ޒައިންގެ މޫނަށެވެ.

" އޭނަ މީހަކާ އިން ވާހަކަ ނުވެސް ބުނަމެއްނު ؟" މާނިޙް ބުނެލިއެވެ.

" ކާކު؟ އުޝާ؟ އޭނަ މީހަކާ ނީނދެޔޭ! "

އެނދުގައި އިށީނދެލަމުން ޒައިން ބުންޏެވެ. މުށިތައް މައްޗަށް ދަބަސް ވައްޓާލަމުން ސުވާލުން ފުރިގެންވާ ބެލުމަކުން މާނިޙް ޒައިންއަށް ބަލާލިއެވެ.

" އެކަމަކު... އުޝާ ޕްރެގްހެން ހީވަނީ..."

ޒައިން ބޯޖަހާލިއެވެ.

" އުޝާ އެއީ އެކަހަލަ ކުއްޖެއްތަ؟ ޒައިން ބުނީމެއްނު ޒައިންއާވެސް ކައިރިވާކަށް އޭނަ ބޭނުމެއް ނުވިޔޭ! "

ޤަބޫލު ނުކުރެވިގެން މާނިޙް ސުވާލުތައް ކުރަމުންދިޔައެވެ. ދޭނެ ޖަވާބެއް ނޭނގިގެން ޒައިން ދެކޮނޑި ހިއްލާލިއެވެ.

" އާނ! ދެން ނޭނގެ މަށަކަށް! މަ ހުރީ ލަންކާގަ އޭރު! މަންމަމެންވެސް...."

" އެންމެން ނެތް ވަގުތު ބަލާފަ ވަގުތުގެ ބޭނުން ހިފާލީއޭދޯ! ދެން މަންމަމެން ރުޅިއެއް ނާދޭތަ؟ "

ދަބަހުން ތުވާލި ނަގަމުން މާނިޙް އެވާހަކަ އާކޮށްލިއެވެ.

" ހޫމް.. މަންމަމެން އެހާ ރުޅިއެއްނާދެ! އެއީ ނިކަމެތި ކުއްޖެއްވީމަ ހަމްދަރުދީވެވުނީ! ދެން އެވާހަކަ ހުއްޓާލާ! ހިނގާ ކާންދާން. އަވަހަށް ފެންވަރާބަލަ! މަ ވަރަށް ބަނޑުހައި! "

ޒައިން އެނދު ހުރަހަށް އޮށޯންނަމުން ބުންޏެވެ. ނަމަވެސް އޭރުވެސް މާނިޙްގެ ޚަރަކާތްތައްހުރީ އެހާ އަވަސްކުރާ ގޮތަކަށް ނޫނެވެ.

" ނިކަމެތިކަން އެނގެން ޖެހޭނެ ދޯ އަމިއްލައަށްވެސް.. ކަޑަދޯ! "

މާނިޙްގެ ވާހަކައަށް ފަހުން ޒައިން ޖަވާބެއް ނުދިނެވެ. އެހެންކަމުން މާނިޙް އަވަސްކުރަން ފެށިއެވެ.

