ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށްޓަކައި ޙާއްސަ ރަސްމިއްޔާތެއް ވަނީ، މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ. އާއި އެން.ޑީ.އެމް.އޭ. ގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Ad
rt

މިފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގަޔާއި، ކާރިސީ ހިރާސްކުޑަކުރުމަށް އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް އެން.ޑީ.އެމް.އޭ. އާއި އެމް.އެން.ޔޫ. އެކުގައި މަސައްކަތް ކުރުމާއި، ދެ ފަރާތުގެ ޤާބިލްކަން ހުރި މިންވަރަކުން ދެ މުއައްސަސާއިންވެސް އެއްބަޔަކު އަނެއްބަހަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމް.އެން.ޔޫ އިން ބުންޏެވެ.

އެގޮތުން ކާރީސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީން/ ސެމިނަރ/ ވާކްޝޮޕް/ ކޮންފަރަންސް/ މަހާސިންތާތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށާއި، އެމް.އެން.ޔޫ. އިން ދަސްވެނިވާ ކުދީންގެ ދިރާސާތައް ކަމާގުޅޭ މައުޟޫޢުތަކަށް ތައްޔާރުކުރުމަށް ބާރުއެޅުން ހިމެނެއެވެ.

ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވުމުގެ އިތުރުން ކާރިސާ އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުން މި ފަހުމުނާމާގެ މުހިއްމު ބައެއްގެ ގޮތުގައި ހިމަނާފާއިވެއެވެ.

2 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ސަބަބުން ކާރިސީ ހިރާސްކުޑަކުރުމަށާއި ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް އެން.ޑީ.އެމް.އޭ. އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެމް.އެން.ޔޫ. އިން ދަސްވެނިވެގެން މުޖުތަމަޢުއަށް ނިކުންނަ ދަރިވަރުންނަކީ ކާރިސީ ހިރާސް ކުޑަކުރުމަށާއި، ވިލުންވެރިކަން އިތުރުކުރުމަށް ޢަމަލީގޮތުން ފަރުދީ ފެންވެރައްގައި މަސައްކަތް ކުރާ ބައެއް ކަމުގައި ވެގެންދާނެއެވެ.

މި ފަހުމުނާމާގެ ސަބަބުން، ދިވެހިރާއްޖޭގެ ފެންވަރުގައި ކާރިސީ ހިރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެއްޓާ ގުޅޭ އައު ހޯދުންތަކާއި ދިރާސަތަކެއް ހެދި، މިދާއިރާއަށް ބޭނުންވާ ފަންނުވެރިން އުފެދިގެންދާނެކަމަށް އެމް.އެން.ޔޫ އިން ހާމަކުރި އެވެ.