ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ގައުމީ އެއަރަލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 5:05 ހާއިރު އެވެ.

Ad
rt

މިއީ މި ސަރުކާރުން ނޮވެމްބަރު 2020 ގައި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މާރިޗު މަހުގެ 15 ވާ ބުދަ ދުވަހު ކަމަށާއި އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހު ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އެއަރޕޯޓް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށއި އެގޮތުން އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމާއި، އަދި ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލަކީ ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލް ކަމަށްވާއިރު، ޓަމިނަލްގ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާ އަކަށެވެ.

މިއީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭ އެއް ހަދާފައިވާއިރު، ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ވަނީ ތަރައްޤީކޮށްފައެވެ. އަދި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ފަޔަރ ބިލްޑިންގ ގެ ހުރިހާ މަސައްކަތްތައް ވެސް މިހާރުވަނީ ނިމިފައެވެ.

ފަރެސްމާތޮޅާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެން ތަރައްގީ ކޮށްފައިވާ އެއަރޕޯޓް ފަރެސްމާތޮޑާއާއި ގުޅުވާލާނީ ކޯސްވޭއަކުން ނެވެ. މި މަސައްކަތްވެސް ކުރިއަށްގެންދަނީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔަ އެމްޓީސީސީން ނެވެ.

އެހެންނަމަވެސް އެއަރޕޯޓް ހުޅުވާއިރު ކޯޒްވޭގެ މަސައްކަތް ނުނިމުނު ނަމަވެސް، ވަގުތީގޮތުން ރަށުން އެއަރޕޯޓަށް ދަތުރުކުރެވޭނެ މަގެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ. އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ވަނީ ހަދާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.