ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާ ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޑިޔޮން ބެޓިސްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރަފީނިއާ ބޮލުންޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ލިބުނު އިރު ރަފީނިއާ އޮފަސައިޑްގައި ހުރުމުން ލަނޑު ވަނީ ބަލައި ނުގަނެފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ މިޑްފީލްޑަރ ޕެޑްރީއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. ބެޓިސްގެ އޭރިއާ ތެރެއިން އުފެއްދި ދެ ހަމަލާ ވެސް ބެޓިސްގެ ކީޕަރު ރުއި ސިލްވާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ފުރަތަމަ ލިބިފައި ވަނީ ޕެޑްރީއަށެވެ. ޕެޑްރީ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށް ވެސް ވީ ބެޓިސްގެ ކީޕަރެވެ.

މެޗުގެ ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ބަލްޑޭ ބެޓިސްގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަފީނިއާއެވެ. މިއީ ބާސާއަށް ރަފީނިއާ ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ލަނޑު 80 ވަނަ މިނެޓުގައ ކާމިޔާބު ކޮށްދީފައި ވަނީ ތިން މެޗުގެ ސަސްޕެންޝަނަކަށް ފަހު ރޭގެ މެޗުގައި ކުޅުނު ބާސާގެ އިތުބާރު ފޯވާޑް ލެވަންޑޯސްކީއެވެ. ބާސާއިން ނެގި ކޯނަރެއް އެ ޓީމްގެ ޑިފެންޑަރ އަރައުހޯ ބޮލުން ފޮނުވާލި ވަގުތު އޭރިއާތެރޭ ހުރެ ލެވަންޑޯސްކީ ވަނީ އެ ބޯޅަ ކޮންޓްރޯލްކޮށް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ ލީގުގައި މި ސީޒަންގައި ލެވަންޑޯސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. ލަނޑު ލިސްޓްގެ އެންމެ ކުރީގައި މިވަގުތު އޮތީ ވެސް ލެވަންޑޯސްކީއެވެ.

މެޗުގައި ބެޓިސް އިން ކާމިޔާބު ކުރި ލަނޑަކީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ބާސާގެ ޑިފެންޑަރ ކޫންޑޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި ނަތީޖާއާއިއެކު ދެވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ބާސާއަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއާލް އޮތީ 18 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. މިރޭ ރެއާލް އަމިއްލަ ދަނޑުގައި ވެލެންސިއާއާއި ދެކޮޅަށް ނުކުންނައިރު، މި މެޗު ކާމިޔާބު ކޮށްގެން ބާސާއާއި އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. ބާސާއަތުން ބަލިވި ބެޓިސް މިވަގުތު އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 19 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ.