ދުނިޔޭގެ އުތުރު ފަޅީގައިވާ ބައެއް ޤައުމުތަކަށް ފިނިމޫސުން ފަށައިގެން ޑިސެމްބަރު މަހުގެ ފަހުކޮޅަށް ދާއިރު ރޭގަނޑުގެ މުއްދަތު ދަނީ ދިގުވަމުންނެވެ. އަދި ދުވާލުގެ މުއްދަތު ދަނީ ކުރުވަމުންނެވެ. މިހެންގޮސް “ވިންޓަރ ސޯލްސްޓިސް” އާ ކުރިމަތިލައެވެ. ވިންޓަރ ސޯލްސްޓިސް އަކީ ފިނިމޫސުމުގެ އެންމެ ފިނިކަން ގަދަ އަދި، ދުވާލުގެ މުއްދަތު އެންމެ ކުރު ދުވަހެވެ.

ފިންލެންޑް، ސްވިޑެން، ނޯވޭ، އަލަސްކާ އަދި ރަޝިޔާގެ ބައެއް ހިސާބު ތަކަށް މި ދުވަސްތަކުގެ ދުވާލުގެ މުއްދަތު ކުރުވެގެން ދިޔަދިޔައިނުން ގޮސް މުޅި ދުވަސް އެއްކޮށް އަނދިރިކަމުގައި، އިރުގެ ދޯދީގެ މިންވަރެއް ނުފެނި ދާ ހިސާބުތައްވެސް ވެއެވެ. އެހެންކަމުން މިއީ ވަރަށް ތަފާތު އުނދަގޫ ދުވަސްކޮޅެކެވެ. ޚާއްސަކޮށް ކަރަންޓާއި ޒަމާނީ ހީޓިން ސިސްޓަމްތައް ނެތް އިހުގެ ޒަމާން ތަކުގައި މި ދުވަސްވަރަކީ ވަރަށް ބިރުވެރި، ނާމާން އަދި އެހާމެ ހިތާމަވެރި ދުވަސްވަރެކެވެ. ބައެއްފަހަރު ކޮޓަރީގައިވާ އޭސީ ބާވީހަށް ބަހައްޓާފައި ހުންނައިރު ވެސް ފިނިކަމުން އުޅެން އުނދަގޫވާ މީހުން އަހަރެމެންގެ ތެރޭގައި އުޅެއެވެ.

Ad
rt

އެހެންކަމަށްވާނަމަ، މައިނަސް ސާޅީސް ފަސް ޑިގުރީގެ ފިނިހޫނު މިނެއްގައި، ކަރަންޓެއް، ޒަމާނީ ހީޓިން ވަސީލަތެއް ނެތި އުޅޭ ބައެއްގެ ޙާލަތު ތަަސައްވަރު ކޮށްލައްވާށެވެ. އިހުގެ ޒަމާންތަކުގައި މިހިސާބުގައި އުޅޭ މީހުންގެ ތެރެއިން އެތައް ބަޔަކު ގަދަ ފިންޏާއި އެކީ އަންނަ އުނދަގޫ ޙާލަތްތަކުގެ ސަބަބުން ދުނިޔެއާ ވަކިވެގެން ދެއެވެ.

މި ދަތި ޙާލުގައި ދުވަސްތައް ވެއަތުކުރަމުން ދަނިކޮށް އިރުގެ ދޯދިތައް ފެންނަން ފެށުމުން މި ހިސާބުތަކުގައި އުޅޭ މީސްތަކުންނަށް ލިބެނީ އާދައިގެ ހިތްހަމަ ޖެހުމެއް ނޫނެވެ. އެމީހުންނަށް އިރުގެ އަލިކަމާއެކީގައި އިހުސާސުވާ ހޫނު ކަމަކީ ދިރުން ދޭ ބާރެއް ކަމުގައި ޤަބޫލު ކުރެވެއެވެ. އެއާއެކު މި ކަންތައް ތަޖުރިބާ ކުރާ ފަރާތްތަކުން މި ދުވަސްވަރުގައި އެކިއެކި ޖާހިލީ ޢީދުތައް ހަދައި ޙަފްލާތައް ބާއްވައި ހަދައެވެ.

އެގޮތުން ދުނިޔޭގެ ވަރުގަދަ ޙަޟާރާތްތަކުގެ ތެރެއިން، ގްރީކު މީހުން އެމީހުން ޤަބޫލު ކުރަމުން އައި ރަލާއި ކުޅިވަރާއި މަޖަލުގެ ކަލާނގެ ކަމަށްވާ ބެކަސް ގެ ނަމާ ގުޅުވައިގެން ބެކަނޭލިޔާ ފާހަގަ ކުރަމުން ދިޔައެވެ. އަދި ރޯމަނުން، ދަނޑުވެރިކަމާއި ވަގުތުގެ ކަލާނގެ ކަމުގައި ޤަބޫލު ކުރަމުންއައި ސެޓާން ގެ ނަމާ ގުޅުވައިގެން ސެޓާނޭލިޔާ ފާހަގަ ކުރަމުން ދިޔައެވެ. އެ ދުވަސްވަރުގައި މިފަދަ ދުވަސްތައް ފާހަގަ ކުރުމުގައި އެމީހުން ވަރަށް އަލިފާން ރޯކޮށް ހަދައެވެ. އަދި އަލިފާނާއި އޭގެއިން ދޫކުރާ އައްޔާއި ހޫނަކީ ބާރުތަކެއް ލިބިގެންވާ މުޤައްދަސް އެއްޗެއް ކަމުގައި އެމީހުން ޤަބޫލު ކުރެއެވެ. އަދި މި ދުވަސްތަކުގައި ފާހަގަވާ ތަފާތު އެހެންކަމެއް ވެސް ވެއެވެ. އެއީ އެހިސާބުތަކުގައި ވަރަށް ތަފާތު ގަހެއް ވެއެވެ. ފިނީގެ ސަބަބުން ގިނަ ގަސްތަކެއްގެ ފަތްތައް ވެރި މަރުވެފައިވާ ގަސްތަކެއް ފަދައިން ފެނިގެންދާއިރު، ވަރުގަަދައަށް ފެހިކަމާއެކު ހެދޭ ގަހެއް ވެއެވެ. “ފާ ޓްރީ” ގެ ނަމުން ނަން ދެވޭ ގަހެވެ. އެހާ ފިނި ގަދައިރު ވެސް މި ގަސް މަރު ނުވެ، ގަދައަށް ހެދިފައި ހުންނަތަން ފެނުމުން، މި ޖާހިލީ މުޝްރިކުންނަށް މި ގަހަކީ ދިރުން ދޭ ބާރުތަކެއް އެއަށް ލިބިގެންވާ ގަހެއް ކަމުގައި ދެކެވުނެވެ. އަދި އެމީހުންގެ ގެތަކަށް މި ގަހުގެ ފަތްތަކާއި ގޮފިތަކާއި މިނޫންވެސް ބައިތައް ވައްދާ ހަދައެވެ.

