މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ވެރިކަމެއްގައި ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދާދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ސިޔާމްގެ ނުސީދާ ކެމްޕެއިން މިހާރު ފައްޓަވާފައިވާއިރު، ސިޔާމްގެ އެމްޑީއޭ އަކީ އެންމެ ފުރަތަމަ ދުރާލާ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ފެށި ޕާޓީއެވެ. އެ ޕާޓީން ދަނީ ޕާޓީގެ މެންބަރުން އިތުރުކޮށް، ކެމްޕޭން ޓީމްތައް އެކުލަވާލުމުގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންނެވެ.
ސިޔާމަކީ މީސް މީޑިއާގައި އެހާ ހަރަކާތްތެރި ބޭފުޅެއް ނޫންނަމަވެސް، އޭނާގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއޭގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެއަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ތިންބައިކުޅަ އެއް ބަޔަކީ ރާއްޖޭގައި ހައްދާ ތަކެތި ކަމުގައި ހަދައި، ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހައްދަވައދެއްވާނެ ކަމަށެވެ.
އަޅުގަޑުމެންގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިގައުމަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ 1/3 އަކީ ރާއްޖޭގައި ހައްދާ ތަކެތި ކަމުގައި ހަދާ ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދާދޭނަން
— Ahmed Siyam Mohamed, MP (@Sun_Siyam) December 29, 2022
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ސިޔާމްގެ އެމްޑީއޭގެ އިތުރުން ބައެއް ޕާޓީ ތަކުން އަންނަނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އިދިކޮޅު ޕީޕީއެމުން ކެމްޕެއިން ފަށާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓް ދީފައިވާ ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް މިވަގުތު ހުންނެވީ ހުކުމް ތަންފީޒު ކުރުމަށް ޖަލުގައެވެ. އެމަނިކުފާނު ޖަލަށްލީ ވ. އާރަށް މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކުރުމުން މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ހުކުމަށްފަހުގައި ވެސް އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ޔާމީން ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށާއި، ޔާމީން މިނިވަންކޮށް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.
މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ވެސް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީގައި ބާއްވަން ނިންމައި މިހާރު ދަނީ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ކުރަމުންނެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް އެ ޕާޓީގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަމަށް ބުނެފައިވާއިރު، އެމްއާރްއެމް ވެސް ވަނީ ހިމޭނުން އޮތުމަށްފަހު ވަރަށް ހަރަކާތްތެރިވާން ފަށާފައެވެ. ކޯލިޝަންގައި ހިމެނޭ އަދާލަތުން ކެންޑިޑޭޓެއް ނެރުމާމެދު އަދި އެއްޗެއް ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!