ހއ. ބާރަށުގައި ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ އިން ވިދާޅުވީ މިއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެއް ކަމަށެވެ.
އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތެރޭގައި ބާރަށް ވެސް ހިމަނާފައިވާ ކަމަށާއި އެ ރަށުގައި ފުޓްބޯޅަ އެކަޑެމީ ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ކަމަށް ވެސް ބާރަށު ކައުންސިލުން ވިދާޅުވެ އެވެ.
މިގޮތުން " ނިއުރޭޑިއަންޓް އެކަޑަމީ" މީގައި ބައިވެރިވެވޭނެ އުމުރު ފުރާތަކަކީ 7 އަހަރުން ދަށް، 9 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް އަދި 16 އަހަރުންދަށް ކަމަށް ވެސް ކައުންސިލުން ވިދާޅުވެ އެވެ. އެވެ. އަދި އެކަޑެމީ އަށް ކުދިންވަންނަ ނިސްބަތަށް ބަލާ، 100 ކުދިންނަށްވުރެ އިތުރުވާ ރަށްރަށުގައި، ދާއިމީ ގޮތެއްގައި ތަމްރީން ދިނުމަށް، ވަރަށް ރަނގަޅު ފެންވަރެއްގެ ރާއްޖެއިން ބޭރުގެ ކޯޗެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.
މީގެ އިތުރުން، އެކަޑަމީ ހިންގުމަށް ފެށުމުގެކުރިން، ބާރަށުން 5 ފަރާތަކަށް، "ޑީ" ލައިސަންސް ކޯޗިންގެ ސެޓްފިކެޓް ތަމްރީން ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި ކޯސް ފުރިހަމަ ކުރާފަރާތް ތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ އެންމެ ރަނގަޅު ދެ ކޯޗުންނާއި އެކު އެގުރިމެންޓްކުރެވި، ކުލަބްގެ އެކަޑެމީ ކޯޗުންގެ ގޮތުގައި ހަމަޖެއްސޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެކަޑެމީ ހިންގަން ފެށުމުގެ ކުރިއަށް، އެކަޑެމީ އަށް ބޭނުންވާ ހުރިހާ ސާމާނު، އެކަޑެމީގެ ފަރާތުން ފޯރުކޮއްދިނުމަށް ނިންމާފައިވާއިރު، "ނިއުރޭޑިއަންޓް އެކަޑެމީ" ގައި ބައިވެރިވާ ކުދިންއަތުން ނެގުމަށް ހަމަޖެހިފައިވަނީ މަހަކު -/300 ރުފިޔާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެ އެވެ. އަދި، އެޕްލިކޭޝަން ފޯމާއެކު، އަލަށް ވަންނަ ކުއްޖެއްގެ އަތުން، އެކަޑެމީ ކިޓް ފީގެ ގޮތުގައި، -/300 ރުފިޔާ ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި އެކަޑެމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 31 ޖަނަވަރީ ގެ ނިޔަލަށް މި ފުރުސަތު އޮންނާނެ އެވެ. އަދި ރަޖިސްޓްރީވާން އެދޭ އެޕްލިކޭޝަންފޯމް ބާރަށު ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެ އެވެ.
"ނިއުރޭޑިއަންޓް އެކަޑެމީ" އާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 3327956 ނަންބަރާ ގުޅުއްވުމަށް ވަނީ އެދިލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!