ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ ސޫޓް (ކޯޓު) އިރައިގެންދިއުމުން ހާމަވަނީ ރާއްޖޭގައި އަނިޔާވެރިކަން ހުރި މިންވަރުކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުުވެއްޖެއެވެ.

މެމްބަރު ސައީދުގެ ސޫޓް އިރައިގެން ދިޔައީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ސާލިހު، ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން އެ މެމްބަރުންގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވައި، ތަޅުމުން ނެރެން އުޅުމުގެ ތެރޭގައެވެ.

Ad
rt

މިކަމާއި ގުޅިގެން 'ތިލަދުން' އަށް ހީނާ ވިދާޅުވީ މިފަދަ ކަންކަމަކީ ގައުމުގެ ވެރިކަމުގައި ޑިކްޓޭޓަރެއް ހުރުމުން ދިމާވާ ކަންކަން ކަމަށެވެ. އަދި ރައީސް ސާލިހަކީ އިންޑިއާގެ ޕަޕެޓެއް ކަމަށެވެ.

ސައީދުގެ ސޫޓް އިރާލާފައި، ފޮޓޯ: ޕީޕީއެމް

މީގެ އިތުރުން އަންހެން ސާޖެންޓް އެޓް އާމްސް ފޮނުވައިގެން ފިރިހެން މެމްބަރަކު މަޖިލީހުން ނެރެން މަސައްކަތް ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި ޑިމޮކްރެސީގެ ބޯޑު އަޅުވައިގެން ވެރިކަމަށް އައިސް ދައްކަނީ އެހެން ބޯޑެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އަދުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް އަނިޔާކުރަމުން ކަމަށާއި ހާއްސަކޮށް އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ތަފާތު އެކި ގޯނާ ވެސް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ ކޯލިޝަނުން މިހާރުކުރިއަށް ގެންދާ އިހުތިޖާޖުގައި ވެސް ވަރަށް ގިނަ މީހުންނަށް އަނިޔާކުރަމުންދާކަން ހީނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އެންމެފުރަތަމަ އިއްވީ ނައިފަރި ދާއިރާގެ މެމްބަރު އަހްމަދި ޝިޔާމްގެ ނަމެވެ. އެއަށްފަހު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެ ނަން ވެސް ވަނީ އިއްވާފައެވެ.