ބޭނުމަކީ މި ގަހުގެ “ދިރުން ދޭ ބާރުގެ” އެހީގައި ފިނި މޫސުމުގެ ދަތި އުނދަގޫ ޙާލަތުން ސަލާމަތްވުމެވެ. އެގޮތުން، އެމީހުން މި ގަހުގެ ބޭނުން ކުރާ ގޮތްތަކަށް ބަލާއިރު، ބައެއް މީހުން އެމީހުންގެ ގެތަކުގެ ތެރެއަށް މީގެ ގަހެއް ކަނޑައިގެން ގޮސް ވައްދާފައި އޭގެ މަތީގައި އަލި ކޮށްދޭނެ ފުޅި ބައްތިއެއް ފަދަ އެއްޗެއް ބަހައްޓާ ހަދައެވެ. އަދި އަނެއްބަޔަކު، މި ގަހުގެ ފަތްތަކާއި ގޮފިތައް އަންދާވެސް ހަދައެވެ. ހަމައެހެންމެ މި ގަހުގެ ފަތްތައް ބޭނުންކޮށްގެން ވަށްކޮށް ބޮނޑިއަކަށް ހަދާފައި ގޭގެ ބޮޑުދޮރު ބޭރުގައި ތަވީދެއް ފަދައިން އަޅުވާފައި ވެސް ބަހައްޓައެވެ. އަދި ބައެއް މީހުން މިގަހުގެ ފަތްތައް އެލުވާފައި ވެސް ބަހައްޓައެވެ. އަދި މިގަހުގެ އިތުރަށް ބައެއްފަހަރަށް ގަސްހަގުފައި ހެދޭ ޕެރަސައިޓިކް ކުޑަ ގަހެއް ކަމަށްވާ މިސެލްޓޯ ވެސް އެލުވާ ހަދައެވެ. މިހުރިހާ ކަމެއްގެ ބޭނުމަކީ މި ގަހަށް ލިބިފައިވަކަމަށް އެބައިމީހުން ޤަބޫލު ކުރާ ބާރުތަކުގެ އެހީގައި ރައްކާތެރިކަން ލިބިގަތުމެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅުގައި، ބައެއްގެ ޢަޤީދާއާ ގުޅޭ ގޮތުން ހިނގާ ކަންތައްތަކެއްގެ ވާހަކަ މި ދެކެވުނީއެވެ. މިހިސާބުން ވިސްނުން އެހެން ހިސާބަކަށް ގެންދަން އެބަ ޖެހެއެވެ. ރައްކާތެރިކަން ހޯދުމުގެ ނިޔަތުގައި ގަހަކުން ބާރު ތަކެއް ލިބިގަތުމަށް މިޖާހިލީ މުޝްރިކުން ކުރަމުން އައި ކަންތައްތަކަކީ މިއަދާ ޖެހެންދެންވެސް ނަޞާރާއިން އެބައިމީހުންގެ ކްރިސްމަސް ފާހަގަ ކުރުންތަކުގައި ކުރާ ކަންކަމެވެ. ދޮރުގައި ފަރް ބޮނޑި އެޅުވުމާއި، “ކްރިސްޓްމަސް ޓްރީ” ގޭތެރެއަށް ވައްދައި އެއަށް “މާތްކޮށް ހިތައި” އެރީތިކޮށް ޖަރީކުރުމާއި، މިސެލްޓޯ ތައް ގޭއަށް ވަންނަ ދޮރާއި ގޭގެ އެކި ތަންތާ އެލުވާފައި ބެހެއްޓުމަކީ މިހާރުވެސް ނަޞާރާ އިން ކޮށް އުޅޭ ކަންކަމެވެ. އެހެންކަމުން ނަޞާރާއިންގެ ދީނީ ޢީދަކަށް މި ދުވަސް ވީ ކިހިނެއްތޯ އަދި އެޢީދުގެ ތެރެއަށް މިކަންތައް ވަދެގެން އައީ ކިހިނެއްތޯ އަހަރެމެން ބަލާލަން އެބަ ޖެހެއެވެ.

ކްރިސްޓްމަސްގެ ގޮތުގައި ނަޞާރާއިން ފާހަގަ ކުރާ ދުވަހަކީ 25 ޑިސެމްބަރެވެ. އެބައިމީހުން ބުނާ ގޮތުގައި އެއީ ޢީސާ ޢަލައިހިއްސަލާމް އުފަންވެ ވަޑައިގަތް ދުވަހެވެ. ނުވަތަ ޢާލަމްތަކުގެ ވެރި އިލާހަށް ދަރިކަލަކު އުފަންވި ދުވަހެވެ. أعوذ بالله. ނަމަވެސް ނަޞާރާ ދީނުގެ ފަތްފުއްތަކާއި ތާރީޚީ ލިޔުންތަކާއި، މި ދާއިރާގައި ހެދިފައިވާ ދިރާސާތަކަށް ބަލާއިރުވެސް ޢީސާ ޢަލައިހިއްސަލާމް އުފަންވެ ވަޑައިގަތީ މި ތާރީޚުގައި ނޫންކަމާއި ފިނިމޫސުމުގައި ވެސް ނޫންކަން އެނގެއެވެ. އަދި ޤުރްއާނުން ވެސް އަހަރެމެންނަށް މިކަން އެނގެއެވެ.

ޢީސާ ޢަލައިހިއްސަލާމްގެ ރައްކައު ވުމުގެ ވާހަކަ ޒިކުރު ކުރަށްވައި މަރްޔަމް ސޫރަތުގައި ﷲ ތަޢާލާ ބާވައިލައްވާފައިވާ ވަޙީ ބަސްފުޅުތަކުގެ ތެރެއިން އާޔަތެއްގައި ވެއެވެ.

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا . فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا . وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿سُورَةُ مَريَم 23،24،25﴾

މާނަ: "ދެން އެ ކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެ ކަމަނާ ވިދާޅުވިއެވެ: އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހަރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ! ދެން އެ ކަމަނާ (އޮންނެވިތާނ) ގެ ދަށުން އެ ކަމަނާއަށް މަލާއިކަތާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރި ރައްބު، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ. އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ."

ޤުރްއާނުގެ މި މޫރިތި އާޔަތްތަކުން އެނގޭ ގޮތުގައި ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ ކަދުރު ދޮންވެ ފައްކާވާ ދުވަސްވަރެއްގައެވެ. ޑިސެމްބަރަކީ ކަދުރު ދޮންވާ ދުވަސްވަރެއް ނޫނެވެ. އަދި ކިއެއްތަ ކަދުރު އަޅާ މޫސުމެއްވެސް ނޫނެވެ. އާންމުކޮށް ކަދުރު ދޮންވެ ފައްކާ ވާ ދުވަސްވަރު ދިމާވަނީ ޖުލައި މަސް ނުވަތަ އޯގަސްޓް މަހާއެވެ. ޔަޢުނީ ޢީސާ ޢަލައިހިއްސަލާމް ރައްކައުވެފައި ވަނީ ހޫނު މޫސުމެއްގައެވެ. އެއްވެސް ޙާލެއްގައި ފިނި މޫސުމުގައެއް ނޫނެވެ.

ނަޞާރާއިން ގެންގުޅޭ ބައިބަލްގެ ލޫކް (2:8) އަށް ބަލާއިރު ވެސް މި ޙަޤީޤަތް ހާމަވެގެން ވެއެވެ. އެތާގައި، ޢީސާ ޢަލައިހިއްސަލާމް ރައްކައުވި ވާހަކަ އަށްފަހު، އެ ރޭ ހިނގި ބައެއް ކަންކަމަށް އަލިއަޅުވާލައި ލިޔެފައިވާ ބައިގައި ވެއެވެ. "އެވަގުތުގައި ބަކަރި ހުއިހައްޕާ މީހުން އެބައިމީހުންގެ ބަކަރިތައް ގޮވައިގެން އެތާ ކައިރީ ވިނަ ދަނޑެއްގައި އެބައިމީހުންގެ ބަކަރިތަކަށް ބަލަހައްޓަން ތިއްބެވެ."

ފިނި މޫސުމުގެ އެންމެ ފިނިކަން ގަދަ ވާ މި ދުވަސްތަކަކީ އެއްވެސް ޙާލެއްގައި ބަޔަކު ބަކަރި ހުއިހައްޕަން ރޭގަނޑު ގަޑީގައި ބޭރަށް ނުކުންނަ ވަގުތެއް ނޫނެވެ. އަދި މި ދުވަސްވަރަކީ އެދުވަސްވަރުގެ ގަދަ ފިނީގެ ސަބަބުން، އެޒަމާނުގައި ބަކަރި ހުއިހައްޕާ މީހުން ބަކަރިތައް އެތެރެއަށް ވައްދައިގެން ގެންގުޅޭ ދުވަސްތަކެކެވެ. އެހެންކަމުން އެއީ ފިނިމޫސުމުގެ ދުވަސްވަރެއް ނޫނެވެ.

އަދި ޢީސާ ޢަލައިހިއްސަލާމް ރައްކައުވި ދުވަސް ފާހަގަ ކުރުމުގެ ވާހަކަ ލިޔެވިފައިވާ އެންމެ އިހުގެ ލިޔުމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މިސްރުގެ އިސްކަންދަރިއްޔާގެ ބޮޑު ފާދިރީއެއްގެ ގޮތުގައި ހުންނެވި ކްލެމެންޓް އޮފް އެލެގްޒެންޑްރިއާ ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުން ވެސް އެނގޭ ގޮތުގައި އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޑިސެމްބަރު މަހުގައެއް ނޫނެވެ. އެއީ މެއި މަހުގެ 20 ވަނަ ދުވަސް ކަމުގައި އެ ލިޔުމުގައި ވެއެވެ. ޤުރްއާނުގެ އިތުރުން ނަޞާރާ ދީނުގެ މުވައްޚިރުންނާއި އެދީނުގެ ފަތްފުއްތަކުން ވެސް ޢީސާ ޢަލައިހިއްސަލާމް ރައްކައުވީ ފިނި މޫސުމުގައި ނޫން ކަމާއި އަދި ޑިސެމްބަރ މަސް ދިމާވާ ދުވަސްވަރެއްގައި ވެސް ނޫންކަން އެނގި ހާމެވެގެން ގޮސްފައިވާ އިރު އެންމެ ޙައިރާން ވާ ކަމަކީ، އެކަލޭގެފާނު ރައްކައުވީ ޑިސެމްބަރު މަހެއްގެ 25 ވަނަ ދުވަހުގައި ކަމަށް ދަލާލަތު ކޮށްދޭ އެއްވެސް ދަލީލެއް ފެންނާކަށް ނެތްކަމެވެ.