***

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ އުޝާ ހުއްޓެވެ. ކައިގެން ކުޑަކޮށް ހިނގާލަން ޑޮކްޓަރ ވިދާޅުވުމުން ކޮންމެހެންވެސް އެކަން ކުރަން އުޝާ ބޭނުންވެއެވެ. ފާރުގައި ހަރުކޮށްފައިވާ ކަލަންޑަރު ބަލާލުމާއެކު މާދަމާއަކީ އޭނާ ސްކޭން ކުރަންޖެހޭ ދުވަސްކަން ހަނދާންވިއެވެ. ދޮރާއި ދިމާލަށް ހިނގައިގަތީ އަމީރާގާތު އެވާހަކަ ބުނަން ދާށެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު އޭނާއަށް އެންމެ ފުރަތަމަވެސް ފެނުނީ މާނިޙެވެ.މާނިޙް ފެނުމުން އުޝާ ލަދުގަތެވެ. އަުޝާއާ ބެހޭގޮތުން އޭނާ ޒައިންގާތު އަހާނެކަން އުޝާއަށް އެނގެއެވެ. ޒައިންގެ ކޮޓަރީގެ ދޮރުމަތީގައި ހުރި މާނިޙްއަށް އުޝާ ފެނުމުން އެއްމިޔަކަނުން ހީލިއެވެ. އޭނާގެ މޫނުމަތިން އުޝާއަށް ފެނުނީ މަލާމާތެވެ. އެއްވެސް ވަރަކަށް އޭނާ އަނގައިން ނުބުނުމުން އުޝާ ވަރަށް ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ކުރިން ހީހީފައި އުޝާއާ ވާހަކަ ދެއްކި މީހަކު މިއަދު އޭނާ އަނގައިންވެސް ބުނަން ބޭނުން ނުވިއޭ ހިތަށް އެރިއެވެ. އެހެންކަމުން އުޝާވެސް އިތުރަށް ވާހަކަ ނުދައްކާ ސިޑިން ފައިބައިގެން ގޮސް އަމީރާގެ ކޮޓަރިއަށްވަނެވެ.

" އުޝާ ހަނދާން ނެތުނަސް މަންމަ ހަނދާން އެބަހުރި! މާޔާކްލިނިކުން ސްކޭނަށް އެޕޮއިންޓްމެންޓް ހޯދާފަ އޮންނާނީ! އެކަމަކު ވަރަށް ދެރަގޮތެއްވަނީ!"

މުސައްލަމަތީގައި އިން އަމީރާ ބޮލުން ނަމާދު ދޮޅި ބާލަމުން އުޝާއަށް ބަލާލިއެވެ.

" މާދަމާ ރެޔަށް ލިބުނީ! މަންމަ ރައްޓެހިންތަކަކާއެކު ކެއުމަކަށްވެސް ދާން ކިޔައިގެން މިއުޅެނީ! ޒައިންއާއެކު ދާން ކެރޭނެތަ؟ "

ދާން ބޭނުން ނުވިޔަސް އެނޫން އިތުރުގޮތެއް ނެތްކަން އުޝާއަށް އެނގެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

" އޯކޭ! މަންމަ ބުނެލާނަން ޒައިންގާތު! "

ހިނިތުންވެލަމުން އަމީރާ ބުންޏެވެ. އެނބުރި އުޝާ ކޮޓަރިއަށް އައީ ތަފާތު އިޙްސާސްތަކަކައިގެންނެވެ. ފުރަތަމަ ފަހަރަށް ދަރިފުޅުގެ ބައްޕައާއެކު ސްކޭނަށް ދާން ފުރުޞަތު ލިބުމުން ޙަޤީޤަތުގައި އޭނާ އުފާކުރިއެވެ. ކޮޓަރިއަށް ވަތްގޮތަށް އޭނާ ހުޅުވާލީ އަލަމާރިއެވެ. ހެދުންތައް ބަލަމުން ގޮސް މަޑުފިޔާތޮށިކުލައާ ކަޅުކުލަ ހުރި ދިގު ކުރުތާއެއް ނެގިއެވެ. އަދި އެ ހެދުމާ ގުޅޭ ޝޯލްވެސް އޭނާ ހޯދިއެވެ.

" އަޅޭ! ކީއްވެގެންތަ އަހަރެން މިހާ އެކްސައިޓް މިވަނީ؟ މިހާރުވެސް މާދަމާރޭ ނުވެގެން މިހުރީ! ޒައިންއާއެކު ދެވޭތީ އަހަންނަށް މިހާބޮޑު އުފަލެއް ލިބެންވީ ކީއްވެތަ؟ "

ހެދުމަށް ބަލަހައްޓައިގެން ހުރެ އުޝާއަށް ބުނެވުނެވެ. އެއާއެކު އަމިއްލައަށް ހޭންވެސް ފެށުނެވެ.

