ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް މެދުކަނޑާލާނީ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

Ad
rt

މި ބަދަލާއެކު އެ އެއަރލައިނުން، ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލާނެ ކަަމަށް ވަނީ ބުނެފައެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ފަށާފައެވެ. އެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.

އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.