ކަން މިހެން އޮތް ކަމުގައި ވީ ނަމަވެސް ޤުރްއާނުގެ ފާތިޙާ ސޫރަތުގައި މަގު ފުރެދުނު މީހުންގެ ނަމުން ސިފަ ކުރެވުނު ނަޞާރާއިން، އެބައިމީހުންގެ މަގުފުރެދުމުގައި ޙަޤީޤަތް ބޮލާޖަހާލުމަށްފަހު މި ޖާހިލީ ޢީދު ފާހަގަ ކުރުމުގައި އަދިވެސް ދެމިތިއްބެވެ. މިހިސާބުން އުފެދޭ ސުވާލަކީ، 25 ޑިސެމްބަރުގައި ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައި ނުގަންނަވާ ކަމުގައި ވާނަމަ، އެދުވަހު އުފަންވެގެން މިއުޅެނީ އަސްލު ޙަޤީޤަތުގައި ކާކު ހެއްޔެވެ؟ އެދުވަހު މި ފާހަގަ ކުރެވެނީ އަސްލު ޙަޤީޤަތުގައި ކާކުގެ އުފަން ދުވަހެއް ހެއްޔެވެ؟

މިސުވާލުގެ ޖަވާބު ހޯދާލުމަށް ރަނގަޅަށް ކޮނެލުމުން ވަރަށް ގިނަ ކަންތައްތަކެއް އެނގި ހާމަވެގެން ދެއެވެ. އެތައް ބައިވަރު ޑޮޓުތަކެއް ގުޅުވާލެވި ޙަޤީޤީ މަންޒަރު ކުރަހާލެވެއެވެ. ކުރިިންވެސް ފާހަކަ ކުރެވުނު ފަދައިން މި ޢީދުތައް އުފެދިގެން މި އައީ އިރުގެ އައްޔާ ގުޅިފައިވާ ދުވަސްވަރެއްގައެވެ. ހަމަ މިދުވަސްވަރުގައި ހިންދީ ދީނާއި ފާރިސީން އަދި މިނޫންވެސް އެހެން ބައެއް ވަޘަނީ ޖާހިލު ދީން ތަކުގެ މީހުން ޤަބޫލު ކުރާ މީހެއް އުފަންވެފައި ވެއެވެ. އެމީހުން ބުނާ ގޮތުގައި އެއީ އިރުގެ ކަލާނގެއެވެ. މިޘްރާ ނުވަތަ މިޘްރަސްގެ ނަމުން ނަން ދެވިފައިވާ މިމީހާ އުފަންވީ ހޮހަޅައެއްގެ ތެރެއަށް ކަމުގައި ބައެއް ހިންދީން ބުނެއެވެ. އަދި މީނާ މާތް ކޮށް ހެދި މީހުން މިޘްރައިސަމް ގެ ނަމުން ނަންދެވިފައިވާ ކަލްޓެއް އުފެއްދިއެވެ. ދީނެއްގެ ސިފަ ޖެހިފައިވާ މި ކަލްޓް ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވެޑައިގަތުމުގެ ކުރިން ރޫމުގައި ފެތުރުނެވެ. ކޮންމެ އަކަސް އޭނާ އުފަންވި ކަމަށް މި ކަލްޓުގެ މީހުން ބުނާ ދުވަހަކީ މި ދިރާސާއަށް މުހިންމު ދުވަހެކެވެ. އެއީ ޑިސެމްބަރު މަހެއްގެ 25 ވީ އާދީއްތަ ދުވަހެކެވެ. މިއީ އިއްތިފާގެއް ބާއެވެ؟ ނަޞާރާއިން ޢީސާ ޢަލައިހިއްސަލާމްގެ އުފަންދުވަސްކަމުގައި ބުނެ އެމީހުންގެ އެންމެ ބޮޑު ޢީދު ވެސް ފާހަގަ ކުރަނީ މި ދުވަހުގައެވެ.

މިހިސާބުން ނަޞާރާއިން ޢީސާ ޢަލައިހިއްސަލާމާއި މެދެ ގެންގުޅޭ ޢަޤީދާއާއި މިޘްރަސް އަށް އަޅުކަން ކުރާ މީހުންގެ ޢަޤީދާއަށް ބަލާއިރު އަނެއްކާވެސް ފެންނަން ހުރީ ސިކުނޑި ގޮވާ ފަަދަ ވާހަކަ ތަކެކެވެ. މި ދެފަރާތަށް ވެސް އަލީގެ ނަން ދެވިފައި ވެއެވެ. މި ދެ ފަރާތް ވެސް ޞަލީބަށް އެރުވުނު ކަމަށާއި މަރުވި ކަމަށާއި ވަޅުލެވުނުތާ ތިންވަނައަށް ވީ ދުވަހުގައި އަލުން ދިރުއްވުނު ކަމަށް ދެބައިގެ މީހުންވެސް ޤަބޫލު ކުރެއެވެ. އަދި މިޘްރައިޒަމްގެ މީހުން މިޘްރަސް އާ ގުޅޭ ގޮތުން ގެންގުޅޭ ބައެއް ފަތްފުއްތަކުގައި މިހާރު އަހަރެމެންނަށް ފެންނަން ހުރި (އުނިއިތުރު ގެނެވިފައިވާ) ނަޞާރާ ދީނުގެ މައި ފޮތް ކަމަށްވާ ބައިބަލްގައި ވާ ބައިތައް ވެއެވެ. މިޘްރައިޒަމްގައި ހަފްތާގެ ދުވަސްތަކުގެ ތެރެއިން ފާހަގަކުރާ އެންމެ މުޤައްދަސް ދުވަހަކީވެސް ނަޞާރާއިންވެސް އެފަދައިން ޤަބޫލުކޮށް ފާހަގަކުރާ އާދީއްތަ ދުވަހެވެ. މިހިސާބުން އެނގި ހާމަވެގެން މި ދިޔައީ ނަޞާރާ ދީން ބަދަލުވެގެން އައި އިރު، އެދީނުގެ ތެރެއަށް މިޘްރައިޒަމްގެ ޢަޤީދާ އާއި އެކަލްޓުގެ ތެރޭގައި ހިމެނޭ ބައިވަރު ކަންކަން ވަދެފައިވާ ކަމެވެ.