***

" އަހަންނަށް މިހާރު ބުނެވިދާނެ ޒައިންއަށް ހަމަ ރަނގަޅީ އަހަރެން ލަންކާގައި ހުރިއްޔާއޭވެސް...."

ހިތްހަމަ ނުޖެހޭ ރާގެއްގައި ނަދާ ބުނެލިއެވެ. އެއާއެކު ޒައިންގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވެއްޖެއެވެ.

" ދެން ކިހިނެއް އަހަރެން ގުޅާނީ؟ ގުޅޭނީ ވަކި ކިހިނެއް؟ ފޯން ނަގާއިރަށް ޝަކުވާ! "

ފޫހި ރާގަކަށް ޒައިން ބުނެލިއެވެ. އެއާއެކު ނަދާ އިތުރަށް ރުޅިއައެވެ.

" ދެން އަހަރެން ވީ އެއްވެސް އެއްޗެއް ނުބުނެ ހުންނަންތަ؟ އެހެންނެއް ނުހުރެވޭނެދޯ! ބުނީމަދޯ ޒައިން އެކަންކަން ރަނގަޅުވެސް ކުރާނީ"

" އާނ! ނުބުނެ ހުންނަން ޖެހޭނީ! އަހަރެން ބުނާ އެއްޗެއް ޤަބޫލުކުރަން ޖެހޭނީ! ކަންކަން ރަނގަޅުކުރަން ބުނާނީ ތިފާޑަކަށް ނޫން! ރީތިކޮށް ބުނާނީ! "

ބާރުބާރަށް އެހެން ބުނުމަށްފަހު ޒައިން ފޯން ބޭއްވިއެވެ. ދެތިން ފަހަރަކު ނަދާ ގުޅުމުންވެސް އޭނާ ފޯން ކަނޑާލީއެވެ. ނަދާއާ ރަނގަޅަށް ވާހަކަ ދެއްކޭނީ މަދު ފަހަރަކުއެވެ. ގުޅާ ކޮންމެ ފަހަރަކުވެސް ހިތްހަމަ ނުޖެހޭ ކޮންމެވެސް އެއްޗެއް އޭނާ ބުނެލާކަން ޒައިންއަށް އެނގެއެވެ.

" ވަރަށް ގޮތްދޫ ނުކުރާ ކުއްޖެއްތަ؟ "

ފޯނަށް ގެއްލި ހުސްވެފައި އޮތް މާނިޙް ހެމުން ހެމުން ބުނެލިއެވެ. އެއާއެކު ޒައިންވެސް އެކަމަށް އެއްބަސްވިއެވެ.

" އާނ! ބައެއްފަހަރު ހުންނާނެ މޫޑު ގޮއްސަ! ވަރަށް އުނދަގުވާނެ ހަމައަކަށް އަޅުވަންވެސް.. ބައެއް ފަހަރެއް ނޫން ގިނަ ފަހަރު އެގޮތަށް ހުންނާނީ!"

ނަދާ ދެކެ ހިތްހަމަ ނުޖެހުނު ވަރުން ޒައިންއަށް ކިޔުނެވެ.

" އެހެންވީމަ އަސްލު އުޝާ މާ ރަނގަޅުދޯ! އެއްވެސް ވަރަކަށް ފުއްޕާފަ ހުއްޓަކާ ނުފެންނާނެ! "

މާނިޙް އުޝާއާ ބެހޭގުން ވާހަކަ ދެއްކުމުން ޒައިންގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އުޝާއާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްތަކެވެ.

" އަސްލުވެސް.. އެއީ ވަރަށް ބޮލަށް ފަސޭހަ އުފާވެރި ދުވަސްކޮޅެއް! އެކަން އިޙްސާސްވަނީ އަދިކިރިޔާ! އަސްލު އެއެއްޗެއްގެ މުޙިއްމުކަން އެނގޭނީ އެ އެއްޗެއް ގެއްލި ދިޔައީމަ! އެއީ ހަމަ ތެދުވާހަކައެއް.."

