ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (15)

Mihithah libey veyn Kalaa ah engey hey?

ކުރީގެ ޢަދަދާއިގުޅޭ،

" އަހަރެން މިދަނީ އަހަރެންގެ ހިތްހަމަޖެހުމަށް! ދެން މި ގޮތެއް ބަދަލެއް ނުވާނެ! އަހަރެން އަންނަންދެން އިންތިޒާރު ކުރޭ! "

ނަދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޒައިންގެ އަޑުވެސް ގަދަވިއެވެ.

" އަހަރެންދެކެ ރުޅިއައިސްގެން ދާ މީހަކަށް ކޮން އިންތިޒާރެއް ކުރަންވީ؟"

ޒައިން އެހެން ބުނުމުން ނަދާގެ ހިތް ތެޅިގަތެވެ. ޒައިން ގޯސް މަގަކަށް ހިނގައިދާނޭ ހިތަށް އެރުމާއެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް އޭރުވެސް ގޮތްދޫކުރާކަށް ނަދާގެ ހިތެއް ނޭދުނެވެ.

" އަހަރެން މިދަނީ ރުޅި އައިސްގެންނެއް ނޫނޭ! އަހަރެން މިދަނީ މިގުޅުން ހީނަރުވެގެން ގޮސްދާނެތީ ޒައިންއަށް އެއްޗެއް ވިސްނޭތޯ! އަހަރެން ނެތީމަ ޒައިންއަށް އިޙްސާސްވާނެ އަހަރެންގެ މުޙިއްމުކަން."

ޔަޤީންކަމާއެކު ނަދާ ބުނެލިއެވެ. ނަމަވެސް ޒައިން މާބޮޑު ސަމާލުކަމެއް ނުދިނެވެ.

" ދެން ހަމަ ހިތްހަމަ ނުޖެހިފަ އޮންނާނީތަ؟ މާދަމާ އަހަރެން ދަނީއޭ! "

ހެދުން އަލަމާރީގެ ދޮރުފަތް ލައްޕާލުމަށްްފަހު ނަދާ އައިސް ޒައިންއާ ދާދި ގާތުގައި އޮށޯވެލިއެވެ. ނަމަވެސް ނަދާއާ ދިމާލަށް ބަލާވެސް ނުލާ ޒައިން ހަމަ އޮތީއެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޭނާ އޭރުވެސް އޮތީ ކޮންމެވެސް ކަމަކަށް ފިކުރު ކުރަންހެން ނަދާއަށް ހީވިއެވެ. އެހެންކަމުން ނަދާ ބޭނުންވީ ޒައިންގެ މޫޑު ބަދަލުކޮށްލާށެވެ.

" މާބޮޑަށް ނުވިސްނަބަލަ! އަހަންނަށް އެނގެޔޭ އަހަރެން އެކޮޅަށް ގޮސް ދެދުވަސް ވާއިރަށް އަންނަހިތްވާނެކަން.. އަސްލު އަހަންނަކަށް ޒައިންއާ ނުލައެއް ނޫޅެވޭނެ! ޒައިންގެ ލޯތްބާ ނުލައެއް އެންމެ ދުވަހެއްވެސް ނުހުރެވޭނެ! އެކަމަކުވެސް އަބަދު ދެބަސްވާންޖެހޭތީ ބޭނުންވަނީ ކުޑަކޮށް ތަފާތުކޮށްލަން.."

ޒައިންގެ މޭމަތީގައި ބޯއަޅާލަމުން ނަދާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

" ދެން އަބަދު އަބަދު ނަދާ، ދާން ތިއުޅޭ ސަބަބު ކިޔައިދޭން އުޅޭނެކަމެއްނެތޭ! އަހަރެން ބުނެގެންނެއް ނޫން ތިދަނީ! ދެން އިރުއިރުކޮޅުން އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔަންވީ ކީއްކުރަން؟ "

ފޫހިވެފައި އޮތް ޒައިންގެ ވާހަކަތައްވެސް ހުރީ ވަރަށް ރުންކުރު ގޮތަކަށެވެ. ޒައިން އެހެން ބުނުމުން ނަދާގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ.

