މިއަހަރުގެ ނިވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭ ތިރީގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗް ގެ އައިސީޔޫ ގައި ފަރުވާދެމުން ދިޔަ މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

Ad
rt

ރާއްޖޭގައި މިހައިތަނަށް ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެގިނަ މީހުން ނިޔާވެފައިވަނީ މި ހާދިސާގަ އެވެ. އެގޮތުން އެ ގޭގައި ދިރިއުޅުނު 10 ބިދޭސީއެއް ވަނީ ނިޔާވެފަ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 8 މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހުން ނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން ނެވެ.

އެ އެންމެންގެ ހަށިގަނޑުތައް މިހާރުވަނީ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފަ އެވެ.

މި ހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާ ތަކަށް ގެންދިޔަ މީހުންގެ ތެރެއިން އެންމެން މިހާރުވަނީ ވަގުތީ ހިޔާތަކުން ދޫކޮށްލާފަ އެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެންދިޔަ ކަމަށާއި މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ.

އެއީ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ. ސޭންޑްރޯސްގެ 1 ގޭބިސީ އާއި މ. ވާދީގެ 4 ގޭބިސީއެއްގެ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ އޮތޯރިޓީން އިތުރަށް ވިދާޅުވީ މިގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށާއި އެ ހާދިސާގައި އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ގެކަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން މިހާރުކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އަދި މިހާރުކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

ހަމަމިއާއެކު، މީގެ ތެރެއިން 5 ގޭބިސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހާދިސާގައި ގެއްލުންވި ހުރިހާ އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް ބޭނުންވާ މާލީ އެހީ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ހާދިސާ އަންނަނީ ތަހުގީގު ކުރަމުން ނެވެ.