މިކަންކަން ނަޞާރާ ދީނަށް ވަދެވައިވާ ގޮތްތަކަށް ބަލާއިރުވެސް އިތުރު ޑޮޓުތަކެއް ގުޅިގެން ދެއެވެ. އެހެނީ ނަޞާރާދީން ހަލާކު ކޮށްލަން އަތުކުރި އޮޅާލީ އުންމަތްތައް ހަލާކު ކުރުމުގައި އަރާ ތިބި ބައެއް ކަމަށްވާ ޔަހޫދީންނެވެ. އެގޮތުން ނަޞާރާ ދީން ހަލާކުކޮށްލުމުގައި އުޅުނީ ނަޞާރާއެއް ކަމުގައި ދެއްކިގެން އުޅުމުގެ ކުރިން ޔަހޫދީއެއްކަމުގައިވި ޕޯލްއެވެ. އީސާގެފަނު އޭނާ އާ ނަޞާރާދީން އުނގަންނައިދިނުމުގެ މަސްއޫލިއްޔަތު ޙަވާކުރެއްވިކަމަށް ދަޢުވާކޮށް، ނަޞާރާއެއްކަމުގައި ދެއްކިގެން ޕޯލް، ކްރިސްޓިއަން ދީނުގެ ޢަޤީދާތައް މުޅިން ބަދަލުކޮށްލިއެވެ. އަދި މިޘްރައިޒަމްގެ މައި މަރުކަޒު އޮތް ރޫމުގައި، ރޯމަނުން ހިތްހަމަޖެހޭގޮތަށް، އެމީހުން ޤަބޫލު ކުރާ ކަންކަން ހިމަނައިގެން ނަޞާރާ ދީނުގެ ޢަޤީދާ ބަދަލުކޮށް އޭނާއާއި އޭނާގެ އައުވާނުން އެފާސިދު ޢަޤީދާ ރޯމުގައި ފަތުރަންފެށިއެވެ. ނަޞާރާއިންނާ ދެކޮޅުވެރި ރޯމަނުންނަށް މި ބަދަލުތައް ވަރަށް ކަމުދިޔައެވެ. އެންމެފަހުން އެމްޕަރަރ ޤިސްޠިންޠީނު އިސްވެ ނަޞާރާއިންގެ ތެރޭގައިވާ މުވައްޙިދުން މަރަންފެށިއެވެ. އަދި މި އާ ޢަޤީދާތަކާއެކު އާ ނަޞަރާދީން ފަތުރަންފެށިއެވެ.

ކޮންމެއަކަސް މިޘްރައިޒަމްގެ ތެރޭގައިވި ބައިވަރު ކަންކަން ނަޞާރާދީނުގެ ތެރެއަށް ވައްދައި ބޮޑު އޮޅުވާލުންގަނޑެއްގެ ތެރެއިން ނަޞާރާދީން ބަދަލު ކޮށްލިއިރު، ޢީސާ ޢަލައިހިއްސަލާމްގެ އުފަންދުވަސް ކަމުގައި ހަދާފައި މިއޮތީ މިޘްރަސްގެ އުފަން ދުވަހެވެ. އެއީ ކްރިސްމަސް ފާހަގަ ކުރާ ދުވަސް ކަމަށްވާ 25 ޑިސެމްބަރެވެ. އަދި ކްރިސްޓިއަން ދީނަށް އުޅެމުން ވެސް އެމީހުންގެ ޤަދީމީ ޢީދު (ސެޓަނޭލިއާ) ފާހަގަ ކުރަމުން ދިޔައެވެ. އޭރު އެދުވަސް ފާހަގަ ކުރަމުން ދިޔައީ މިޘްރަސްގެ ޢީދު މީލާދު ގޮތުގައި ވާ ބައި ޢީސާ ޢަލައިހިއްސަލާމްގެ ޢީދު މީލާދުގެ ގޮތުގައި ލިޔެވިގެންނެވެ. ފަހުން މި ޢީދަށް ކްރިސްމަސްގެ ނަން ދެވުނެވެ.

މިއީ ނަޞާރާ ދީނާ ގުޅުމެއް ނެތް ޢީދެއް ކަމަށް ބުނެ، އިނގިރޭސި ވިލާތުގައި 1647 ވަނަ އަހަރު ކްރިސްމަސް ފާހަގަކުރުން ނިމުމަކަށް ގެނެސް، މިދުވަސް ފާހަގަކުރުން މަނާ ކުރެވިގެން ދިޔައެވެ. މިކަން ވެގެންދިޔައީ އެތައް ޒަމާންތަކެއް ވަންދެން މި ޢީދު ފާހަގަ ކުރަމުން އައި އިނގިރޭސި ވިލާތުގެ ނަޞާރާއިންނަށް ހަޖަމުކުރަން އުނދަގޫ ކަމަކަށެވެ. އެއާއެކު މިމަނާ ކުރުމާ ދެކޮޅަށް މީސްތަކުން މަގުމަގުމައްޗަށް ނުކުމެ ހިނގި ހާޖާނުގަނޑުގައި ކަނީސާގެ ބާރު ވެސް އެހެންބަޔަކު ހޯދައި، އެންމެ ފަހުން 1660 ގައި ކްރިސްމަސް ފާހަގަކުރުން އަލުން އިޢާދަ ވެގެން އައެވެ.