" ދެން ޒައިން! ތިކަހަލަ އެއްޗެހި ކިޔަންޏާ އަހަރެންދެން މަޑުކުރާނީ ނުގޮސް! އެކަމަކު މަންމަމެންގާތު ދާވާހަކަވެސް ބުނެވިއްޖެ! ދެން އެމީހުން ކީކޭ ބުނާނީ؟"

ޒައިންގެ މޭމަތިން ބޯނަގަމުން ނަދާ ހާސްވެފައި ބުނެލިއެވެ. ޒައިން އޭރުވެސް އޮތީ ދެފަރާތަށް ބޯ ހަލުވާލަ ހަލުވާލައެވެ.

" ދެން ކޮންމެ ގޮތެއްވިޔަސް ނަދާ ޖެހޭނެ ތި ދަތުރެއް ދާން! ލަންކާއަށް ދާންޖެހޭނެ! "

" ޒައިން ބޭނުންވަނީ އަހަރެން ފޮނުވާލަންދޯ! " ކޮންޓްރޯލް ކޮށްގެން ހުރި ނަމަވެސް، ނަދާއަކަށް ރުޅިއެއް ނުހިފެހެއްޓުނެވެ.

" ބަލަ އަހަރެންހޭ ބުނީ ދާށޭ؟ އަހަރެން ބުނެގެންތަ ލަންކާއަށް ތިދަނީ؟ އަމިއްލައަށް ކަންތައްތައް ހޭންޑްލް ނުކުރެވިގެން ތިދަނީ؟ "

ޒައިންއަށް ފުންމައިގެން ތެދުވެވުނީ ، ނަދާ އެކަންތައް އޭނާގެ ބޮލުގައި އެޅުވީތީއެވެ. ނަދާވެސް އެނދުން ތެދުވެ އެއްޗެހި ކިޔަން ފެށިއެވެ.

" ގޮއްސަ ނުވެސް އަންނާނަން! " ދެލޯ ބޮޑުކޮށްލަމުން ނަދާ ބުނެލިއެވެ. އިތުރަށް ޒުވާބުކުރަން ބޭނުން ނުވެގެން ޒައިން ބޭނުންވީ ކޮޓަރިން ނިކުމެގެން ދާށެވެ.

" ހެޔޮ ނަޔަސް! އަހަރެން ބުނެފަ އޮންނާނީ ބަލާ އަންނާށޭ ނުބުނަނީސް ބަލައެއްވެސް ނުދާނަމޭ! އަދިވެސް އެއްފަހަރު ހަނދާންކޮށްލަދެން ނުދާނަން ބަލައެއް! އެއަރޕޯޓަށްވެސް ދޭ އެކަނި! މަށެއް ނުދާނަން..."

ބާރުބާރަށް ދޮރުލައްޕާފައި ޒައިން ތިރިއަށް ފޭބިއެވެ. އޭރު ނަދާވެސް ހުރީ ޒައިންދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. ޒައިން ދިޔުމާއެކު ނަދާއަށް އެނދުމައްޗަށް ޖެހިގަނެ، ރޮވެން ފެށުނެވެ.

***

ފަތިސްވަގުތެވެ. ނަމާދުކޮށްގެން ކިރުތައްޓެއް ބޯލާނަމޭ ހިތާ އުޝާ ތިރިއަށް ފޭބިއެވެ. ސިޑިންފޭބިއިރު ސިޓިންގރޫމުން ޓީވީގެ އަޑު އިވޭތީ އޭނާއަށް އެދިމާލަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. އެއްވެސް މީހަކު ފެންނަށް ނެތުމުން ޓީވީ ނިއްވާލުމަށްޓަކައި އޭނާ ހިނގައިގަތެވެ. އެހިސާބަށް ދެވުމާއެކު އުޝާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ނިދާފައި އޮތް ޒައިންއެވެ. ހުރިފިޔަވަޅުމަތީގައި ހުރެ، އޭނާއަށް ވިސްނާލެވުނެވެ. ޒައިން ރޭގައި ނިދީ ބޭރުގައިބާއޭ ހިތަށް އެރިއެވެ. އެވަގުތު ސޯފާތިރިއަށް ވެއްޓިފައި އޮތް ރިމޯޓް ފެނި، އެ ނަގަން އޭނާ ގުދުވެލިއެވެ. އެއާއެކު ޒައިންއަށް ހޭލެވި، އޭނާ ފުންމައިގެން ތެދުވިއެވެ.

" އު..އުޝާ ކީއްކުރަނީ؟ "

" ޓީވީ ނިއްވާލަން އައީ..."

ޖެހިލުންވެ ހުރެ އުޝާ ޖަވާބުދިނެވެ. އަދި އިތުރު ސުވާލެއް ނުކޮށް އޭނާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ.

" އުޝާ! "

ޒައިންގެ އަޑަށް އުޝާ މަޑުކޮށްލިއެވެ. އަދި ފަސްއެނބުރި ބަލާލުމާއެކު ޒައިން ބުނެލިއެވެ.

" އަހަރެން މިތާ ނިދީ ކީއްވެތޯވެސް އަހާ ނުލާނަންތަ؟ "

ޒައިންގެ ސުވާލު އިވުނު ނަމަވެސް ޖަވާބުދޭކަށް އުޝާ ބޭނުމެއްނުވިއެވެ. ޒައިންއާ ނަދާގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް އުޝާ އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. ފާޑަކަށް އުޝާ ބަލަން ހުރުމުން ޒައިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟ "

" ކީކޭ އަހަރެން ބުނާނީ؟ ޒައިން އެތެރޭގައި ނިދިޔަސް... ބޭރުގައި ނިދިޔަސް އަހަރެން ބުނާނީ ކީކޭ؟ އަހަރެން އަހަންވީ ކޯއްޗެއް؟ "

ހިތްހަމަ ނުޖެހޭ ރާގަކަށް އުޝާ އެހެން ބުނުމުން ޒައިން ތެދުވެގެން އައިސް އުޝާގެ ކުރިމަތީގައި ހުއްޓުނެވެ.

" ތިވަރަށް އަހަންނަށް ނަފްރަތު ނުކުރޭ! ޕްލީޒް.. އަހަރެންވެސް މިއުޅެނީ އުފަލަކު ނޫނޭ.."

އަސަރާއެކު ޒައިން އެހެން ބުނުމުން އުޝާ އަވަސް އަވަހަށް އެނބުރިލިއެވެ. އަދި ބަދިގެއާދިމާލަށް ހިނގައިގަތެވެ. ނަމަވެސް ހުށިޔާރުވެހުރި ޒައިން އުޝާގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ.

