ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ޓޫރިޒަމަށް ފަސްހާސް އަކަފޫޓުގެ ހަތް ބިން ދޫކުރުމަށް ނިންމައި އެކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ.

މި އުސޫލުގެ ދަށުން ހަނިމާދޫ ކައުންސިލުން ޓޫރިޒަމަށް ދޫކުރާ ހަތް ބިން، ދޫކުރުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ޓްއަރިޒަމް ބިމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބީޗް ސަރަހައްދެވެ.

Ad
rt

ލޭންޑް ޔޫސް ޕްލޭނުގައި އެތަން ފާހަގަކޮށްފައި ވަނީ ޓްއަރިސްޓް ގެސްޓް ހައުސްތައް ހިންގުމަށާއި ސިޓީ ހޮޓާތައް ހިންގުމުގެ މަސައްކަތަށް ހާއްސަ ކޮށްފައިވާ ބިމެއްގެ ގޮތުގައެވެ.

މިތަނުން ދޫކުރެވޭ ބިންތަކުގެ އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ހުށަހެޅޭނީ އަކަފޫޓަކަށް 1.50 ރުފިޔާއެވެ. މިތަނުން ޓޫރިޒަމް ބިން ކުއްޔަށް ނަގާ ފަރާތްތަކުން ދެ އަހަރު ދުވަހުގެ ކުލި އެއްފަހަރާ ހަނިމާދޫ ކައުންސިލަށް ދައްކަން ޖެހެއެވެ.

ހަނިމާދޫން ޓޫރިޒަމަށް ހާއްސަ ކުރެވިފައިވާ 5000 އަކަފޫޓުގެ ބިންތައް ދޫކުރެވޭ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މީލާދީ ގޮތުން 30 އަހަރު ދުވަހެވެ.

މި ބިންތަކުން ޓޫރިޒަމްގެ މަސައްކަތަށް ބިން ކުއްޔަށް ހިފާ ފަރާތުން އެހެން ފަރާތަކަށް އެ ބިން ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. އަދި މި ބިންތަކުގައި ހަމައެކަނި ކުރެވޭނީ ޓޫރިޒަމާއި ގުޅުންހުރި މަސައްކަތްތަކެވެ.

ހަނިމާދޫއަކީ މިހާރު ޓްއަރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. މިގޮތުން އެ ރަށުގައި މިހާރު ވެސް ސިޓީ ހޮޓަލެއް އަންނަނީ ހިންގަމުންނެވެ. އަމިއްލަ ފަރުދުންނާއި ބައެއް ކުންފުނިތަކުން ގެސްޓްހައުސްތައް ހަދައި މިހާރު އެ ރަށުގައި ހިންގަމުން އަންނައިރު، އިމާރާތްކުރެވި ހުޅުވުމުގެ މަރުހަލާގައި ވެސް ބައެއް ގެސްޓް ހައުސްތައް އެބަހުއްޓެވެ.