ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ރިއަލް ސްޓާސްއާއި އަހުލީ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެއާއި މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ފަލްކަންއެވެ. މި މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އަހުލީ ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރު 7، ހުސެއިން ޝަރީފެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިއަދު ހަވީރު ޔޫތު ފްރެންޑްސްއާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ރިއަލް ސްޓާސް ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރިއަލް ސްޓާސްގެ ޒަމާއުއެވެ.
މުބާރާތުގެ ތިންވަނަ ހޮވާމެޗު މި މަހުގެ ހަތަރުވަނަ ދުވަހު ހަވީރު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ސެމީ ފައިނަލުން ބަލިވި ޔޫތު ފްރެންޑްސްއާއި ފަލްކަންއެވެ.
ރިއަލް ސްޓާސްއާއި އަހުލީ ބައްދަލުކުރާ، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ހަވީރު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!