ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި، އުލިގަމުގައި 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

Uligamu

ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި، ހއ. އުލިގަމުގައި 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

ފުލުހުން ވަނީ އެކުއްޖާ ނިޔާވެފައިވާކަން މިޑީއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާކަމުގެ މަޢުލޫމާތު މިއަދު 17:50 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެކުއްޖާއަށް އުލިގަމު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިކަމަށް ފުލުހުން ވިދާޅުވި އެވެ.

އެރަށު ކައުންސިލުގެ ނައިބު ރައީސް އައްސަދުﷲ "ތިލަދުން" އަށް ވިދާޅުވީ، އެ ހާދިސާ ހިނގީ ކުޑަކުދިންތަކެއް ފުޓްސަލް ދަނޑު ކައިރީގައި ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ.

ނިޔާވެފައިވަނީ އެރަށު ސުކޫލް ގުރޭޑު 4 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާއާއެކު ކުޅެން ދިޔަ ކުދިންނާ ހަވާލާދީ އޭނާ އިތުރަށް ވިދާޅުވީ ނިޔާވި ކުއްޖާ އަކީ ގޯލު ކީޕަރަކަށް ހުރި ކުއްޖާ ކަމަށެވެ. އައްސަދުﷲ އިތުރަށް ވިދާޅުވީ މިހާދިސާގައި އިތުރު ކުއްޖަކަށް އަނިޔާއެއް ނުވާކަމަށެވެ.

ވެއްޓުނު ގޯލަކީ ފުޓްސަލް ކުޅޭ ސައިޒުގެ ވަރަށް ބަރު ގޯލެކެވެ. އެގޯލް އެ ކުއްޖާގެ ކަނދުރާ މައްޗަށް ވެއްޓުމާއި އެކު ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ވެސް ކުއްޖާގެ ކަނދުރާއަށެވެ.

އެ ކުއްޖާގެ ގައިމައްޗަށް ގޯލު ޕޯސްޓް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި