މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އަށް 3 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށެވެ.

Ad
rt

އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެފަރާތްތަކަށް ވަނީ، އެމަނިކުފާނު ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ގައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވެވި މި ހަފްލާގައި ނައިބު ވަނީ އާރް.ޑީ.ސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއްކަން ފާހަގަކުރައްވާ، އެ ކުންފުނިން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ފާހަގަކުރައްވާފަ އެވެ. އަދި އިޖުތިމާއީ ކަންކަމުގައިވެސް ބައިވެރިވާކަން ފާހަގަކުރެއްވި އެވެ.

މި ހަފްލާގައި ބްލައިންޑް އެސޯސިއޭޝަނަށް ދެވޭ ރަމްޒީ ހަދިޔާ ހަވާލުކުރުމާއި، ކޯޕަރޭޓިވް އެޑިއުކޭޝަން ޕްރޮގްރާމް (ބިނާވެހި) ވަނީ ލޯންޗުކޮށްފަ އެވެ. އަދި އެކި ދާއިރާތަކުން މުވައްޒަފުންނަށް އެވޯޑު ޙަވާލުކުރުން ވެސް ވަނީ ބާއްވާފަ އެވެ.

އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް އުމަރު ޒާހިރު އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ ނައިބު ރައީސް އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ނައިބަށް ވެސް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފަ އެވެ.

ރައީސްގެ ގަރާރަކުން 9 ޖޫން 2019 ގައި އާރް.ޑީ.ސީ އުފެއްދެވީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއްކަމުގައި މި ސަރުކާރުން ދެކިލައްވާތީ އެވެ.