ސްރީލަންކާގެ ރިޔާސީ އިންތިޙާބުގެ ވޯޓުލުން ފަށައިފި

78D358B5-B801-4091-ADED-9D4C018BFB7B

ސްރީލަންކާގެ ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިޙާބުގެ ވޯޓުލުން ފަށައިފިއެވެ.

ސިޔާސީ އެކި ފިކުރުގެ 35 ކެންޑިޑޭޓަކު ވާދަކުރައްވާ މި އިންތިހާބުގައި ވޯޓުލާން ފަށާފައިވަނީ ލަންކާ ގަޑިން މިއަދު ހެނދުނު 7:00 ޖެހި އިރެވެ. ވޯޓުލުން ކުރިޔަށް ދާނީ ލަންކާ ގަޑިން ހަވީރު 5:00 ޖެހުމާއި ހަމަޔަށެވެ. މިއީ މިހާތަނަށް ލަންކާގެ ރިޔާސީ އިންތިޙާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ. ކުރިން ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅެއް މި އިންތިހާބުގައި ވާދަ ނުކުރައްވައެވެ.

15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގައި ލަންކާގެ އެކި ހިސާބުތަކުގައި 12،845 ވޯޓުލާ މަރުކަޒު ގާއިމުކޮށްފައިވާކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެންމެ ވާދަކުރައްވާނެކަމަށް ލަންކާ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ މިހާރުވެސް ވެރިކަން ކުރަމުންދާ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖީތު ޕްރޭމަދާސައާއި އިދިކޮޅު ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސަ ގެ ކޮއްކޮ ގޮތަބާޔާ ރާޖަޕަކްސައެވެ. އަދި އެގައުމުގެ ކޮމިއުނިސްޓް (މާކްސިސްޓް-ލެނިނިސްޓް) ފިކުރުގެ ޕާޓީއެއް ކަމުގައިވާ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަދި ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކަ (އޭކޭޑީ) އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބަލިކުރައްވާ، 2015 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ސްރީލަންކާގެ ރިޔާސަތުގައި މިހާރުވެސް ހުންނެވި މައިތްރިޕާލަ ސިރިސޭނާ ވަނީ 2 ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައެވެ. ނަމަވެސް އެއީ ކީއްވެކަމެއް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *