ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި އެވެ.
މިއީ މޯލްޑިވްސް ނެޝަނަލް އިންސިޓިޓިއުޓް އޮފް ސްޕޯޓްސް ގެ އެހީތެރިކަމާއެކު، ޔޫތް މިނިސްޓްރީ އާއި ހޭންޑްބޯލް މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހާއި ގުޅޭގޮތުން ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) "ތިލަދުން" އަށް ވިދާޅުވީ އިއްޔެ ފެށި މި ކޯސް ޑިސެމްބަރު 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި ކިޔަވައިދޭނީ ހޭންޑްބޯލް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުން ކަމުގައިވާ ނަސްފާ އާމިރާ އާއި އިބްރާހިމް ހައިޝަމް އަބްދުﷲ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ މިހައިތަނަށް އެންމެ ގިނަ މީހުން ނަން ނޯޓު ކުރި ކޯސް ކަމަށާއި އެގޮތުން 166 މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި ކޯހަށް ބައިވެރިވުމަށް ހުޅުވައިލާފައިވަނީ ޔޫތް މިނިސްޓްރީން ކަމަށާއި ޝަރުތު ހަމަވާ މީހުން ހޮވާފައިވަނީ އެ މިނިސްޓްރީ އާ އެސޯސިއޭޝަންގެ މަޝްވަރާގެ މަތީން ކަމަށެވެ.
މި ކޯހަށް މީހުން ހޮވުމުގައި އެންމެ އިސްކަމެއް ދީފައިވާނީ ކޮންމެވެސް ވަރަކަށް ހޭންޑްބޯލްގެ ހަރަކާތްތަކުގައި އުޅެފައިވާ މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އެންމެ ގިނަ މީހުން ނަން ނޯޓުކުރި ފަހަރު. މިނިސްޓްރީން އެކަމަށް ހުޅުވާލުމުން 166 މީހުން ނަން ނޯޓުކުރި. މިއީ ވަރަށްބޮޑު ތަރުހީބެއް." މުޖޭ ވިދާޅުވި އެވެ.
އިތުރަށް މުޖޭ ވިދާޅުވީ މި ކޯހުގައި ބައިވެރިކުރީ 35 މީހުން ކަމަށާއި އިތުރު ކޯހެއް އަންނައަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބުރުގައި ވެސް 32 ނުވަތަ 35 މީހުން ބައިވެރިކުރާނެ ކަމަށް ވިދާޅުވި އެވެ.
ހޭންޑްބޯލްގެ ރާއްޖޭގެ ކުރިމަގާއި ގުޅޭގޮތުން މުޖޭ ވިދާޅުވީ މިއީ ކުރިއެރުވިދާނެ ކުޅިވަރެއް ކަމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދިދާނެ ކުޅިވަރެއް ކަމަށެވެ.
މި ކުޅިވަރުން މާބޮޑު ކާމިޔާބީއެއް ރާއްޖެއަށް އަދިލިބިފައި ނެތަސް، އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނުން އެންމެފަހުން ބޭއްވި ސަރަހައްދީ މުބާރާތުން ފެއަރޕްލޭ ޓީމުގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ސައުތު އޭޝިއާ ސަރަހައްދުގައި އޮންނަ 8 ގައުމުގެ ތެރެއިން 5 ވަނައިގާ ރާއްޖެ އޮތުމަކީ ވެސް ކާމިޔާބީއެއް ކަމަށް ދެކެއެވެ.
މީގެ އިތުރުން ސައުތު އޭޝިއާގެ ގައުމުތަކުން ރާއްޖޭގެ ޓީމުގެ މައްޗަށް ހޯދަމުންދިޔަ ބޮޑު ކާމިޔާބީގެ ފަރަގު ކުޑަކުރުމަކީ ވެސް އުފާ ކުރާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަމާޒު ހިފާފައިވަނީ ސައުތު އެޝިއަން ގޭމްސްގައި ރާއްޖެއަށް މެޑައްޔެއް ހޯދުމަށް ކަމަށާއި އެގޮތުން ސާރބިއާގެ ކޯޗެއް ގެނެސް، އަންނައަހަރުގެ ޖެނުއަރީ ގައި ފަރިތަކުރުންތައް ފެށުމުގެ ތައްޔާރީތައް ވަމުން ކަމަށް ވެސް މުޖޭ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!