މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން ފަހުމު ނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމު ނާމާގައި ސޮއިކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ކުޅުދުއްފުށި ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުގެތެރެއިން އިއްޔެ އެވެ.
މި ފަހުމު ނާމައިގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން މޭޔަރު މުހައްމަދު އާތިފް ސޮއި ކުރެއްވިއިރު، ތިނަދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް ސައުދު އަލީ އެވެ.
މި ފަހުމު ނާމާ އާ ގުޅޭގޮތުން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި އެއްބަސްވުމުގެ މަގުސަދަކީ ދެކައުންސިލުގެ ދެމެދު މުވައްޒަފުން ބަދަލުކޮށް ކަނޑައެޅޭ މުއްދަތަކަށް މަސައްކަތްކޮށް ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި ދެ ކައުންސިލަކީ ވެސް ވަރަށް އެއްގޮތަށް މަސައްކަތްކުރާ ދެ ކައުންސިލްކަމުގައި ވާތީ މިފަދަ ކަމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ރަށާ (ކުޅުދުއްފުށި)، ތިނަދޫ އަކީ ވަރަށް އެއްގޮތް ދެރަށް. އުތުރުގެ ރަށްތަކުގެ ތެރެއިން އަބަދުވެސް އެންމެގިނަ މީހުން އަރާފައިބާ ރަށަކަށް މިރަށްވާއިރު، ތިނަދޫ އަކީ ވެސް ހަމަ އެކަހަލަ ރަށެއް. އަތޮޅުގެ އެހެން ރަށްތަކުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހިދުމަތް ހޯދާ ދެރަށް މީ." އާތިފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ދެ ކައުންސިލުން ވެސް ކަނޑައަޅާ ވަކި މުއްދަތަށް މުވައްޒަފުން ބަދަލުކޮށް، ދެ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ދެނެގަންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޮންމެ ކައުންސިލަކުން ވެސް ކުރާ ރަނގަޅު ކަންކަން ދެނެގަނެވި، ރަނގަޅުކުރަން ހުރި ކަންކަން ވެސް ހޯދޭނެ ކަމަށެވެ.
މީގެ އިތުރުން ދެ ކައުންސިލުގެ މަސައްކަތްތައް އެއްގޮތްކޮށް، ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާ އާއި މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހައްލުކުރުމުގައި ދަތިވާ ކަންކަން މައި ސަރުކާރާ ހަމައަށް ފޯރުކޮށްދިނުމަށް ވެސް ފަސޭހަ ވާނެކަން ފާހަގަ ކުރެއްވިއެވެ.
މި ފަހުމު ނާމާއަކީ މިހާރުއޮތް ކައުންސިލުގެ ދައުރު ހަމަވުމާއި ހަމައަށް އެކުލަވާލާފައިވާ ފަހުމުނާމާ އެއްކަން ފާހަގަކުރައްވަމުން މޭޔަރު އާތިފް ވިދާޅުވީ، މި ފަހުމު ނާމާއަށް 2026 ވަނަ އަހަރުގެ މެއި ހަމައަށް އަމަލުކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!