ހއ. ވަށަފަރު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ.
'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުން ވިދާޅުވީ މި ޕާކު ތަރައްގީކޮށްފައިވަނީ 3،25،000 ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އެއީ ކައުންސިލުގެ ބަޖެޓުން ކުރި ހަރަދެއް ކަމަށެވެ.
މި ޕާކުގައި ބަހައްޓާފައިވާ ސާމާނަކީ ޔޫތް މިނިސްޓްރީން ހަދިޔާކޮށްފައިވާ ތަކެތި ކަމަށާއި އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވީ މިފަދަ ޕާކެއް ހެދުމުގެ ބޭނުމަކީ ކުޑަކުދިން ކުޅެ، މަޖާކޮށްލާނެ އުފާވެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި އާއިލާ އާއި ރައްޓެހިންނާއެކު ތަފާތު މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މީގެ އިތުރުން މި ޕާކު ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށާއި ޕާކު ބޭނުންކުރާ ފަރާތްތަކުން އަމަލުކުރާނެ ނުވަތަ ސަމާލުކަން ދޭންޖެހޭ ކަންކަން އަންގައިދޭ ލިޔުންތައް ވަރަށް އަވަހަށް ބަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ކުޑަކުދިން ކުޅޭ ވަގުތު، އެކުދިން އުޅޭ ނޫޅޭގޮތާއި އެތަނުގައި ހުރި ސާމާނުން ކުއްޖަކަށް ލިބިދާނެ ގެއްލުމަކަށް ބެލެނިވެރިން ސަމާލުވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފަ އެވެ.
މި ޕާކު ހުޅުވާފައިވަނީ ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޑިސެމްބަރ 26 ވަނަ ދުވަހު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. މި ޕާކު ހުޅުވައިދެއްވާފައިވަނީ އެ ކައުންސިލުގެ ކުރީގެ މެމްބަރު މުހައްމަދު ޒަކީ އާއި އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!