ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އައިފާސް ޑްރީމްސް ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ
ބޭސިކުން ފެށިގެން އެޑްވާންސް ލެވެލް 1 އަށް ކުރިއަށް ގެންދާ މި ކޯސް އެ ރަށުގައި ބޭއްވުމުގެ މަޤުޞަދަކީ ކޯހުގެ ޒަރިއްޔާއިން އެ ރަށުގެ ގިނަބަޔަކަށް ފެހުމުގެ ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުންހިފައި އެކަމުން އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ.
މި ކޯހުގައި އަމިއްލައަށް މިންނަގައިގެން ހެދުން ކެނޑުމާއި އެކިފަރުމާތަކަށް ތަފާތު ފޭރާން ތައްޔާރުކުރަން ދަސްކޮށްދޭނެއެވެ. މީގެ އިތުރުން ފޮތީގައި ތަފާތު ވައްތަރުގެ މައު ހެދުމާއި ރިބަނުގެ މަސައްކަތްތައް ދަސްކޮށްދޭނެއެވެ. މިނަލާއި ވެލިފޮތީގެ މަސައްކަތްތަކާއި ފޮތި ތައްޔާރުކޮށް އަމިއްލަވަންތަ ފެބްރިކް ޕެއިންޓް، އާރޓް އަދި ބެޓިކް ފަދަ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ފެހުމުގެ ފަންނީ ހުނަރުތަކާއި ކަވި މަސައްކަތްތަކާއި ފެހުމުގައި ދިމާވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލުތައް ދަސްކޮށްދޭނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސަށް ވަނީ ހުޅުވާލާފައެވެ. ސްކޫލް ދަރިވަރުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހެއެވެ.
ޖަނަވަރީ 01 ވަނަ ދުވަހު މި ކޯސް ފެށުމަށް ތާވަލު ކޮށްފައިވާއިރު، ކޯހުގައި ބޭނުންކުރާ އެންމެހާ ސާމާނު، ކޯސް ހިންގާ ފަރާތުން ފޯރު ކޮށްދޭނެއެވެ. ބައިވެރިން ހޯދަން ޖެހޭނީ ފަހާފޮށި އެކަންޏެވެ.
މި ކޯހުގައި 29 ބައިވެރިންނަށް ވުރެ މަދުން ބައިވެރުވެއްޖެ ނަމަ ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) ރުފިޔާއެވެ. ބައިވެރިންގެ އަދަދު 30 އަށް ވުރެ މަތިވާނަމަ ކޯސް ފީއެއްގެ ގޮތުގައި ބައިވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 1800 (އަށާރަސަތޭކަ) ރުފިޔާއެވެ. އަދި މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 200-300 އާއި ދެމެދުގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރެއްވުމަށާއި މަޢުލޫމާތު ސާފް ކުރެއްވުމަށް ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ޚިޒައިމާ މުޙައްމަދަށް ގުޅުއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ. (9860865 / 7718844)
މި ކޯހިގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ނަމްބަރުތަކަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!