ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް ގެ ދެވަނަދުވަހު ކުޅުނު ހޭންޑްބޯލް މެޗް މަކުނުދޫ ޓީމް ކާމިޔާބުކޮށް ފައިނަލްއާއި ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
މަކުނުދޫ ޓީމް މި މެޗު ކާމިޔާބު ކުރީ ކަސަބް އާއި ބައްދަލުކޮށް 11-8 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއި އެކު ކަސަބަށް ވަނީ ފައިނަލަށް ދިއުމަށް އަމިއްލަބާރު ގެއްލިފައެވެ. އާދީއްތަ ދުވަހު ފެލްކަންސް އަދި އެންއެޗްސީ ބައްދަލުކުރާ މެޗުން އެން އެޗްސީއަށް މޮޅު ނުވެވިއްޖެނަމަ ކަސަބް އަށް ފައިނަލްގެ ޖާގަ ގެއްލޭނެއެވެ. ފެލްކަންސް މޮޅުވެއްޖެނަމަ މަކުނުދޫ އަދި ފެލްކަންސް އަށް ފައިނަލްގެ ޖާގަ ކަށަވަރު ވާނެއެވެ.
މިއަދު ކުޅުނު މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ މަކުނުދޫ ޓީމްގެ ޖާރޒީ ނަމްބަރ 18 ފާތިމަތު ޔާސްމީން އެވެ.
މި ފެސްޓިވަލްގައި ހޮނިހިރު ދުވަހު ވަނީ ފުޓްސަލް ދެ މެޗެއް ކުޅެފައެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޒިންސް އަދި އެންމެފަހުގެ ޗެމްޕިއަން ސެނޯން އެވެ. މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑް ނެގީ މާޒިންސް އިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު އައިހަމް (އައިހު) އެވެ.
މާޒިންސްއިން ގޯލު ޖެހިތާ ފަސްމިނެޓް ފަހުން ސެނޯންއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނިޝާން (ނިއްޓު) އެވެ.
މި ގްރޫޕް ގައި އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ ސިވިކް އެވެ. މާޒިންސް އަދި ސެނޯން ކޮންމެ ޓީމަކަށް 1 ޕޮއިންޓް ލިބިފައިވާއިރު ، ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައި އޮތީ ހާމަނަސް އެވެ.
ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޑީސީ ފުރެޓާނެޓީ އަދި ޓީމް ވައިކަރަދޫ އެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޑީސީ ފުރެޓާނެޓީއެވެ. ޑީސީ ގެ 5 ގޯލުވެސް ޖަހައިދިނީ އަބްދުއްﷲ ޔާމީން (ޔާނު) އެވެ. ޔާނު ގޯލުތަށް ޖަހައިދިނީ މެޗުގެ 5،15،20،29،އަދި 40 ވަނަ މިނެޓުގައެވެ.
ވައިކަރަދޫއިން ޖެހި ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 36 ވަނަ މިނެޓުގައި އަހުމަދު މާހިން މުހައްމަދު އެވެ.
މި މުބާރާތުގައި އާދީއްތަ ދުވަހުވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުލަބް ސިވިކް އަދި މާޒިންސް އެފްސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހާމަނަސް އެފްސީ އަދި ކުލަބް ސެނޯން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!