ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2022" ފަށައިފިއެވެ.

މިއަދު ހަވީރު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޝީލްޑާއި އަހުލީއެވެ. މި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޝީލްޑުންނެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 27، އަބޫބަކުރު ސިއްދީގެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި އަހުލީގެ ޖޯޒީ ނަމްބަރު 99، ތޯހާ ޚާލިދު ލަނޑުޖަހައި ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު އަހުލީގެ ހުސެއިން ނިއުޝާދުގެ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ޝީލްޑަށް ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބިފައެވެ.

އަހުލީން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ ޖޯޒީ ނަމްބަރު 10، އަލީ ހުސެއިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވަނީ ބައިވެރި ވެފައެވެ. އެ ޓީމް ތަކަކީ ޔޫތު ފުރެންޑްސް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާރސް، ރޫޙް ޝީލްޑްގެ އިތުރުން ފަލްކޮންއެވެ.

މުބާރާތް ރާވާލާފައި ވަނީ ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގައި ހިމެނެނީ ޝީލްޑް، އަހުލީ، ޔުނީފޯމް އަދި ޔޫތު ފްރެންޑްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ރޫހް، ރިއަލް ސްޓާރސް އަދި ފަލްކޮންއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހު 5 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާ ހަވީރު 16:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ރޫހްއާއި ފަލްކޮންއެވެ.