ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ޢިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން މިފަހަރު ސިއްހީ މަރުކަޒު އެޅުމަށް ނިންމާފައިވާ ރަށް ތަކަކީ، ހއ. އަތޮޅުން މޮޅަދޫ އާއި ށ. އަތޮޅުން ގޮއިދޫ، ކަނޑިތީމު، މާއުނގޫދޫ، ނ. އަތޮޅުން ކުޑަފަރީ، ފޮއްދޫ އަދި މ. ނާލާފުއްޓެވެ.

Ad
rt

މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާއިރު، މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމަށް ހުށަހަޅާ ކޮންމެ ބީލަމަކަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފީގެ ފައިސާ ބަލައިގަންނާނީ 22 ޑިސެންބަރު 2022 އިން 17 ޖަނަވަރީ 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 25 ޑިސެންބަރު 2022 ފެށިގެން ޑައުންލޯޑް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތައް ހުށަހަޅާ ބިޑުތައް ހުޅުވުން އޮންނާނީ 22 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބީލަންތަކާގުޅޭ އިތުރުމައުލޫމާތު ފިނޭންސް މިނިސްޓްރީގެ 3349115، 3349106، 3349147 މި ފޯނު ނަންބަރުތަކަށް ގުޅުމުން ނުވަތަ ahmd.ikram@finance.gov.mv އަށް އީމެއިލް ކުރުމުން ސާފުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.