ކުރި ރޯކުރާއިރު އަދި ރޯކުރި ކުރި އިންދާއިރު ހެދޭ ބައެއް ގޯސްތައް

photo_2023-01-14_18-25-56

މާގަސް އިންދާ ގިނަ ފަރާތްތަކުން ގަހުގެ އަދަދު އިތުރުކުރުމަށް ބޮޑެތި ގަހުން ކުރި ކަނޑައިގެން ރޯކުރެއެވެ. ނަމަވެސް މިހެން ރޯކުރަން ޖަހާ ކުރިކޮޅުތަކުގެ ތެރެއިން ގިނަ އަދަދަކަށް ކުރި ރޯނުވެ ދާތަން އާދެއެވެ. އަދި ރޯކުރި ކުރިތައް އިންދުމަށްފަހު ކުރިތައް މިލާމޯޅި ވާގޮތް ދިމާވެއެވެ. އެހެން ހުރެ ކުރިތައް ހިކި މަރުވެ ވެސް ދެއެވެ. މިހެން ދިމާވާ ސަބަބުތަކެއް ހުރެއެވެ. މިބަލައިލަނީ އެ ސަބަބުތަކަށެވެ.

1. ރަނގަޅަށް މޫލެއްވުމަށް ބާރުއަޅާ ކަންކަން ނުކުރުން

ކުރި ރޯކުރަން އިންދާއިރު ރަނގަޅަށް މޫލެއްވުމަށް ޓަކައި މުހިއްމު 4 ކަމަކަށް ސަމާލުކަން ދޭން ޖެހެއެވެ. ފުރަތަމަ ކަމަކީ އިންދާ ކުރި ކޮޅުގެ ބުޑުން ތޮށި ދުއްވައިލުމެވެ. މީގެ ބަދަލުގައި 45 ޑިގްރީ ނުވަތަ އެއަށްވުރެ ބޮޑަށް ކަތިކޮށް ބުޑުން ތަންކޮޅެއް ކަނޑައިލަން ޖެހެއެވެ. ކަނޑާނީ ސްޓްރެލައިޒް ކޮށްފައިވާ ވަޅިއަކުން ނުވަތަ ކަތުރަކުންނެވެ.

ދެވަނަ ކަމަކީ ފަސޭހައިން ފެން ހިނދޭ ފުށް ބޮޑެތި ފަސްކޮޅެއްގައި ކުރި އިންދުމެވެ. ބައެއް ބާވަތްތަކުގެ ކުރި ބޮނބި ކުނޑީގައި ނުވަތަ ޕީޓް މޮސް ގައި ފަސޭހައިން ރޯވެއެވެ. މިފަދަ މީޑިއަމެއް ބޭނުންނުކުރާ ނަމަ، އަލަށް ނުކުންނަ ޅަަ މޫތައް ފިތި މަރުވާގޮތް ދިމާވެއެވެ. ކުރި ރޯކުރަން އިންދާ މީޑިއަމަށް ގެރިގުއި ފަދަ ކާދެއް އެއްކުރުން ރަނގަޅެއް ނޫނެވެ. އޭރުން ނުކުންނަ ޅަ މޫތައް ފިއްސާލައެވެ. ކާދު އަޅަން ފަށާނީ ރޯވި ކުރި އިންދުމަށްފަހު އެވެ.

ތިންވަނަ ކަމަކީ ކުރިކޮޅުން ފެން ދެމިގެން ގޮސް ނުހިކޭގޮތް ހެދުމެވެ. މިހެން ހެދުމަށް މަތިން އެއްޗެއް އަޅައި ނިވައިކޮށްލުން މުހިއްމެވެ. ފުޅިބުރިއެއް ނުވަތަ ޕްލާސްޓިކް ކޮތަޅެއް މިކަމަށް ބޭނުންކުރެވިދާނެއެވެ. މިގޮތަށް ހެދުމުން ކުރިކޮޅު ހުންނާނީ އާވި އުފެދޭ ކުޑަ 'ގްރީން ހައުސް'އެއްގައެވެ.

