އަންހެނުންނަށް ކުރާ އަނިޔާތަކާގުޅޭ ގޮތުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ޕްރޮފެޝަނަލް ގޮތުން ވިސްނުން ހާމަކުރައްވަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލު، މެންބަރު ޢަލީ ޙުސައިން އަކީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ. އޭނާ އެމްއެންޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމުން ބައެއް ފަރާތްތަކުން ވަނީ އޭނާގެ ސިޔާސީ ވިސްނުން ބަދަލުވީތޯ ސުވާލު އުފައްދާފައެވެ.
މެންބަރު ޢަލީ ''ތިލަދުން'' އަށް ވިދާޅުވީ، އެއީ ސިޔާސީ ވިސްނުމެއްގައި ބައިވެރިވި އިވެންޓެއް ނޫންކަމަށެވެ. އަދި އެ އިވެންޓްގައި ބައިވެރިވީ ޕްރޮފެޝަނަލް ކަމާއެކު ވިސްނުން ހާމަ ކުރައްވަންކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑު މީގެ ކުރިން އެހެން ބައެއް ޕާޓީތަކުގެ ޕޯޑިއަމްގައި ވެސް ވާހަކަ ދައްކާފައި ހުންނާނެ، މިސާލަކަށް އެމްޑީޕީގެ ޕޯޑިއަމްގައި ވެސް ވާހަކަ ދައްކާފަ ހުންނާނެ، އެއީ ޕާޓީ ބަދަލު ކުރުމަށް ނޫނީ ކޮށްގެން ކުރިކަމެއްނޫން'' ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، ޕާޓީ ބަދަލު ކުރެއްވުމުގެ ވިސްނުން އަދި އޭނާ ނުގެންގުޅުއްވާ ކަމަށެވެ.
މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވެފައި ވަނީ އަނިޔާގެ ބިންގަލަކީ އިންސާނީ ޙައްޤުތައްކަމަށެވެ. އަދި އިންސާނީ ހައްގު ފެށޭ ހިސާބަކީ ވެސް ނިމޭ ހިސާބަކީ ވެސް އަނެކާގެ ހައްގު ކަމަށާއި، އެއްވެސް މީހަކަށް އަނިޔާ ލިބެން ނެދޭ ކަމަށް ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނުގައި ވެސް އަންހެނުނަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ކަމަށާއި، އަންހެނުންނަށާއި، އަންހެން ދަރިންނަށް ހާއްސަ ރައްކާތެރިކަމެއް ދިނުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށެވެ.
''އެހެންވީމަ އަޅުގަނޑުމެން އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ދުވަހެއް ފާހަގަކުރާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ ކޮންމެ މީހަކު ވެސް އަންހެނުންނަށް، އަންހެން ކުދިންނަށް ޖެއްސުމެއް އަނިޔާއެއް ނުލިބޭކަން ކަށަވަރު ކުރުމަކީ ކޮންމެ މީހަކުމެ ފަރުދީގޮތުން ނަގަންޖެހޭ ޒިންމާއެއް'' ޢަލީ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!