" އަހަރެންގެ އަތުން ދޫކޮށްލާ! އެދުވަހު ޒައިން މިއަތުން ދޫކޮށްލާފަ ދިޔައިރު އަހަރެން ހިއެއް ނުކުރަން ތާއަބަދަށް އަހަންނަށް ޒައިން ގެއްލެނީ ކަމަކަށް.. ހިއެއް ނުކުރަން ޒައިން އަހަރެން ދޫކޮށްލާނެ ކަމަކަށް! ހިއެއް ނުކުރަން ޒައިން އަހަރެން މަތިން ހަނދާން ނައްތާލާނެ ކަމަކަށް! ހިއެއް ނުކުރަން ޒައިން އަހަންނަށް އެހާބޮޑު ދެރައެއް ދޭނެ ކަމަކަށް!..... ބޭވަފާތެރިވާނެކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރާ! ލޯބި ނުވާނެއެކޭ ދުވަހަކުވެސް ހިތަކަށް ނާރާ! ކުރިކަމެއް ކުރީ ދެމީހުން.. ދެމީހުންގެ ރުހުމުގަ! އެކަމަކު.. އެކަމަކު އަހަރެން ބޭޒާރުވެ ފަޟީޙަތްވުމުންވެސް، ޒައިންގެ އަބުރާ ޢިއްޒަތަށް ހުތުރު ނަމެއް ލިބިދާނެތީ، ދުނިޔެއަށް އަހަރެން ގިނަކޮށްލާފަ ޒައިން ފިލާ ހުންނާނެ ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހިތަކަށް ނާރާ! މިވަރުން އަހަންނަށް ހީވަނީ، ޒައިންގެ ދިރިއުޅުމާމެދު އަހަރެން ޝައުޤުވެރި ނުވާކަން ޒައިންއަށް ސާފުވާނެހެން.."

ޒައިންގެ އަތް ފޮޅުވާލުމަށްފަހު އުޝާ ބާރުބާރަށް ގޮސް ބަދިގެބަޔަށްވަނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޒައިންއަށް ހުރެވުނީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ މައްޗަށް އެރިއެވެ. ކޮޓަރި ދޮރު ހުޅުވާލުމާއެކު ފެނުނީ ލޯގަނޑު ކުރިމަތީގައި ތައްޔާރުވާން ހުރި ނަދާއެވެ.

" ހާދަ އަވަހަކަށް ދަނީ؟ "

ނަދާ ފެނުމުން އަވަސް އަވަހަށް ޒައިންއަށް ބުނެވުނެވެ. އެއާއެކު ނަދާ ޒައިންއަށް ބަލާލިއެވެ. އޭނާގެ މޫނުމަތި މިލާމޯޅިވެފައިވާކަން ޒައިންއަށް އެނގުނެވެ.

"  ފްލައިޓް އަވަސްވީ.. އަހަރެން ފުރުވާކަށްވެސް ނުދާނަންދޯ! މަދެކެ ރުޅިއައިސްގެން ގޮސް ސޯފާގައިދޯ ނިދީ! "

ކަންފަތުގައި ބޮޅެއް އެލުވާލަމުން ނަދާ ބުނެލީ މަޑުމައިތިރިކަމާއެކުއެވެ. ކަންނެތްގޮތަކަށް ފާޚާނާއާ ދިމާލަށް ހިނގާފައި ދަމުން ޒައިން ވާހަކަ ދެއްކިއެވެ.

" އުނހު ދާނަން! އާނ ރޭގަ ވަރަށް ރުޅިއައި ނަދާދެކެ! ދެން އެވާހަކަ އާކުރާނެ ކަމެއްނެތް! ނަމާދުކޮށްލައިގެން ދިޔައްޔާ ލަސްވާނެތަ؟ "

ރޭގެ ވާހަކަތައް އިތުރަށް ދައްކާކަށް ޒައިން ބޭނުމެއްނުވިއެވެ. ވާހަކަ އެއް ފެށުނިއްޔާ ނިމޭނީ ޒުވާބަކުންކަން އޭނާއަށް އެނގެއެވެ.

"ހަގަޑި ބަޔަށް ދެވެންޖެހޭނެ! "

ނަދާ އެހެން ބުނުމުން އެއްވެސް އެއްޗެއް ނުބުނެ ޒައިން ވަނީ ފާޚާނާއަށެވެ. ޒައިން ނަމާދުކޮށް، ތައްޔާރުވަންދެން ނަދާ އެނދުމަތީގައި ފޯނާ ކުޅެން އިނީއެވެ.