ހަތަރުވަނަ ކަމަކީ ކޮންމެހެން ކުރަން މަޖުބޫރުކަމެއް ނޫނެވެ. އެއީ މޫލެއްވުމަށް ބާރުއަޅާ ކާނާއެއް ކުރިކޮޅުގައި ހަކައިލުމެވެ. މިގޮތުން ވިޓަމިން ބީ ވަން އެމިނޯ އެސިޑް ނުވަތަ މެކްސިކްރޮޕް ފެނަށް އަޅާފައި، ކުރި އިންދުމުގެ ކުރިން އެފެނުގައި ގަޑިއެއް ހާއިރު ބެހެއްޓިދާނެއެވެ. އޭގެބަދަލުގައި ފުށްކޮށް ހުންނަ އެފަދަ ކާނާއެއް ފިސްކޮށްލި ނުވަތަ ކަތިކޮށް ކަނޑާލި ހިސާބުގައި އިންދުމުގެ ކުރިން ހާކައިލެވިދާނެ އެވެ.

 

2. ފެން ދިނުމުގައި ހެދޭ ގޯސްތައް

ކުރި އިންދުމަށް ފަހު ނިވާކޮށްލާ ވާހަކަ ގެނެސްދެވިއްޖެއެވެ. މިގޮތަށް ނިވާ ކުރުމަށްފަހު ކުރިއަށް ފެންދިނުމަކީ ފެން ދިނުމުގައި ހެދޭ ފުރަތަމަ ގޯހެވެ. މިހެން ކަންތައް ކުރާނަމަ ކުރި ރޯވުމުގެ ބަދަލުގައި ގިރި ފީވާނީއެވެ.

ފެން ދިނުމުގައި ހެދޭ ދެވަނަ ގޮހަކީ މަތިން ނިވާކޮށްލަން އެޅި އެތި ނެގުމަށްފަހު ދެތިން ދުވަސް ނުކޮށް ފެންދިނުމެވެ. މިހެން ކަންތައްކުރުމުން ކުރިކޮޅުގައި މާ ފެން ގިނަވެއެެވެ. އަދި ޅަ މޫތައް ގެނބި މަރުވާގޮތް ދިމާވެއެވެ.

އިންދުމަށްފަހުވެސް މާ އަވަސް އަވަހަށް މާގިނައިން ފެންދިނުމަކީ ހެދޭ ގޯހެކެވެ. މިހެން ހެދުމުންވެސް ޅަ މޫތައް ގެނބި މަރުވާގޮތް ދިމާވެއެވެ. ކުރިކޮޅު ރަނގަޅަށް ހެދެން ފަށަންދެން ބުޑުގެ ފަސްކޮޅު އެއްކޮށް ހިކުމުން، ފަސްކޮޅު ފޯނުވާ މިންވަރަށް ފެންދޭށެވެ.

3. އިންދާއިރު ހެދޭ ގޯސް

ކުރި ރޯކުރަނީ ބޮަޑު އެއްޗެއްގައި ނުވަތަ ބިމުގައި އިންދުމަށެވެ. މިހެން ރޯކުރާކުރި އިންދާއިރު ބައެއް މީހުން އިންތާ އެތީގައި ނުވަތަ ތަނުގައި ވަޅެއް ކޮނުމެއް ނެތި، ކުރި ފަސްގަނޑުތެރެއަށް ހަރާލަނީއެވެ. ނަމަވެސް އެންމެނަށްވެސް އެނގޭނޭ ފަދައިން މިހެން ކަންތައް ކުރުމުން ކުރިކޮޅުން ފައިބާފައި ހުރި ޅަ މޫތަކަށް ގެއްލުން ލިބޭނެއެވެ. ދެތިން ދުވަހު ކުރި ރީތިކޮށް ހުރެފައި ނުކުމެފައި ހުންނަ ޅަ ކުރިތަކާއި ފަތްތައް މިލާ މޯޅިވެއެވެ. ދެން މަރުވެދެއެވެ.

ކުރީގެ ވަށަމިނަށް ވުރެ ފަލަ، ދަނޑިކޮޅެއް ފަދަ އެއްޗަކުން ވަޅެއް ހެދުމަށްފަހު ކުރިކޮޅު މަޑުމަޑުން އެ ވަޅުގައި ބަހައްޓާފައި މަޑުމަޑުން ފަސް ބާރުކޮށްލާފައި ބުޑަށް ކުޑަ ފެންފޮދެއް ދޭށެވެ.

ރޯކުރި ކުރި އިންދާ އިރު ހެދޭ އިތުރު ގޯހަކީ ފަސްކޮޅު ވަކިކޮށްލުމެވެ. މިހެން ހެދުމުން މޫތައް ރޫޅިގެން ގޮަސް މޫތަކަށް ގެއްލުން ލިބެއެވެ. އާޚިރުގައި ކުރި އިންދުމުން ދުވަސްކޮޅަކުން މިލާ މޯޅިވެ މަރުވެދެއެވެ.

މިހެން ހެދުމުގެ ބަދަލުގައި ކުރި އިންދާފައި ހުރި ފަސްކޮޅު ތެތްމައިލުމަށްފަހު އަރިކޮށްލައިގެން ފަސްކޮޅާއެކު ކުރި ނަގާށެވެ. ނުނެގޭނަމަ އިންދާފައި ހުރި 4 ފަރާތުން ފަޅާލައިން ފަސްކޮޅު ރޫޅައިނުލާ ކުރި ނަގާށެވެ. ދެން ފަސްކޮޅުގެ ބޮޑުމިނަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު ވަޅެއް ކޮނެ އެވަޅުގައި ކުރި އިންދާފައި ފަސް ބާރުކޮށްލާށެވެ.

4. މާ އަވަހަށް އަތްވަށް ނެރުން

ބައެއް ފަހަރު ރޯކުރި ކުރި އިންދުމަށްފަހު ހަމަ އެދުވަހު އަވި ލިބޭ ތަނެއްގައި ބައެއް މީހުން ބަހައްޓައެވެ. ބިންމަތީގައި އިންދާ ނަމަ، ފަންކޮޅެއް ޖެހުން ފަދަ، ހިޔާ ލިބޭނޭ ގޮތެއް ނުހަދައެެވެ. މިހެން ކަންތައް ކުރުމުން ކުރި ކޮޅަށް ކުއްލި ސިހުން ލިބި މިލައި މޯޅިވެ މަރުވެއެވެ.

އެއްޗެއްގައި އިންދައިގެން ރޯވެފައި ހުންނަ ކުރި 10 ވަރަކަށް ދުވަހުގެ މުއްދަތަށް، ދުވާލަކު ބައިގަޑިއެއްހާ އިރަށް ހެނދުނުގެ އަތްވަށް ނެރެމުންގޮސް އެއްކޮށް އަވީގައި ބަހައްޓާށެވެ. ބިންމަތީގައި އިންދާނަމަ 10 ވަރަކަށް ދުވަހަށް ސަންނެޓުކޮޅަކުން ނުވަތަ ފަންހުނގުލި ޖަހައި ކުރިކޮޅަށް ހިޔާ ލިބޭގޮތް ހަދާށެެވެ.

ކުރި ރޯކުރުމާއި ރޯކުރި ކުރި އިންދައިގެން ހެއްދުމަކީ ބައެއް މީހުންނަށް ވަރަށް ފަސޭހަކަމެކެވެ. މި ހުރިހާ ކަމެއް މިގޮތަށް ނުކޮށްވެސް ކާމިޔާބުކަމާއެކު މިކަން ކުރެވިދާނެއެވެ. ނަމަވެސް މި ދެ ކަންތައް ވެސް ވެގެންދަނީ ބައެއް މީހުންނަށް ތަންކޮޅެއް އުނދަގޫ ކަމަކަށެވެ. ކޮންމެވެސް މައްސައެއް ކުރިމަރިވެ ކާމިޔާބު ވާގޮތް ނުވަނީއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް މި މަޢުލޫމާތުކޮޅުން ފައިދާކުރާނެ ކަމަށް ދެކެމެވެ.

މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *