ޤައުމު އާރާސްތު ވާނީ ޒުވާނުން ބިނާވެގެން ކަމަށާއި އެކަމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރާ ހާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ނިޒާމް މުޅި ރާއްޖޭގައި އެއްހަމަކުރުމަށް ފުރަތަމަ ބޭނުންވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރަން ކަމަށެވެ. އަދި ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް، ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު ކަމަށެވެ.

Ad
rt

"ކްލާސްރޫމް ނެތިގެން، ފުރާޅު ހިޔާނުވެގެން، އަތްވާއި ވާރޭގައި ގަހެއްގެ ދަށުގައި ހުންނަ ގޮނޑިއެއްގައި އެ ކުއްޖާ ބައިންދާކަށް ނޫން. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި، ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމުން ކުރިމަތިވާ ދަތިތައް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުވެސް އޮތް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިހައިތަނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި، 85 މަލްޓި-ޕަރޕަސް ހޯލް ނިމެމުންދާ ކަމަށެވެ. އަދި ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫއު ހިނގަމުންދާ ކަމަށެވެ.

ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއްގެ ބިންގަލަކީ، ފެންވަރު ރަނގަޅު މުދައްރިސުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މުދައްރިސުންނަށް ބޭނުންވެ، މިހައިތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް ފުރިހަމަކޮށްދެވިއްޖެ ކަމަށެވެ.

ހަމަމިއާއެކު ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަންޖެހޭ ތަޢުލީމީ ދާއިރާގެ މިފަދަ މަޝްރޫޢުތައް އެބަހުރިކަން ވެސް ފާހަގަކުރެއްވިއެވެ.