ސްކޫލް ބަންދާއި ދިމާކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ދާ ދިވެހިން، ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު ވިދާޅުވީ ކޮންމެ ދިވެއްސަކުވެސް ދަތުރުފެށުމުގެ ކުރިން އެ މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓަރީ ވުމަކީ މުހިންމުކަމެއްކަމަށާއި، މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށެވެ.

Ad
rt

މިގޮތައް ރަޖިސްޓްރީ ވާން ބާރުއަޅަނީ ރާއްޖޭން ބޭރަށް ދިއުމަށްފަހު ކަންތައްތައް ދިމާވާނެ ގޮތެއް ނޭނގޭނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ބޭރުގެ ގައުމަށް ދިއުމަށްފަހު، އެގައުމަކީ ރާއްޖޭގެ އެމްބަސީއެއް ހުންނަ ގައުމެއް ނަމަ އެއެމްބަސީގައި ރަޖިސްޓްރީ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެން ނަމަވެސް ގިނަ މީހުން އެކަން ނުކުރާކަމަށް އެފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

ބަދޫރާ ވިދާޅުވީ ދަތުރުކުރާއިރު، އަތުގައި ޕާސްޕޯޓާއި އައިޑީކާޑުގެ ކޮޕީ އޮތުން ވަރަށް މުހިންމު ކަމަށާއި، ފުރުމުގެ ކުރިން ދަތުރުކުރާ ޤައުމުގައި މަޑުކުރަން ހަމަޖެހިފައިވާ އެޑްރެސް އާއިލާއާއި ހިއްސާކުރުމަކީ އެދެވިގެންވާކަމެއް ކަމަށެވެ. އަދި މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ފުރާ ފަރާތްތަކުން އެގައުމަކަށް ދަތުރުކުރާއިރު، އެގެންދާ ބޭހަކީ އެގައުމަކަށް އެތެރެކުރުން ހުއްދަ ބޭހެއްތޯ ޔަގީން ކުރަންޖެހޭ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފުރާނަމަ ރާއްޖެއާ އެގައުމަކާ ވެފައި އޮންނަ ވިސާގެ އެގްރީމެންޓްގެ އެންމެ ގިނަ މުއްދަތަކަށް 90 ދުވަސް ނުވަތަ 180 ދުވަސް އޮތްނަމަވެސް، ދިވެއްސަކު އެޤައުމަކަށް އެތެރެވާއިރު އެޤައުމެއްގެ އިމްގްރޭޝަނުން ވިސާދޭ މުއްދަތު ރަނގަޅަށް ބެލުމަށް ސަމާލުވުމަށާއި ބަލާނުލާ ހުއްޓާ ވިސާގެ މުއްދަތު ހަމަވެ، އެގައުމެއްގައި މަޑުކުރަންޖެހުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި، ވިސާ ދީފައި އޮންނަ މުއްދަތު ހަމަވުމުން މަޑުނުކޮށް އެބުރި ރާއްޖެއަށް އަންނަން ވާނެކަމަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔެކިޔުންތަކަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުގައި އުޅެނިކޮށް ޕާސްޕޯޓު ގެއްލިއްޖެނަމަ، އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ގޮސް ޕޮލިސް ރިޕޯޓަކާއެކު ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއް ހޯދުމަށް މިނިސޓްރީން ވަނީ އެދިފައެވެ.

ދަތުރަށް ފުރާއިރު އެންމެހާ ބޭފުޅުންވެސް މިކަންކަމަށް ސަމާލުވުމަށް މިނިސްޓަރީއިން އެދެއެވެ.

އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރު 7983400

ރާއްޖެއިން ބޭރަށް ދަތުރުކުރައްވާނަމަ ރަޖިސްޓްރީ ކުރައްވާ!