ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ނެއްލައިދޫގައި އަދާލަތު ޕާޓީން ދަރުހެއް ބާއްވައިފިއެވެ.
ރޭ ނެއްލައިދޫ ބަނދަރު ސަރަހައްދުގައި "ރަމަޟާން މަހަށް ތައްޔާރުވުން" މި މަޢުޟޫއަށް ކުރިއަށް ގެންދެވުނު ދަރުސް ދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން އެވެ.
މި ދަރުހަކީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ނެއްލައިދޫ ކައުންސިލާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދަރުހެކެވެ.
މި ދަރުހާއި ގުޅޭގޮތުން މި ނޫހަށް މައޫލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލުގެ ނައިބް ރައީސް އަޙްމަދު ރަޝީދު ވިދާޅުވެފައި ވަނީ މިއީ ނެއްލައިދޫގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެއް ދަރުސް ކަމަށެވެ.
ދަރުސް އަޑުއަހަން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުކުތްކަން ފާހަގަ ކުރަމުން އަޙްމަދު ވިދާޅުވެފައި ވަނީ އެ ސަރަހައްދުގައި 200 ގޮނޑި ޖެހި ކަމަށާއި، ގޮނޑިތައް ފުރި ބަނދަރުގައި ހަދާފައި ހުރި ބުރުތަކާއި އަދި އެ ނޫން ތަންތަނުގައި ވެސް މީހުން އައިސް ދަރުސް އަޑުއަހަން މަޑުކޮށްގެން ތިބިކަމަށެވެ.
މި ދަރުސްގައި ރަމަޟާން މަހުގެ މާތްކަމާއި މަތިވެރިކަމާއި، މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތާއި ދުރުވާންވީ ކަންކަމާއި، އަދި މީގެ އިތުރުން ދިރިއުޅުމާއި ގުޅުންހުރި ގިނަ ކަންތައްތަކަށް އަލިއަޅުވާލާފައި ވާކަމަށާއި، މީގެ އިތުރުން ދަރުސްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން ވެސް ކުރިއަށް ގެންގޮސްފައިވާކަން އަހްމަދު ވަނީ ފާހަގަ ކުރައްވާފައެވެ.
އަޙްމަދު އިތުރަށް ވިދާޅުވެފައި ވަނީ މި އަހަރުގެ ރަމަޟާން މަހު ވެސް އެ ރަށުގެ ބޮޑު މިސްކިތުގައި ހިފްޒުކޮށް ތަރާވީސް ކުރުން ކުރިއަށް ދާނެ ކަމަށާއި، ރަމަޟާންމަހު އިތުރު ދަރުސް ޕްރޮގްރާމް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަހްމަދު ވަނީ މި ދަރުސް ކުރިއަށް ގެންދިޔުމުގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެ ރަށު ސްކޫލުގެ އިތުރުން ޤުރުއާން ކުލާސްތަކުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އަދާލަތު ޕާޓިން މިހާރު އަންނަނީ އުތުރުގެ ބައެއް ރަށް ރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސް ބާއްވަމުންނެވެ.