މިހުރިހާ ކަމަކާއެކުވެސް ދުނިޔޭގެ އަތުން ގުނާލެވޭހާ މަދު ނަޞާރާ ކަނީސާތަކެއް ފިޔަވައި ހުރިހާ ކަނީސާއެއްގައި އަދިވެސް 25 ޑިސެމްބަރަކީ ޢީސާ ޢަލައިހިއްސަލާމްގެ ޢީދު މީލާދު ކަމުގައި ބުނެ ކްރިސްމަސްގެ ނަމުގައި މި ދުވަސް އެބައިމީހުންގެ ދީނީ މުޤައްދަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. އަދި މި ފާހަގަ ކުރުމުގެ މޫތައް ގޮސް ހުއްޓެނީ ޖާހިލީ، ވަޘަނީ ޝިރުކުން ފުރިފައިވާ ކަންތައްތަކެއްގެ ތެރެއަށްކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ. އެހެންކަމުން ނިހާޔަތަށް ޝިރުކު އެކުލެވިގެންވާ ކްރިސްމަސް ފާހަގަކުރުމުގައި އެއްވެސް ސިފައެއްގައި މުސްލިމުން ބައިވެރިވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ކްރިސްމަސްއާ ގުޅުވައިގެން "މެރީ ކްރިސްމަސް" ފަދަ ލަފުޒުތައް ބޭނުންކޮށް ނަޞާރާއިންނަށް ތަހުނިޔާ ކިޔުމަކީ ވެސް މުސްލިމުން ކުރުން ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އެއްގޮތުން ވިއްޔާ އެބައިމީހުން އެބުނަނީ، މި ދުވަހަކީ ޢާލަމްތަކުގެ ވެރި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ދަރިކަލަކު އުފަންވި ދުވަސްކަމުގައެވެ. އެހެންކަމުން އެމީހުންނަށް މިދުވަހުގެ ތަހުނިޔާ ކިޔުމާއި މި ދުވަސް ފާހަގަ ކުރުމުގައި ބައިވެރި ވާ މުސްލިމު މީހާ އެ ހެކިވަނީ މިބައިމީހުންގެ މި ބާޠިލު ބުނުމަށެވެ. އަނެއް ގޮތުން ނަމަ، އެއީ މުޝްރިކުންގެ ޖާހިލީ، ވަޘަނީ ޢީދެކެވެ. ޝިރުކުގެ އެއްވެސް މިންވަރެއް ހިމެނޭ ކަމެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން މުސްލިމުންގެ މައްޗަށް ހުއްދަވެގެނެއް ނުވެއެވެ. ވީމާ، މި ޢީދުގައި މުސްލިމުންނަށް އެއްވެސް ސިފައެއްގައި ބައިވެރިވުން ހުއްދަ ވާނޭ ހަމަ އެއްވެސް ގޮތެއް ނުވެއެވެ.

ޢީސާ ޢަލައިހިއްސަލާމާ މެދުގައި ﷲތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.

ذَٰلِكَ عِيسَى ابْنُ مَرْيَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ ‎﴿٣٤﴾‏ مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ‎﴿٣٥﴾‏ ‎﴿مريم: 34-35﴾‏

މާނަ: " އެއީ މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނެވެ. (މިއީ) އެބައިމީހުން އެބަސްފުޅާމެދު ޝައްކުކުރާ، ހައްގު ތެދުބަސްފުޅެވެ. ދަރިކަލަކު ހިއްޕެވުން އެއީ، ﷲ އަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ! އެ އިލާހު ކަމަކަށް ނިޔާކުރައްވައިފި ހިނދު، ފަހެ އެ ކަމަކަށް ހަމައެކަނި ވާށޭ ވަހީ ކުރެއްވުމުން، ދެން އެ ކަމެއް ވެގެންދެއެވެ."

އަދިވެސް އެއިލާހަށް ދަރިކަލަކު ރައްކައުވި ކަމަށް ބުނެ އެބައިމީހުން މި ފަތުރާ ވާހަކައިގެ ނުބައިކަން ބަޔާން ކުރައްވައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ‎﴿٩٠﴾‏ أَن دَعَوْا لِلرَّحْمَٰنِ وَلَدًا ‎﴿٩١﴾‏ وَمَا يَنبَغِي لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا

މާނަ: " އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ ރަޙްމާންވަންތަ އިލާހަށް ދަރިކަލަކުވާކަމަށް އެބައިމީހުން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން ރަޙްމާންވަންތަ އިލާހަށް އެކަށީގެނެއް ނުވެއެވެ."

މި އާޔަތްތަކުން މިއީ ކިހާ އިހާނެތި ވާހަކައެއްކަން ހާމަވެގެން ހިނގައްޖެއެވެ. އަހަރެމެން މުސްލިމުންނަށް ވެ ތިބެ އަހަރެމެންގެ ވެރި އިލާހަށް މިފަދަ ހުތުރު ވާހަކަތައް ބަޔަކު ނިސްބަތްކުތާތަން ބަލަން ހަމަ ޖެހިލާފައި ތިބެވޭނެ ހެއްޔެވެ. ދީނަށްޓަކައި ހިތުގައި ކުޑަ ނަމަވެސް ޣީރަތްތެރިކަމެއް ހުރި މީހެއް ނަމަ، މި ދުވަހުގައި މި ނުބައި ވާހަކަޔާ ދެކޮޅުހަދައި ވާހަކަ ދައްކާނެއެވެ. އެހެނީ މި ވާހަކަ ދޮގު ކުރައްވައި ﷲ ތަޢާލާ ވެސް ވަނީ ބަސް ވަޙީ ކުރައްވާފައެވެ. އެކަމަކު މިވަރު ނުވާތާގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ އަހަރެމެންނަކީ މުސްލިމުންނޭ ބުނާ ބަޔަކު، ކްރިސްމަސް ހެދުމާއި ކްރިސްމަސް ތޮތްޕާ އެއްޗިހި އަޅައިގެން ޕާޓީ ކޮށް، ނަޞާރާއިންނާ އެކީގައި މި ދުވަސް ފާހަގަ ކުރާ ތަނެވެ. ނުވަތަ އެވަރު ނުވާ މީހުން ވެސް "މޭރީ ކްރިސްމަސް" ކިޔައި ނަޞާރާއިންނަށް، ﷲ އަށް ދަރިކަލަކު ރައްކައުވި ކަމަށް މި މީހުން މި ބުނާ ދުވަހުގެ ތަހުނިޔާ އެމީހުންނަށް ކިޔާ ތަނެވެ. އަދި އަނެއްބަޔަކު ކްރިސްމަސް ޓްރީ ތައް ރީތިކޮށް ޖަރީ ކުރުމާއި ކްރިސްމަސް ޢީދު ފާހަގަ ކުރާ ޙަފްލާތަކަށް ތަންތަން ތައްޔާރު ކުރާ ތަނެވެ.

