އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޙާބުގެ ބަޖެޓުވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިފަހަރުގެ ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަލުތަކެއް އަންނައިރު ފޮށީގެ ޢަދަދުވެސް އިތުރުވާނެކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ވޭތުވެތިދަ އިންތިޚާބުތަކާ އަޅާބަލާއިރު 178 ފޮށި އިތުރުވާނެއެވެ. މީގެ އިތުރުން ގެންނަ ބަދަލުތަކާއި ގުޅިގެން މުޅި އިންތިޚާބަށް ގާތްގަނޑަކަށް 65 ނުވަތަ 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އަންނަ އަހަރު ކައުންސިލް އިންތިޚާބު ބާއްވާނީ ލާމަރުކަޒީ ޤާނުނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން މާލީ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނައަހަރުގެ ފެބުރުއަރީ މަހުގައެވެ.