ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ކަމުގެ މަޤާމަށް އެކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސަރ، ކާރލް ސްޓުމްކަ، އިއްޔެ ޢައްޔަންކޮފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ވިދާޅުވީ، ބީއެމްއެލްގެ އެމްޑީގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކާލް ސްޓުމްކަ އިއްޔެ އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ކާލް ސްޓުމްކަ ބީއެމްއެލްއާ ގުޅިވަޑައިގަންނަވާފައި ވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލްއަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުގައެވެ.

ކާލްއަކީ މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑް ލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެގޮތުން، 2010 ވަނަ އަހަރު އަލްއަހްލީ ބޭންކް އޮފް ކުވައިތާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ފުޅާދައިރާއެއްގައި، ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފައިވާއިރު، މި މަގާމުގައި ހުންނެވުމަށްފަހު، ޔޫއޭއީގައި ހިންގަމުންދާ އެ ބޭންކުގެ އޮޕަރޭޝަންސް ސީއީއޯގެ މަގާމާ ކާލް ވަނީ 2017 ވަނަ އަހަރު ހަވާލުވެ ވަޑައިގެންފައެވެ.

އަލްއަހްލީ ބޭންކް އޮފް ކުވައިތާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަރނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރުގެ މަގާމުގައެވެ. މި މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމަރޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގ ޚިދުމަތްތައް ބަލަހައްޓަވާފައެވެ.

މީގެ އިތުރުން ބާރކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިންގ ޑަރިރެކްޓަރ، އިންޑިއަން އޯޝެންސްގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.

ކާލް ވަނީ ބާރކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓަރޝިޕްގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަރޝިޕްގެ މަގާމުތައް އޭނާ އަދާކުރެއްވެވިއެވެ. މީގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާރކްލޭސް ލީސިންގ އަދި ބާރކްލޭސް ބޭންކް ސީޝެލްސް ހިމެނެއެވެ.

ކާލްއަކީ ޗާޓާރޑް އިންސްޓިޓިއުޓް އޮފް ބޭންކަރސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ. އޭނާވަނީ ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިންގ ސައިންސްގެ ރޮނގުން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. ފްރާންސް، ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްވެސް ފުރިހަމަކުރައްވާފައެވެ.