މިއީ ކިހާ ހިތާމަވެރި މަންޒަރުތަކެއްތޯއެވެ؟ މިސާލަކަށް މީގެއިން މީހެއްގެ މަންމައާ ދިމާލަށް "ކަލޭގެ މަންމައަކީ އެތައް ބަޔަކާ ޒިނޭކުރަމުން ދާ މީހެކޭ" މީހަކު ބުނެފިނަމަ ޔަޤީނުންވެސް ރުޅިއައިސް އެމީހަކާ ދިމާލަށް ހަޅޭއްލަވައި ގަންނާނެއެވެ. ނުވަތަ ފަހަރެއްގައި ގަޔަށް-ބޮލަށް ވެސް އަރައިގެންފާނެއެވެ. ނުވަތަ މިހާރަކަށް އައިސް ބައެއްފަހަރަށް މައިންބަފައިންނަށްވުރެވެސް ބޮޑަށް ބައެއް މީހުން ލޯބިކޮށް އިޙްތިރާމު ކުރާ، ޕާޓީގެ ލީޑަރާ ދިމާލަށް އިނދިކޮޅު ޕާޓީގެ މީހަކު އެއްޗެއް ބުނެއްޖެނަމަ ވެސް ފެނިގެންދަނީ ރުޅި އައިސް، ހަޑި ހުތުރުބަހުން ވާހަކަދައްކައި އެމީހަކަށް ރައްދު ދޭ ތަނެވެ. އަހަރެމެން ހައްދަވައި ގެންގުޅުއްވައި އެންމެހާ ކަމެއް އެންމެ ފުރިހަމައަށް ތަދުބީރު ކުރައްވާ، އަހަރެމެންނަށް ކެއުމާއި ބުއިމާއި މިނޫންވެސް އެންމެހާ ރިޒުޤެއް ދެއްވާ އަހަރެމެންގެ ވެރި ރައްބަށްޓަކައި މިއާ ގާތްކުރާ ވަރުގެ ލޯތްބެއް ވެސް ހިތުގައި ނުވަނީ ތޯއެވެ؟ ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ފަހަރެއްގައި މީހަކު ބުނެފާނެއެވެ. "އަހަރެމެން އެ ބާޠިލު ޢަޤީދާ ޤަބޫލެއް ނުކުރަމެވެ. އަހަރެމެން "މެރީ ކްރިސްމަސް" ކިޔައި އެމީހުންނަށް މަރުހަބާ މި ކިޔަނީ އެކުވެރިކަމާއި ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށެވެ." މިއީ ވަރަށް ނުރައްކާތެރި ވާހަކައެކެވެ. އެހެނީ، މުސްލިމުންނާ ޢަދާވާތްތެރި ނުވާ ނަޞާރާއިން ނުވަތަ އެނޫން ދީނެއްގެ ބަޔަކާ ޞުލްޙަވެރިކޮށް އުޅުމަށްޓަކައި އަހަރެމެން މުސްލިމުން އެމީހުންގެ ދީނީ ޙަރަކާތްތަކުގެ ތެރެއަށް ވަންނަން ވެއްޖެ ނަމަ، މާދަމާ ޢީސާ ޢަލައިހިއްސަލާމަށް އަޅުކަން ކުރާ ދަރަޖައަށްވެސް ގޮސްދާނެއެވެ. ބުދަށް އަޅުކަންކުރާ ދީންތަކުގެ ބުދުތަކަށް ސަޖިދަ ޖަހަންވެސް ފެށިދާނެއެވެ. މިހުރިހާ ކަމެއް ވެސް ކުރާނީ "އެކުވެރިކަމާއި ސުލްޙައިގެ" ބެނާގެ ދަށުގައެވެ. މިއީ މުސްލިމުންގެ ގޮތެއް ނޫނެވެ. ތިބާގެ އަވައްޓެރިއެއްކަމުގައި ނުވަތަ ގޭގައި ކުއްޔަށް އުޅޭ މީހަކީ ނުވަތަ ރަށުން ފެންނަ ފަތުރުވެރިއަކީ ސުލްޙަވެރި ނަޞާރާއެއްކަމުގައި ވާނަމަ، އޭނާއާ ބާއްވަން ޖެހޭ ޕްރޮފެޝަނަލް ގުޅުން ބޭއްވުމުގައި މައްސަލައެއް ނެތެވެ. އޭނާއާ ވާހަކަދައްކައި އުފާވެރި މޫނަކާއެކު އޭނާއާ ބައްދަލުކޮށް އަބަދުވެސް އިސްލާމީ ރިވެތި އަޚްލާޤިއްޔަތުގެ ރިވެތިކަން އޭނާއަށް ދައްކުވައިދެމުން އުޅެވިދާނެއެވެ. މިއީ އެކުވެރިކަމާ ސުލްޙައަށްޓަކައި ކުރެވޭ ކަންކަން ނޫން ހެއްޔެވެ. އެހެނަސް، މި ބޭނުމަށްޓަކައޭ ކިޔައި އެމީހުންގެ ދީނީ ޝިޢާރުތައް ފާޅުކޮށް، ދީނީ ޢީދު ތަކުގައި ތަހުނިޔާ ކިޔައި، އެޢީދުތައް ފާހަގަ ކުރުމަށް ބޭނުންވާ ތައްޔާރީތައް ކޮށް ހެދުމަކީ ހުއްދަވެގެން ވާ ކަންތައްތަކެއް ނޫނެވެ.

