ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހުކުމަކީ، އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލަން ކުރި ޙުކުމެއް ކަމަށް ހއ. ވަށަފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އާދީއްތަ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. އަދި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.

Ad
rt

ޔާމީނަށް ކޮށްފައިވާ ހުކުމާއިގުޅިގެން އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ވަށަފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާމެދު އެ ކައުންސިލާއި އެރަށުގެ ގިނަ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

''މި ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ވާދަކުރައްވަން ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނުކުންނެވުމުން އެ ފުރުސަތުވެސް އެމަނިކުފާނުގެ ކިބައިން ނިއުޅައިގަތުމަށް ކޮށްފައިވާ ހުކުމެއްކަމަށް ދެކެމެވެ.'' ވަށަފަރު ކައުންސިލްގެ ބަޔާނުގަވެއެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އަދި ހުކުމަކީ ސިޔާސީ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށާއި، ހުކުމް ބިނާކޮށްފައިވަނީ ފާސިގުންގެ ހެކިބަހަށް ކަމަށް ވެސް ވިދާޅުވެފައެެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުވައިލަން ކުރި ޙުކުމެއް ކަމަށް ވަށަފަރު ކައުންސިލުން ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފައެވެ.