އިންޑިއާގެ ބޭސް އުފައްދާ 16 ކުންފުންޏެއް ނޭޕާލުން ބްލެކްލިސްޓް ކޮށްފި އެވެ.
ނޭޕާލްގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން މި ކުންފުނިތައް ބްލެކްލިސްޓް ކޮށްފައިވަނީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަޑު ތަކަށް އަމަލު ނުކުރާތީ ކަމަށް އެފަރާތުން ނެރުނު ނޯޓިސްގައި ވެއެވެ.
ބްލެކްލިސްޓު ކުރި ކުންފުނި ތަކުގެ ތެރޭގައި ދިވްޔާ ފާމަސީ އާއި އިންޑިއާގެ މަޝްހޫރު ޔޯގާ ގުރޫ ރާމް ދޭވް ކުންފުނީގެ ޕަތަންޖަލީ ގެ އުފެއްދުންތައް ހިމެނެއެވެ.
ޑިޕާޓްމެންޓް އޮފް ޑްރަގް އެޑްމިނިސްޓްރެޝާނުން މިމަހުގެ 18 ވަނަ ދުވަހު ނެރުނު ނޯޓިސްގައި ވަނީ މި ކުންފުނިތަކުން އުފައްދާ ބޭސް ސަޕްލައި ކުރަމުންއަންނަ ނޭޕާލުގައި ތިބި ލޯކަލް އެޖެންޓުންނަށް ވަގުތުން އެބޭސްތައް އަނބުރާ ފޮނުވާލުމަށް އެދިފައެވެ. އަދި މީގެ އިތުރުން ލިސްޓްކޮށްފައިވާ ކުންފުނި ތަކުން އުފައްދާ ބޭސް ނޭޕާލްއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުންވެސް ވަނީ މަނާކޮށްފައެވެ.
އެޑިޕާޓްމެންޓުގެ އޮފިޝަލުން މީދިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ނުފެތޭ ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފައިވަނީ ނޭޕާލަށް ބޭސް އެކްޕޯޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތައް އިންސްޕްކްޓް ކުރުމަށް އެޑިޕާޓްމެންޓުގެ ޓީމެއް އިންޑިއާއަށް ދަތުރުކޮށް އެ ކުންފުނިތަކުގެ އުފެއްދުންތައް އިންސްޕެކްޓް ކުރުމަށްފަހުގައެވެ.
އެގޮތުން ދިވްޔާ ފާމަސީގެ އިތުރުން ރޭޑިއަންޓް ޕޭރެންޓަރަލް ލިމިޓެޑް، މާކިއުރީ ލެބޯޓްރީސް ލިމިޓެދް، އެލިއަންސް ބަޔޯޓެކް، ކެޕް ޓެބް ބަޔޯޓެކް، އެގްލޯމެޑް ލިމިޓެޑް، ޒީ ލެބޯޓްރީސް، ޑެފޮޑިލް ފާމަސުޓިކަލްސް، ޝްރީއާނަންދު ލައިފް ސައިންސް، އިޕްކާ ލެބޯޓްރީސް، ކަޑިލާ ހެލްތު ކެއަރ ލިމިޓެޑް، ޑައިލް ފާމަސީ އަދި މެކިއު ލެބޮޓްރީސް ފަދަ ކުންފުނިތައް މި ލިސްޓްގައި ހިމެނިފައިވެއެވެ.
މީގެ އިތުރުން ޑިސެމްބަރު 19 ވަނަ ދުވަހު ނެރަފައިވާ އެހެން ނޯޓިސްއެއްގައި އެޑިޕާޓްމެންޓުން ވަނީ އިންޑިއާގެ ގްލޯބަލް ހެލްތުކެއާ އިން އުފައްދާ 500 މިލި ލީޓަރާއި 5 ލީޓަރުގެ ހޭންޑް ސެނިޓައިޒާރ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.
ފާމަސިއުޓިކަލް އުފެއްދުންތައް ހެދިފައިވާ ޤަވަދުތަކާއި ހިލާފަށް އުފައްދަމުން ދާއިރު، ސިއްހީ ވުޒާރާތަކާއި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުން މި ފަދަ ކަންކަމަށް އިތުރަށް ސަމާލުވުމަށްވެސް ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!