ޔަންމާ މެރިންގެ އައު އިންޖީނާއި ސްޕޯޓްސް ފިޝިންގ ބޯޓު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައާރަފުކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ޔަންމާ އިންޖީނު ތައާރަފުކޮށްދެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ފިޝިންގ ބޯޓު ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސާލިހު އެވެ.

Ad
rt

ޔަންމާ މެރިން އިންޖީނާއި ގުޅޭގޮތުން އެމްޓީސީސީގެ ޓްރޭޑް ޑިވިޝަންގެ ސީނިއަރ މެނޭޖަރު އަހުމަދު ޖިނާހު ވިދާޅުވީ މިއީ ރާއްޖޭގައި މިހައިތަނަށް ބޭނުން ކުރާނެ އެންމެ މަތީ ހޯސްޕަވަރުގެ އިންޖީނު ކަމަށާއި މިއީ 1400 ހޯސްޕަވަރުގެ އިންޖީނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދޯނިފަހަރުގައި އިންޖީނު އަޅުވައިދީ، އިންޖީނަށް ދިމާވާ މައްސަލަތައް ވެސް އެ ކުންފުނިން ސަރވިސް ކޮށްދޭނެ ކަމަށެވެ.

ފިޝިންގ ބޯޓާ ގުޅިގެން ޖިނާހު ވިދާޅުވީ މި ބޯޓަކީ ޖަޕަނީސް ޓެކްނޮލޮޖީ ހިމެނޭ ބޯޓެއް ކަމަށާއި މިއީ ގިނައިން މަސް ބާނާ މީހުންނަށް ހާއްސަ ކޮށްގެން ރާއްޖޭގެ މަސްވެރިކަން ކުރާގޮތް ބަލައިގެން ވިއެޓްނާމުގައި އުފައްދާފައިވާ ބޯޓެއް ކަމަށެވެ.

އެ ބޯޓު މިހާރު ރާއްޖޭގައި މަސްވެރިކަމަށް ކުރާ ބޯޓުތަކާ ތަފާތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަސް އާންމުކޮށް އުޅެނީ ފަރު މަތީގައި ކަމަށްވުމުން ވަރަށް ގިނަ ބަޔަކު ފަރު މަތީގައި މަސް ބާނަން ބޭނުންވާ ކަމަށާއި ނަމަވެސް ފަރު މައްޗަށް ނަގިލި ލުން މަނާވާތީ ފަރު މަތީގައި މަސްވެރިކަން ނުކުރެވޭ ކަމަށެވެ.

އެހެންނަމަވެސް އަލަށް ތައާރަފުކުރި އެ ބޯޓުގައި ނަގިލި ލާން ނުޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރިޔާ ނެގުމުން ބޯޓު އޮޔާ ނުދާނެ ކަމަށެވެ. އެހެންކަމުން ފަރު މަތީގައިވެސް މަސްވެރިކަން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖިނާހު ވިދާޅުވީ އެ ބޯޓަށް އޯޑަރުކުރާތާ އެއް މަސް ތެރޭގައި ކަސްޓަމަރަށް ޑެލިވަރ ކުރާނެކަމަށާއި ބޯޓުގައި ސަލާމަތީ ހުރިހާ ކަންކަން ފުރިހަމަވާނެ ކަމަށެވެ. އަދި 26 ނޮޓުގެ ބާރުމިނުގައި ބޯޓު ދުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.