" ހަގެއްވެސް ނުދޭނަންތަ؟ "

ދެރަވެފައި ހުރެ ނަދާ އެހެން ބުނުމުން ޒައިން އެއްމިޔަަކަނުން ހީލިއެވެ. އަދި ނަދާގެ ފޮށީގައި ހިފަމުން ބުނެލިއެވެ.

" ހަގްސް ބޭނުމިއްޔާ އަހަންނާ ވަކިން އެއްވެސް ތާކަށް ނުދާނެ އެއްނު!" ޒައިން ފޮށި ދަމަމުން ނަދާއަށްވުރެ ކުރިން ނިކުމެއްޖެއެވެ. އޭނާގެ އެ ޢަމަލުން ނަދާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ނަމަވެސް އިތުރަށް އެއްޗެއް ނުބުނެ އޭނާ އަވަހަށް ތިރިއަށް ފޭބިއެވެ.

" މަންމަމެން ނަމާދުކޮށްގެން ނިދާލާފަ ތިބޭނީ! ނޭނގޭނެ އެއްނު ފްލައިޓް އަވަސްވީކަމެއް ދޯ! ދެން ގޮވާނެ ކަމެއްނެތް! އަހަރެން ބުނެލާނަން މަންމަގާތު.."

ޒައިން އެހެން ބުނެ ނިކުންނަން ހިނގައިގަތެވެ. ޒައިންގެ ފަހަތުން ނަދާވެސް ދިޔައެވެ.

***

" އެކަމަކުވާ ދަރިފުޅު ރަނގަޅު! ކީއްވާނީ ގޮވާލި ނަމަ! މަންމަމެންވެސް ދިޔައީމުސް ވިއްޔަ ފުރުވަން. އެފަކީރު އެކަނިމާއެކަނި އެ ދިޔައީވެސް!"

ހާސް ރާގެއްގައި އަމީރާ ވާހަކަ ދެއްކިއެވެ.

" އެއީ އެއްވެސް ކަމެއް ނޫނޭ މަންމާ! ދަތުރުކޮށްކޮށް އޭނާ ވަރަށް ކުޅަދާނަވާނެ މިހާރު! "

ސޯފާގައި އޮތް ޒައިން ވާހަކަ ދެއްކި އިރުގައިވެސް ލޯހުރީ ޓީވީއާ ދިމާލަށެވެ. ހީވާގޮތުން ނަދާގެ ވާހަކަ ދެއްކިޔަސް އޭނާ ބޮލަށް އުނދަގޫވަނީއެވެ.

" މަންމާ! މިއަދު މާނިޙް އަންނާނެ! އޭނަ މިގޭގަ ހުންނަން އެ އަންނަނީ! އެޕާރޓްމަންޓެއް ލިބެންދެން މިގޭގަ މަޑުކޮަށްލަން އޯކޭ ދޯ! އަހަރެންގެ ރޫމްގައި ހުރެވޭނެއެއްނު! ދެން ކޮންމެވެސް އެއްޗެއް ކައްކާލައްޗޭ! "

ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޒައިން ބުނެލިއެވެ.

" އެހެންތަ؟ ދެން ދަރިފުޅު ފޫހި ފިލާނެއެއްނު! އޭނައަށް އަވަހަށް ތަނެއް ލިބޭތޯ ބަލައްޗޭ! ނަދާ އަތުވެދާނެ ދެދުވަސްކޮށްފައިވެސް! "

ހިނިގަނޑެއް ޖަހާލަމުން އަމީރާ ބުނެލިއެވެ.

***

އެއަރޕޯޓަށް އައިސް ތިބި މަންމައާއި ބައްޕަ ފެނުމުން ނަދާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އޭނާ ބޭނުންވީ މަންމަމެންނަށް އުފާވެރި މޫނެއް ދައްކާށެވެ. ނިކުމެގެން އައި ގޮތަށް އައިސް މަންމަގެ ގައިގައި އޭނާއަށް ބައްދާލެވުނެވެ.

" ދަރިފުޅު ނެތީމަ ހާދަ ފަޅޭ! ދެން ނުދެވޭނެ އަވަހަކަށް! "

ނަދާގެ ކޮލަށް ދޮނެއް ދެމުން މަންމަ ބުނެލިއެވެ. މަންމަގެ އެ އަމަލުތަކުން ނަދާގެ ހަނދާނަށް އައީ އޭނާގެ ކުޑައިރުގެ ދުވަސްތަކެވެ.

" ދެން މިތާކު ނޫނޭ ދެމީހުން ވާހަކަ ދައްކާނީ؟ ކާރަށް އަރަން އާދޭ! "

ނަދާގެ ފޮށި ހިފައިގެން ނަޒީރު ކާރާ ދިމާލަށް ދިޔައެވެ. ތިންމީހުން ކާރަށް އެރީ އެއްފަހަރާއެވެ.

" ދަރިފުޅު ގާތު އަންނާށޭ ބުނަން އުޅެނިކޮށް ، އަންނަ ވާހަކަ ބުނީ! އެހެންވެ ބައްޕަމެން މަޑުކުރީ އެއްވެސް ވާހަކައެއް ނުދައްކާ! ދަރިފުޅު އައީމަ ހުރިހާ ވާހަކައެއްވެސް ދެއްކޭނެތާ ދޯ! "

ހަމަޖެހިލާފައި އިނދެ ނަޒީރު އެހެން ބުނެލި ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ނަދާއަށް އެނގުނެވެ.

" ޑައިރެކްޓްކޮށް ބުނެބަލަ ބައްޕަ! ކީއްތަވީ؟"

" މަންމަ ކަކޫ އޮޕަރޭޝަން ކުރަން ޖެހިގެން.. ދަރިފުޅު ނެތިއްޔާ ވަރަށް އުނދަގުވާނެތާ! "

ބައްޕަ އެހެން ބުނުމުން ނަދާ ވަަރަށް ދެރަވިއެވެ. އަދި ލޯތްބާއެކު މަންމަގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

" ތެދެއް މަންމާ! ހާދަ ބޮޑު ސާރޖަރީއެކޭ އެއީ.. އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ހުންނާނަން މަންމަމެންގާތުގަ! ކިތަންމެ ގިނަ ދުވަސް ވިޔަސް..."

ނަދާ އެހެން ބުނުމާއެކު ނަޒީރު ހަނދާންވީ ޒައިންއެވެ.

" ދަރިފުޅު އެކަނި އަންނަން ޖެހުނީ ކީއްވެގެންތަ؟ ޒައިން ކޯސް ފެށިދާނެދޯ މިހާރު؟"

" އަޅެ މަންމަ ނުބުނޭތަ ބައްޕަގާތު! ޒައިން ކޯސް ދޫކޮށްލައިފިއޭ.. އެކޮޅަށް އެއްކޮށް ބަދަލްވީ އަހަރެން ބުނިން ބައްޕަގާތު ބުނެލައްޗޭވެސް.." އާދައިގެ ގޮތަކަށް ނަދާ ބުނެލިއެވެ. އެޖުމްލަވެގެން ދިޔައީ ނަޒީރުގެ ކަންފަތަށް އަޑުއަހަން ފަސޭހަ ޖުމްލައަކަށް ނޫނެވެ.

" އޭނަ ދެން ނުވެސް އަންނާނެ! "

ދުރަށް ބަލަހައްޓައިގެން އިނދެ ނަދާ އެހެން ބުނުމުން ނަޒީރު ހައިރާންވިއެވެ.

( ނުނިމޭ )

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އުޝާ ޒައިންއަށް ބަލާނެކަމެއް ނެތް. މާނިހް ރަނގަޅުވާނެ އުޝާއަށް. މާނިހްއެއް ނުބަލާނެ ޕާކިސްތާން ހެދުންތޯ ލަނީ ނޫނީ ހޫޑީތޯ ލަނީއެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *