ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, އެ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުގައި ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާއި ގުޅޭގޮތުން މިނިސްޓަރު މިއަދު ވިދާޅުވީ، މި ކޮންފަރެންސްއަކީ، އެއް ފިވަޔަޅަށްފަހު އަނެއް ފިޔަވަޅު އަޅަމުން ގޮސް މިދިގު މަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރަން ނިކުމެތިއްބެވި މާލިމީންނަށް, (ކޮމިޝަނަރ އޮފް ޕޮލިސްއާއި އެމަނިކުފާނުގެ އެގްޒެކްޓިވް ޓީމަށް) މަގުދައްކައިދޭނެ އަލިގަދަ ބައްތިއަކަށް ވެގެންދާނެކަމަށެވެ.
މިކޮންފަރެންސް ބޭއްވިގެން މި ދަނީ ދިވެހިރާއްޖޭގައި މިފަދަ މަސައްކަތެއްގެ ފުރަތަމަ ތަޖުރިބާއެއްގެ ގޮތުންކަން ފާހަގަ ކުރައްވަމުން، މިނިސްޓަރ ޢިމްރާން ވިދާޅުވީ މިފެށުނީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި, ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކަށް މުޅިން އާބޮޅެއް އިތުރުވެގެންދާ ވަރަށް އުފާވެރި ދުވަހެއްކަމަށެވެ.
ފުލުހުންގެ ޚިދުމަތް ރިފޯމް ކުރުމުގެ މިމަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިންތިޚާބީ ވައުދެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި, އިހުތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީގޮތެއްގައި ވަރަށް ތަރުތީބުކުރެވިގެން ކުރަންޖެހިފައިވާ ދަތި, ގޮންޖެހުންބޮޑު އުނދަގޫ މަސައްކަތެއްކަމަށެވެ. އެމަންޒިލަށް ވާސިލްވުމަށްޓަކައި ކަށިތަކުން ފުރިގެންވާ ދިގުރާސްތާއެއް ކަޑައްތުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
"މިއަދު މިމަސައްކަތް ފެށިގެންދާއިރު ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ތަރުތީބުކުރުމަށް ދިހަ ފަރާތަކުން ރިސަރޗްކޮށް ޕޭޕަރު ހުށަހެޅުމަކީ އަޅުގަނޑުމެންގެ މިމަގަށް އަލިކޮށްދޭނެ ވަރަށްބޮޑު އަލިކަމެއް. ފުރަތަމަ ފަހަރަށް ފުލުހުންގެ ޚިދުމަތް ބައްތަންކުރަންވީގޮތް ޢާއްމުރައްޔިތުން އެކުވެ ގުޅިގެން ދިރާސާވެރިންގެ ހޯދުންތަކާއެކު ހުށަހަޅައިދިނުމަކީ ރާއްޖޭގައި ކުރެވޭ އާ ތަޖުރިބާއެއް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް މިއަދު ފަށާފައިވާ މަސައްކަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް މިކުރެވޭ މަސައްކަތް ކުރިއަށް ގެންދެވޭނީ އިލްމީ ހަމަތަކާއި ދިރާސާތަކުގެ މަތިން ކޮންފަރެންސްތަކާއި, ސެމިނާތަކާއި, ވޯކްޝޮޕްތައް ބާއްވައިގެންކަމަށެވެ. އެކަމުގައި ކޮލެޖްތަކާއި, ޔުނިވަރސިޓީތަކާ ރިސަރޗް ކުރައްވާ ބޭފުޅުން ފުރިހަމައަށް އެންގޭޖް ވާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިކަމަށް ލިބިގެންނޫނީ ކާމިޔާބުނުވާނެކަމަށް ވިދާޅުވިއެވެ.
ފުރިހަމަ ފުލުހުންގެ މުއައްސަސާއެއް ޤާއިމްކުރުމަކީ އެންމެން ބޭނުންވާގޮތް ކަމަށް ވިޔަސް, އެމަގަށް ދިއުމުގައި ހުރި ދަތިތަކާއި, ގޮންޖެހުންތަކުގެ ބޮޑުކަން ރައްޔިތުންނާއި, ދިރާސާކުރާ ފަރާތްތަކާއި އެންމެންނަށް އެކުގައިތިބެ މަޝްވަރާކުރެވި އިނގެންޖެހޭކަމަށް ވެސް މިނިސްޓަރު އިމްރާންގެ ވާހަކާގައި ވިދާޅުވެފަވެއެވެ.