ޒައިން މަޑުމަޑުން ބުނެލިއެވެ. މާނިޙް އޮތީ އަޑު އަހާށެވެ. ކުއްލިއަކަށް ޒައިންއަށް ފޯނެއް އައިސްގެން އޭނާ ބަލާލިއިރު ގުޅަނީ މަންމައެވެ. އެހެންކަމުން ފޯން ނުނަގާ އޭނާ ދިޔައީ ތިރީ ބަޔަށެވެ.

" ކީކޭ މަންމާ؟"

މަންމަގެ ކޮޓަރި ދޮރު ހުޅުވާލަމުން ޒައިން ބުނެލިއެވެ. އެއާއެކު ރީތިވެގެން ހުރި އަމީރާ ހިނިތުންވެލިއެވެ.

" މަންމަ ބޭރަށް ދާން ޖެހިގެން.. މިރޭ އޮންނާނެ އުޝާގެ ސްކޭންވެސް.. ގޮސްދޭންވީނު! "

އަމީރާގެ ވާހަކައިން ޒައިންއަށް ކުއްލި ޝޮކެއް ލިބުނެވެ. އުޝާ އޭނާއާއެކު ދާނެބާވައޭވެސް ހިތަށް އެރިއެވެ.

" އޯކޭ ދާނަމޭ! "

" ރޭޑީ ވެގެންތަ ތިހުރީ؟ އުޝާވެސް އެބަ ފައިބާ! "

އަމީރާ އެހެން ބުނުމާއެކު އުޝާ ދޮރު ހުޅުވާލިއެވެ. އެތެރޭގައި ހުރި ޒައިންގެ ހިތަށް އުޝާ ފެނުމުން ފިނިކަން ލިބުނުހެން ހީވިއެވެ.

މަންމަ މިދަނީ! ދެކުދިން ގަޑިއަށް ދާތި އިނގޭ! "

އަލަމާރިން ދަބަހެއް ނަގާ ކޮނޑުގައި އަޅުވާލަމުން އަމީރާ ހިނގައިގަތެވެ. އަމީރާ ދިޔުމާއެކު ޒައިން ވާހަކަ ދައްކަން ފެށިއެވެ.

" މިހާރު ދާންވީނު! ވަރަށް ލަސްވާނެ ކާރެއް ހޯދަން.. މަޑުކުރައްޗޭ އަހަރެން އެބަ އަންނަން.."

ޒައިން އެހެން ބުނުމަށްފަހު ބާރުބާރަށް ނިކުތެވެ.

***

ކާރުގައި ދެމީހުން ތިބިއިރުގައިވެސް އެއްވެސް ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން އެހިސާބަށް ދެވެންދެންވެސް އޮތެވެ. މާޔާ ކްލިނިކަށް ވަދެވުމާއެކު ޒައިން ދިޔައީ ސިހިގެންނެވެ. މާބަނޑު މީހުންނާއެކު އެމީހުންގެ ފިރިން ތިއްބެވެ. ޒައިންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. އުޝާ އިސްޖަހާލީ ޒައިންއަށް އޭނާގެ އިޙްސާސްތައް ފޮރުވުމަށެވެ.

" އަހަރެން  ބޭނުން ސްކޭނަށް ވަންނަން.." ޒައިން އެހެން ބުނުމުން އުޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ..

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (17)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (17)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މާނިހުވެސް ހީކުރި ކަހަލަ މީހަކަށް ނުވި. އުޝާ ފެންނަ އިރަށް މާނިހުއަށް އިނގޭނެކަމަށް ހީކުރީ. އެކަމަކު މާނިހުވެސް މިވީ ޒައިން ކަހަލަ މީހަކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *