ވަކި ގައުމެއް ނުވަތަ ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަަތަށް އޮތް ހުރަހެއް ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.
އެމްޓީޑީސީއަށް 15 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ ވާންޖެހޭނީ ބޭރުގެ ފަތުރުވެރިންނަށް އަބަދު ވެސް މަރުބާ ކިޔާ، އެމީހުންނާއި ދޭތެރޭގައި އޯގާތެރިކަމާއިއެކު ހިތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތަކީ ފަތުރުވެރިކަން ކަމަށާއި އެހެން ޤައުމުތަކާއި، އެޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ދޭތެރޭ ކަންތައްތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވަނީ ވޭތުވެދިޔަ 15 އަހަރު، އެމްޓީޑީސީން ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށްކޮށްފައިވާ މަސައްކަތްތައް ވެސް ފާހަގަކުރައްވާ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެކުންފުނީގެ ހިއްސާދާރުންނަށް ގެއްލުންވިޔަނުދިނުމަށް އެކުންފުނިންކޮށްފައިވާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.
މިހަފްލާގައި އެމްޓީޑީސީގެ އައު ލޯގޯއާއި ވެބްސައިޓްގެ އިފްތިތާހްކޮށްދެއްވައި، އެކުންފުނީގެ އައު ހެޑް އޮފީހުގެ މަޝްރޫއު ވެސް ވަނީ ހާރިޖީ ވަޒީރު އިފްތިތާހް ކޮށްދެއްވާފައެވެ.
6000 އަކަމީޓަރަށްވުރެ ބޮޑު ބިމެއްގައި އެމްޓީޑީސީގެ އައު ހެޑް އޮފީސް ތަރައްގީކުރަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކުރިމަތީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!