އަދިވެސް މީހަކު ބުނެފާނެއެވެ. ބައެއް ނަޞާރާއިން ވެސް މުސްލިމުންގެ ޢީދު ދުވަހުގައި މުސްލިމުންނަށް ތަހުނިޔާ ކިޔައެވެ. އެހެންވީމާ އަހަރެމެން އެފަދައިން އެބައިމީހުންނަށް ތަހުނިޔާ ނުކިޔަންވީ ކީއްވެ ހެއްޔެވެ؟ މިއީ ވެސް ކުރިން ދެކުވެނު ވާހަކައެކޭ އެއްފަދައިން ވަރަށް ނުރައްކާތެރި ވާހަކައެކެވެ. އެހެނީ އެނަޞާރާއިން ވަނީ އެބައިމީހުންގެ ދީން ކޮށައި މަށައި، އޭގެއިން ހިތައް އެރި ބައިތަކެއް އުނިކޮށް، ފޮނިތޮއްޓާއި ކާފުރުތޮޅިއާއި މިނޫން ވެސް ތަކެތި ބޭނުން ވަރަކަށް އިތުރުކޮށްގެން ދީން އެއްކޮށް ބަދަލުކޮށްފައެވެ. އަދި މިޒަމާނުގެ ލިބަރެލިޒަމްގެ އަވައިގައި ޖެހި މި ދީން މިވަނީ "ރިފޯމް ކޮށް" މުޅިން ލާދީނީ ސެކިއުލާ ދީނަކަށް ހަދާފައެވެ. މިދީނަށް އުޅޭ މީހުން އެހާމެ މަދެވެ. ޗާޗު ތަކަށް ހާޒިރުވާ މީހުން މަދުކަމުން އެތައް ބައިވަރު ޗާޗު ތަކުގެ ޙަރަކާތްތައް ވަނީ ހުއްޓާލަން ޖެހިފައެވެ. އަހަރެމެން ޙުއްޖަތަކަށް ނަގަންވީ މިފެންވަރުގެ ބައެއްގެ ޢަމަލުތޯއެވެ. އެމީހުން ކަމެއް ކުރިއްޔާ އެކަމެއް އަހަރެމެން ކުރަން ޖެހޭ ހެއްޔެވެ. އެބައިމީހުން ޟޮއްބުގެ ހޮރަށް ވަން ކަމުގައި ވީނަަމަ ވެސް އެމީހުންނާއެކީގައި އެ ހޮރަކަށް ވަންނަން އުޅޭނޭ ބަޔަކު އަންނާނެ ވާހަކަ ނަބިއްޔާ ވަނީ ޙަދީޘްކުރައްވާފައެވެ. (ޙަދީޘް ރިފަރެންސް: ބައްލަވާ ޞަޙީޙުލްބުޚާރީ 6928 ، 7320) އަހަރެމެން ވީ އެފަދަ ބަޔަކަށް ވާން ހެއްޔެވެ؟

ދެން އަނެއް ބަޔަކު އުފައްދާ ސުވާލަކީ، ވަޒީފާގެ ގޮތުން ކްރިސްމަސް ފާހަގަ ކުރުމަށް ތަންތަން ތައްޔާރު ކުރަން ޖެހެއެވެ. އަދި އެބައިމީހުންނަށް ތަހު ނިޔާވެސް ކިޔަން ޖެހެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދަންނާށެވެ. ﷲ އަށް އުރެދިފައި އެމީހަކަށް ތަބާވާން ޖެހޭ އިންސިއެއް ޖިންނިއެއް ނުހުންނާނެއެވެ. ރާއްޖޭގައި އެހެން ދީނެއްގެ ޝިޢާރެއް ފާޅުކުރުމަކީ ޤާނޫނީ ގޮތުން ވެސް މަނާކަމެކެވެ. އަދި އަމުދުން އެއީ މުސްލިމެއްކަމުގައި ވާނަމަ، އޭނާގެ ދީން ވެސް މަނާ ކުރާ ކަމެކެވެ. އެހެންކަމުން މި ނުބައި ޢީދު ފާހަގަކުރުމަށް ކުރެވޭ އަމުރަކީ އެންމެ ފުރަތަމަ ކަމަކަށް ބާޠިލު އަމުރެކެވެ. އަދި އެ އަމުރަށް ކިޔަމަންވާކަށް ނުވެސް ޖެހޭނެއެވެ. ޚާލިޤަށް އުރެދޭކަމެއްގައި އެއްވެސް މަޚުލޫޤަކަށް ތަބާވުމެއް ނުވެއެވެ. އެހެންކަމުން އެއަމުރަށް ތަބާ ނުވުމުގެ ގޮތުން ވަޤުތާއި ޙާލަތު ތަންދޭ ގޮތަކަށް ޢަމަލު ކުރާށެވެ. އޭގެ ސަބަބުން ތިބާގެ ވަޒީފާ ގެއްލިއްޖެ ނަމަ ހަނދާން ކުރާށެވެ. ރިޒުޤަކީ އެމީހުން ދޭ އެއްޗެއް ޏޫނެވެ. ރިޒުޤަކީ "އައްރާޒިޤު" އެބަހީ ﷲ ތަޢާލާ އެއިލާހު އިރާދަކުރެއްވި އަޅަކަށް އިރާދަ ކުރައްވާ މިންވަރަކަށް ދެއްވާ އެއްޗެކެވެ. އަދި ކޮންމެ މީހަކަށްމެ އެމީހަކަށް ލިބުމަށް ލިޔުއްވާފައިވާ ރިޒުޤެއް ލިބޭނެއެވެ. މީސްތަކުންނަށް ވަނީ ޙަލާލު ގޮތުގައި ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމެވެ. ހަމަ އެހެންމެ ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއާ ބެހޭ ގޮތުން ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ.

إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ (23074 مسند أحمد)

މާނަ: "މީހަކު ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފިނަމަ، ﷲ އޭނާއަށްޓަކައި އެ ދޫކޮށްލި ކަމުގެ ބަދަލުގައި އެއަށްވުރެ ހެޔޮ ކަމެއް ދެއްވާހުއްޓެވެ."

ޚުލާޞާއަކީ، ކްރިސްމަސްއަކީ ޖާހިލީ ޝިރުކީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނަޞާރާއިންގެ ދީނީ ޢީދެކެވެ. މިޢީދުގެ އެއްވެސް ކަމެއްގައި އެއްވެސް ސިފައެއްގައި ބައިވެރި ވުމަކީ އަހަރެމެން މުސްލިމުންގެ މައްޗައް އެއްވެސް ސިފައެއްގައި ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ.