ހއ. ހޯރަފުށީގައި ގާއިމު ކުރާ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

Ad
rt

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއީ ވަރަށް ތަފާތު ގޮތަކަށް ތައްޔާރުކުރެވޭ ޕާކެއް ކަމަށާއި ރީތި، ފުރިހަމަ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ.

މިއީ އެރަށު ފެނަކަ ބްރާންޗުގެ ޕީއެސްއާރް އާއި ރަށު ކައުންސިލާއި ޑަބްލިއުޑީސީ ބެޖެޓުން ހަރަދުކޮށްގެން ގާއިމުކުރާ ޕާކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ ފާއިތުވެދިޔަ ކައުންސިލުތަކުން ކުރަންއުޅެ، ނުވެ އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެޕާކަށް ބޭނުންވާ ސާމާނު ހުރީ ލިބިފައި ކަމަށާއި ބައުންޑްރީ ވޯލް ވަކިކުރެވުނުހާ އަވަހަކަށް އެތަކެތި އެތުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

" މި ޕާކުގައި ރީޑިންގ ކޯނަރ އަކާއި ކުޅިވަރު ކުޅެވޭނެ ގޮތްތައް ވެސް ހުންނާނެ. އަދި ހޭންޑްބޯލް، ކުޑަކުދިންނަށް ފުޓްސަލް ފަދަ ކުޅިވަރުތައް ވެސް ކުޅެވޭނެ." ވަހީދު ވިދާޅުވި އެވެ.

ވަހީދު އިތުރަށް ވިދާޅުވީ ގާތްގަޑަކަށް 4 ލައްކަ ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރާ މި ޕާކުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕާކުގެ ކުޑަ ފަރުމާއެއް ހިއްސާކުރައްވަމުން ވިދާޅުވީ ގޮނޑުދޮށް ސަރަހައްދުން އިރުމަތީ ފަރާތުގައި ބާބަކިއު ސަރަހައްދެއް އޮންނާނެ ކަމަށާއި 'މާމަކާފަ' އަށް ހާއްސަ ސަރަހައްދެއް ވެސް އޮންނާނެ ކަމަށެވެ. ބޭނުމަކީ ކުދިން ގޮވައިގެން އައިސް ޕާކަށް ކުދިން ދޫކޮށްލުމަށްފަހު، މައިންބަފައިންނާއި މާމަ އަދި ކާފަ ވެސް މޫދަށް އެރިލައި، ހެދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ މޫދަށް އެރުމަށްފަހު، ޕާކުން ފެންވެރޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށެވެ.

މިފަދަ މަސައްކަތެއް ކުރުމުގައި ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާފައިވާތީ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމާއި ފެނަކަ އެމްޑީ އަހްމަދު ސައީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަށް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.