ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

އެރަށު ކައުންސިލުން ވިދާޅުވީ އެ ހިދުމަތް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާފޯމް "ފެނުގެ ހިދުމަތާއި ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

Ad
rt

އެގޮތުން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހަމަކޮށް މިކައުންސިލަށް ހުށަހެޅުއްވުން އެދޭ ކަމަށާއި ނުވަތަ neykurendhoo.ffice@gmail.com އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.

އެ ކައުންސިލުން ވިދާޅުވީ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޑިސެމްބަރ 11 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށް ކަމަށެވެ.

މިއީ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަނާއި ނަރުދަމާގެ ކަނެކްޝަން ގުޅައި ދިނުމަށް އެދި ގޭގޭގެ ވެރިފަރާތުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު އެންމެފުރަތަމަ ހުޅުވާލީ މާރިޗު 27 އިން ޖޫން 26 ގެ ނިޔަލަށެވެ.

ނޭކުރެންދޫ ކައުންސިލު އިދާރާ އިން ވިދާޅުވީ ދެވަނަ ފުރުސަތެއް ހުޅުވާލީ، ފުރަތަމަ ހުޅުވާލި މުއްދަތުގެ ތެރޭގައި ބައެއްފަރާތްތަކަށް ފޯމް ހުށަހެޅިފައި ނުވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާތީ ކަމަށެވެ.

އެޕްލިކޭޝަން ފޯމް ހުށަހެޅުމާއި ބަލައިގަތުމާއި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރަމުންދާ ޤަވާޢިދު ނަންބަރ 2020/R-10 " މީހުން ދިރުއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ ހިދުމަތް ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު " ގެ 13 ވަނަ މާއްދާއާއި އެއްގޮތަށް ކަމަށް ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފީ އަކާއި ނުލައި ފެންމީޓަރާއި، ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައި ދިނުމުގައި ބެލެވޭނީ މި ގަވާއިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގިންތިތަކުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފޯމް ބަލައި ގަތުމާއި ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ އަދަދު ނިންމުމުގައި ވެސް ޢަމަލު ކުރާނީ މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް ހައުސިންގ މިނިސްޓްރީ އިން އަންގަވާފައިވާ ކަމަށް ވެސް ނޭކުރެންދޫ ކައުންސިލުން ވިދާޅުވި އެވެ.

އެ ކައުންސިލުން ވިދާޅުވީ ފޯމް ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަަމަށާއި އިތުރު މައުލޫމާތު ސާފުކުރައްވަށް ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި 6520042 އަށް ގުޅުއްވުމަށް އެދޭ ކަމަށެވެ.