އެއް ދުވަހަކު ފަނޑިޔާރުގެއަށް ވަރަށް ބޮޑު މައްސަލައެއް ކާޅު ހުށަހެޅިއެވެ. މައްސަލަ ބަލައިގެންފައި ޝަރީޢަތް ފަށައިފިއެވެ. ކާޅުގެ ޝަކުވާ ރައްދުވަނީ ކޮވެއްޔަށެވެ.

އެ ދައުވާއަކީ ކާޅު ހާލި ހެދީމާ އެ ހާޔަށް ކޮވެލި ބިސްއަޅާ ކަމުގެ ދައުވާއެވެ. ކޮވެއްޔަށް ދައުވާ ސާފުވާ ކަމަކަށް ވެސް ނުވެއެވެ. އެކަމަކު ޝަރީޢަތް ކުރިއަށް ގެންދޭނެ ކަމަށް ނިންމައިފިއެވެ. ކޮވެލި ދައުވާއަށް އިންކާރުކުރާތީ ހެކި ހުށަހަޅަން ޖެހުނީ ކާޅަށެވެ.

Ad
rt

ހެކިންގެ ހެކިބަސްނަގައި ޝަރީޢަތް ކުރިއަށް ގެން ގޮސް އެންމެފަހުގެ އަޑުއެހުން ވެސް ނިންމާލައިފިއެވެ. އެތައް އަހަރެއް ޝަރީޢަތުގައި ފާއިތުވެ ހިތްހަނދާން ނެތި ދިޔަފަހުން ހުކުމް އިއްވައިފިއެވެ.

ކާޅު އައިސް ހުކުމް ލިޔެފައިވާ ގަނޑު އަންހެނުން އަތަށް ދީފައި ބުންޏެވެ. ވަރަށް ޢަދުލްވެރި ޤާޟީއެކެވެ. ހުކުމްކުރެއްވީ އިންސާފަށެވެ. މައްސަލަ ނިމުނީ އަހަރެންގެ ކޮޅަށެވެ.

ކާޅުގެ އަންހެނުން އެ ގަނޑަށް ބަލާލުމަށްފަހު ބުންޏެވެ. އިންސާފު ލިބިގެން ދިޔައީ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ބޭރު ކަރައެއްގެ ބޭފުޅަކަށް ވާތީއެވެ.

ކާޅު ބުންޏެވެ. ނޫނެކެވެ. ތިޔަހެން ތިޔަ ބުނީ ކީއްވެހެއްޔެވެ.

ކާޅުގެ އަންހެނުން ބުންޏެވެ. މީގައި މިއޮތް އެއްޗެއް އަހަރެމެން ދިވެހީންނަކަށް ނޭނގޭނެވެ. މީގައި މި އޮތީ އުރްފާއި، ޙުޞޫމާތުގެ ވާހަކައެވެ. މައްސަލައަށް ތަޠުބީޤުކުރާ ވާހަކައާއި، ޤަޟިއްޔާގައި އިސްތިޤްރާރުވާކަމަށް ވެސް އެބައޮތެވެ. މަބްދަޢުއާއި، ޤާނޫނެއް ރަޖުޢީކޮށް މާނަކުރުމާއި ޚާއްޞަ ވާޤިއާތަކުގެ ވާހަކަ ވެސް އެބައޮތެވެ. މިއަކުން އެޔެއްމިޔެއް ނޭނގެއެވެ.

އަލުން މި ހުކުމް މާނަކޮށްދޭތޯ ދައުވާއެއް ކުރާން އުޅޭށެވެ. އެހެން ނޫނީ އަދިވެސް އަހަރެމެން ހާލި ހެދީމާ ކޮވެލި ބިސް އަޅާނެއެވެ. (ނިމުނީ)