ރާއްޖެއަކީ "ފޫހި މަންޒިލެއް" ކަމަށް ވިދާޅުވެ، ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ، ވާހަކަ ދެއްކެވުން ފާޑުކިޔުންތައް އަމާޒު ވުމުން އެންމެފަހުން އޭނާ ރާއްޖޭގެ ކިބައިން މައާފަށް އެދިއްޖެއެވެ.

އޭނާ މައާފަށް އެދުނީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން އައިޓީބީ ބާލިން ފެއާރގައި ދައްކަވާފައިވާ ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ.

Ad
rt

އެ ފެއާރގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނާނެ ކަމަށާއި އެތަނުގައި ފަސް ދުވަހަށް މަޑުކޮށްލާ އިރަށް ފަތުރުވެރިން ފޫހިވާނެ ކަމަށް ވެސް ފެނާންޑޯ ވިދާޅުވެފައި ވެއެވެ. އަދި ލަންކާގައި އެހެން ނުވާނެ ކަމަށާއި ލަންކާގައި ފަތުރުވެރިންނަށް މާ ގިނަ ކަންތައްތައް ތަޖުރިބާ ކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން ގިނަ ދިވެހިންނާއި ލަންކާ ރައްޔިތުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވާއިރު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ 'ބެންޗްމާކެއް' ކަމަށެވެ.

"ރާއްޖެއަށް 2020، 2021 އަދި 2022 ވަނަ އަހަރު ވޯލްޑް ޓްރެވެލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު ވަނީ ލިބިފަ. ރާއްޖެއަކީ އެންމެ ރަނގަޅު އަދި އެންމެ 'އެޑިކްޓިވް' ފަތުރުވެރި މަންޒިލަކަށް ހަދައިދިން ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކަށް ޝުކުރު އަދާކުރަން." ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ވާލުކުރެއްވުމަށް ވެސް ފެނާންޑޯގެ ކިބައިން ޑރ. މައުސޫމް ވަނީ އެދިވަޑައިގެންފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ރީތި ރަށްތަކާއި ބެހޭގޮތުން އެ ފެއާރގައި ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި ލަންކާ އިން މަސައްކަތް ކުރަނީ ރާއްޖެއާ ގުޅިގެން ކަމަށާއި އޭނާގެ އެ ވާހަކަތަކާއި ގުޅިގެން މައާފަށް އެދިވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.