މިހާރު ހަނިމާދޫގައި ކުރިއަށްދާ "ހަނިމާދޫ ލީގު 2023" ފުޓްބޯޅަ މުބާރާތުގައި ރިއަލް ސްޓާސް އަދި ޔުނީފޯމް ވެސް އެ ޓީމްތައް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ރިއަލް ސްޓާސްއާއި ފަލްކަން ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސްއެވެ.

Ad
rt

މި މެޗުގައި ރިއަލް ސްޓާސްއަށް ލަނޑުތައް ޖަހައިދީފައި މުޙައްމަދު އަލީ، ޒަމާއު އަދި އާދަމް އިބްރާހީމެވެ. ފަލްކަން އަށް ލަނޑު ޖަހައިދީފައި ވަނީ ސަލްވާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރިއަލް ސްޓާސްގެ އާދަމް އިބްރާހީމެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ޔުނީފޯމާއި ރޫހް އެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނީފޯމުންނެވެ.

މި މެޗުގައި ޔުނީފޯމް ޓީމްގެ އަބޫބަކުރު އަބްދުލް ކަރީމް ދެ ލަނޑު ޖެހިއިރު، ދެން އެ ޓީމަށް ލަނޑު ޖަހައިދީފައި ވަނީ އަހްމަދު މާޒިންއެވެ. ރޫހުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ ނައިޝަމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޔުނީފޯމް ޓީމްގެ އަބޫބަކުރު އަބްދުލް ކަރީމެވެ.

ދެން މި މުބާރާތުގެ މެޗުތައް އޮންނާނީ މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހުއެވެ. ހޯމަ ދުވަހު ހަވީރު ޝީލްޑް ނުކުންނާނި އަހުލީއާއި ދެކޮޅަށެވެ. އަންގާރަ ދުވަހު ހަވީރު ފަލްކަން ނުކުންނާނީ ޔޫތު ފްރެންޑްސްއާއި ދެކޮޅަށެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރުމަތިން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދީ، އެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމެވެ. މީގެ އިތުރުން ހަނިމާދޫގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުމެވެ.

މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.