ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަފުދެއް ހއ. އަތޮޅުގެ ބައެއް ރައްތަކަށް ދަތުރެއް ފަށައިފިއެވެ.

އިއްޔެ ފެށި މި ދަތުރުގައި އެމްޑީޕީގެ ވަފުދުގައި އިސްކޮށް ތިއްބެވީ އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނެވެ.

Ad
rt

މިގޮތުން މިވަފުދުގައި ހިމެނޭ މެންބަރުންގެ ތެރޭގައި އިހަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އާއި، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ އާއި، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަހީމް އަބުދުލްޙަކީމް އާއި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބުދުﷲ ހިމެނެއެވެ.

މި ވަފުދު މިހާތަނަށް ޒިޔާރަތް ކުރި އެ އަތޮޅުގެ ރަށްތަކުގެ ތެރޭގައި މޮޅަދޫ، ތުރާކުނު، އިހަވަންދޫ، މާތަރަންދޫ އަދި އުތީމު ހިމެނެއެވެ.

މި ޒިޔާރަތުގައި ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ އަޑު އެހުމުގެ އިތުރުން އެ ރަށްތަކުގައި ތިބި އެމްޑީޕީގެ އިސް މެންބަރުންނާ ވެސް އަންނަނީ ބައްދަލު ކުރަމުންނެވެ.

ހއ. އަތޮޅުގެ ބައެއް ރަށްތަކުގެ އިތުރުން ގދ. އަތޮޅުގެ ބައެއް ރަށް ތަކަށް ވެސް އެމްޑީޕީން އިއްޔެ ވަނީ ދަތުރެއް ފަށާފައެވެ.

އެމްޑީޕީން ދެ އަތޮޅެއްގެ ބައެއް ރަށްތަކަށް ދަތުރެއް ފަށާފައި މި ވަނީ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަން ވަމުން އަންނަނިކޮށެވެ. ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރާނީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.